ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަ ޑުރޯ ކުރަން، (ރުފިޔާ ޗާޕު ކުރެވޭ ގޮތަށް) ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް ދީފައިވާ ހުއްދައިގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްދިނުމަށް އެދި މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މިއީ އެ ހުއްދައިގެ މުއްދަތު އިތުރު ކޮށްދިނުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ތިންވަނަ ފަހަރުއެވެ.
މިނިސްޓަރު މިކަމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ މަޖިލީހަށް ފޮނުއްވި ސިޓީއަކުންނެވެ. މި ހުއްދަ ދިނުމަށް ޓަކައި މަޖިލީހުން ކުރަން ޖެހޭ ކަމަކީ ފިނޭންސް މިނިސްޓަރު ހުށަހަޅުއްވާފައިވާ ގޮތަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަކި މާއްދާތަކަކަށް އަމަލުކުރުން ހުއްޓާލަން ފާސް ކުރުމެވެ.
އެންމެ ފުރަތަމަ އެކަމަށް އެއް އަހަރު ދުވަހުގެ ހުއްދަ ދޭން މަޖިލީހުން ފާސްކުރީ ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ދިމާވި މައްސަލަތަކާ ގުޅިގެން 2020 ވަނަ އަހަރުގަ އެވެ.
އެ މުއްދަތު އިތުރު އެއްއަހަރު ދުވަހަށް މަޖިލީހުން އިތުރު ކޮށްދީފައި ވަނީ މިއަހަރުގެ އޭޕްރީލް މަހުން ފެށިގެންނެވެ.
އަންނަ އަހަރުގެ އޭޕްރީލް މަހުގެ 26 ދުވަހުން ފެށިގެން އެ މުއްދަތު އިތުރު އެއް އަހަރު ދުވަހަށް އިތުރު ކޮށްދެއްވުމަށް އެދިވަޑައިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ވޭތުވެދިޔަ 18 މަހެއްހައި ދުވަހުގެ ތެރޭގައި މި އިސްތިސްނާގެ ސަބަބުން ދައުލަތުގެ ހަރަދުތައް ހަމަޖައްސައި، ހިދުމަތްތަކަށް ބުރޫ އެރިޔަ ނުދީ ދައުލަތް ހިންގުމުގެ ފުރުސަތު ލިބުނު ކަމަަށެވެ. އަދި އިގްތިސޯދީ ގޮތުން ފުން ވަޅުގަނޑަކަށް ރާއްޖެ ވެއްޓުނު ވަގުތު، ވިޔަފާރިތަކާއި އާއްމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ކޮވިޑާ ގުޅިގެން ކުރަން ޖެހުނު ސިއްހީ ހޭދަތަކާއި ރައްކާތެރި ކަމަށް ކުރަން ޖެހުނު ހަރަދުތައް ހަމަޖެއްސުމުގެ ފުރުސަތު ލިބިގެން ދިޔަކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ވެކްސިންގެ ސަބަބުން ކޮވިޑްގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އުންމީދީ ނިޝާންތަކެއް ފެނުމުގެ ސަބަބުން، ބޯޑަރު ހުޅުވާލުމާއެކު ރާއްޖޭގެ ފަތުރުވެރިކަމާއި އިގުތިސޯދީ ދުވެލި ބާރުވެގެން ދިޔަނަމަވެސް، މި ބަލިމަޑުކަމުން ދުނިޔެއަށް އަދިވެސް އަރައިގަނެވިފައި ނުވުމާއި، އިގުތިސޯދީ ހިރާސްތައް އަދިވެސް މަތިކޮށް ހުރުމާއި، ކުރު މުއްދަތެއްގެ ތެރޭގައި ޕަބްލިކް ބޭންކް އެކައުންޓްގެ އޯވަޑްރޯ ކުރި އަދަދު އަނބުރާ ދެއްކުމަކީ ދައުލަތުގެ ކޭޝް ފްލޯ މެނޭޖް ކުރުމާއި ދައުލަތުގެ ބަޖެޓު ތަންފީޒުކުރުމުގައި ދަތިތަކާ ކުރިމަތިވެދާނެ ކަމެއް ކަމަށްވެސް ފިނޭންސް މިނިސްޓަރުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ފައިނޭންސް ހޯދުމަށް އަދި ހުރަސްތަކެއް ކުރިމަތިވެފައި ވުމާއި، އަންނަ 2022 ވަނަ އަހަރުގެ އެޕްރީލްމަހުން ފެށިގެންވެސް ޕަބްލިކް ބޭންކް އެކައުންޓް އޯވަޑްރޯ ނުކޮށް ކުރިއަށް ދިއުމަކީ އިގްތިސޯދަށާއި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ނުރަނގަޅު އަސަރުކުރާނެ ކަމެއް ކަމަށް ވެސް ފިނޭންސް މިނިސްޓަރުގެ ސިޓީގައި ފާހަގަ ކުރައްވާފައިވެއެވެ.
އެހެންކަމުން ޒިންމާވާ ގާނޫނުގެ 32 ވަނަ މާއްދާގެ ހ. އާއި ރ. އަދި ބ. ގެ އިސްތިސްނާއަށް މަޖިލީހުން ދީފައިވާ ހުއްދަ އެއް އަހަރަށް އިތުރު ކޮށްދިނުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.
އެންމެ ފަހުން މި ހުއްދަ އިތުރުކޮށްދީފައި ވަނީ މަރުކަޒީ ބޭންކު، އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން 4.4 ބިލިއަން ރުފިޔާ އޯވަޑްރޯ ކުރުން، ނުވަތަ ދަރަންޏަށް ނެގުމަށެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް