ދައުލަތުގެ ބަޖެޓު

އަހަރެއް ތެރޭ 450 މައްސަލަ ނިންމަން ޖެހޭ، އިތުރު 10 މިލިއަން ބޭނުންވޭ: އޮމްބަޑްސް ޕާސަން

އިބްރާހިމް ޒަކީ

އިންތިގާލީ އިންސާފުގެ އޮފީހުގެ މަސައްކަތްތައް ނިންމުމަށް ގާނޫނުން ކަނޑައަޅާފައިވާ ދެ އަހަރު ދުވަހުގެ ތެރެއިން މިހާރު އޮތް އެއް އަހަރު ދުވަހުގެ މުއްދަތުގައި 450 މައްސަލަ ބަލައި ނިންމަން ޖެހޭ ކަމަށާއި، އެކަމަށް ޓަކައި އެ އޮފީހުގެ މަސައްކަތްތައް ހަލުވި ކުރުމަށް އަންނަ އަހަރު އެ އޮފީހަށް ދޭން ކަނޑައަޅާފައިވާ ބަޖެޓަށް 10.1 މިލިޔަން ރުފިޔާ އިތުރު ކުރަން ޖެހޭ ކަމަށް ޗީފް އޮންބަޑްސް ޕާސަން އަބްދުލް ސަލާމް އާރިފް ވިދާޅުވެއްޖެއެވެ.

ސަލާމް މިހެން ވިދާޅުވީ، އަންނަ 2022 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި އިންތިގާލީ އިންސާފުގެ އޮފީހަށް ހިމަނާފައިވާ ބަޖެޓާ ބެހޭ ގޮތުން ހުރި ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީއާ ހިއްސާ ކުރައްވަމުންނެވެ.

އޮމްބަޑްސްޕާސަންގެ އޮފީހަކީ، ނިޒާމީ ގޮތެއްގައި ރޭވިގެން ހިންގާފައިވާ އަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ހައްގެއް ހިފެހެއްޓިފައިވާ ކަމަށް ބެލެވޭ މައްސަލަތައް ތަހުގީގުކުރަން އުފެއްދި އޮފީހެކެވެ. އެ އޮފީހަށް މައްސަލަ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި 487 މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން އެ އޮފީހަށް ބެލޭނެ ކަމަށް ކަނޑައަޅާފައިވަނީ 449 މައްސަލައެކެވެ. ނުބަލަން ކަނޑައެޅީ 26 މައްސަލައެކެވެ. އޮމްބަޑްސްޕާސަންގެ އޮފީހުން ބަލާނީ ޖެނުއަރީ 1953 އިން 17 ނޮވެމްބަރު 2018އާ ދެމެދު ހިނގާފައިވާ މައްސަލަތަކެވެ.

ޗީފް ވިދާޅުވީ، މައްސަލަ ބަލަން އެ އޮފީހުގައި ތިއްބެވީ ހަތް އިންވެސްޓިގޭޓަރުން ކަމަށާއި، އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އެއިން ކޮންމެ ބޭފުޅުންގެ ބޮލަށް 80 މައްސަލަ ޖެހޭ ކަމަށެވެ.

މީޑިއޭޝަން މަރުހަލާއަށް ދާ މައްސަލަތަކަށް މަސައްކަތް ކުރެއްވުމަށް ތިއްބެވީ އެންމެ ދެ މީޑިއޭޓަރުން ކަމަށާއި އެއީ ބޮލަކަަށް ގާތްގަނޑަކަށް 240 މައްސަލަ ޖެހޭ އަދަދެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިކްޓިމްސަޕޯޓު ދޭން ހުރީ އެންމެ މުވައްޒަފެއް ކަމަށާއި، ގާނޫނީ ލަފާ ދިނުމަށްވެސް ހުރީ އެންމެ މުވައްޒަފެއް ކަމަށްވެސް ވިދާޅުވިއެވެ.

ލިބިފައިވާ އެއް އަހަރު ދުވަހުގެ ތެރޭގައި މައްސަލަތައް ނިންމަން، އިތުރު އިންވެސްޓިގޭޓަރުންނާއި، ތިން މީޑއޭޓަރުންގެ އިތުރުން ވިކްޓިމް ސަޕޯޓުގެ މަގާމަށާއި، ލީގަލް އެގްޒެކްޓިވްގެ މަގާމަށް އިތުރު މުވައްޒަފަކު ބޭނުންވާ ކަމަށްވެސް ވިދާޅުވިއެވެ. އޭގެ އިތުރުން ލިބިފައިބާ އޮފީސް ސްޕޭސް އެ މަސައްކަތްތަކަށް އެކަށީގެން ނުވާތީ އެކަމަށްވެސް ގޮތެއް ހަމަޖައްސައިދިނުމަށްވެސް ކޮމިޓީގައި އެދިވަޑައިގެންނެވިއެވެ.