ބޮޑެތި ކުށްތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް މޮނީޓާ ކުރުމަށް ފައިގައި އަޅުވާ މޮނިކޮން ޓެގާއި އޭގެ ހިދުމަތް ދޭނެ މީހުން ހޯދުމަށް ހޯމް މިނިސްޓްރީން އިއުލާން ކޮށްފި އެވެ.
ރާއްޖެއިން މޮނިކޮން ޓެގުގެ ސްޓޮކް ހުސްވެފައިވާ ކަމަށް ފުލުހުންނާއި ހަވާލާދީ އެމްޑީޕީގެ "މެއި ހައެއް" ކޮމިޓީން ވަނީ މީގެ ކުރިން ބުނެފަ އެވެ.
ހޯމް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މީހުން މޮނިޓާ ކުރުމަށް ޓަކައި އިލެކްޓްރޯނިކް ނިޒާމް ގާއިމު ކުރުމަށް ބޭނުންވާ ތަކެއްޗާއި، އެ ހިދުމަތް ގާއިމުކޮށްދިނުމާއި، އަދި ޓްރޭނިން ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެހެން ކަމުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެ އިއުލާނުގައި ބުނެފައިވަނީ ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، މި މަހުގެ 18 ވަނަ ދުވަހު [email protected] އަށް މެއިލްކޮށް ބީލަމުގައި ރަޖިސްޓަރީ ކުރަން އެދޭ ކަމަށެވެ.
ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 24 ވަނަ ދުވަހު ހޯމް މިނިސްޓްރީގައި ކަމަށްވެސް ބުންޏެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު 32/2015ގެ ހަތަރުވަނަ ބާބުގެ 29 ވަނަ މާއްދާގެ ހ ގައި ބުނެފައިވަނީ ޓެރަރިޒަމްގެ ކުށް ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ހޯމް މިނިސްޓަރަށް ފެންނަ މީހުންގެ މައްޗަށް މޮނީޓާކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެ ކަމަށެވެ. އެ މާއްދާގެ ށ ގައިވަނީ އެފަދަ އަމުރަކަށް ކިޔަނީ މޮނިކޮން އަމުރު ކަމަށެވެ. އަދި އެ އަމުރު ނެރުމާ އެކު ތުހުމަތު ކުރެވޭ މީހުންގެ ފައިގައި މޮނިކޮން ޓެގު އަޅުވައެވެ.
މޮނިކޮން އަމުރުގެ ދަށުން އެންމެ ފުރަތަމަ ޓެގު އަޅުވަން ފަށާފައި ވަނީ ހޯމް މިނިސްޓަރު ކަމުގައި އުމަރު ނަސީރު ހުންނެވި އިރުއެވެ. އެ ދުވަސްވަރު 15 މީހެއްގެ ފައިގައި ޓެގް އަޅުވައިގެން ފުލުހުން މޮނިޓާ ކުރަމުން ދިޔައެވެ. ނަމަވެސް އޭރު ރައީސް އޮފީހުން ނިންމީ ޓެގު އެޅުވޭނީ ހޯމް މިނިސްޓްރީގެ ދަށުން އޮންނަ ކޮމިޓީއަކުން ފާސް ކުރުމުންނެވެ.