އަންނަ 2022 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓް ބަހުސް މިއަދު ނިންމާލައިފިއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ބަޖެޓު ހުށަހެޅުއްވީ ހުސްވި އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު އެވެ.
މަޖިލީހުގެ އާއްމު ކޮމިޓީން ނިންމި ގޮތަށް ބަޖެޓު ބަހުސް ކުރިއަށްގެންދިޔައީ އެކަމަށް ބޭނުންވާ ކޮންމެ މެންބަރަކަށް 15 މިނެޓްގެ ފުރުސަތެއް ދެއްވައިގެންނެވެ.
ހުސްވި އޮކްޓުބަރު މަހުގެ 31 ވަނަ ދުވަހު، ދެ ދުވަހުގެ މުއްދަތަށް އަމާޒު ކޮށްގެން ބަހުސް ފެށި ނަމަވެސް، އެދިވަޑައިގެންނެވި މެންބަރުންނަށް ފުރުސަތު ދެއްވުމަށް ޓަކައި ބައެެއް ދުވަސްތަކުގެ ހަވީރާއެކު ޖުމުލަ ހަތަރު ދުވަހަށް ބަހުސް ކުރިއަށްގެންދިޔައެވެ.
ބަހުސަށް އެދިވަޑައިގެން ތިއްބެވި މެންބަރުން ވާހަކަ ދައްކަވައި ނިމުނީ މިއަދު ތިނެއްޖަހާކަންހާއިރުއެވެ.
ބަހުސް ނިމުމުން ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ވިދާޅުވީ، ބަހުސަށް އެދިވަޑައިގެންނެވި މެންބަރުންގެ ތެެރެއިން ޖަލްސާއަށް ވަޑައިގެން ތިއްބެވި މެންބަރުން ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވައި ނިމުނީ ކަމަށާއި، ޖުމުލަ 70 މެންބަރުން ބަޖެޓް ބަހުސްގައި ވާހަކަ ދެއްކެވި ކަމަށެވެ. އަދި ބަހުސްގައި ޖުމުލަ 16 ގަޑިއިރާއި 12 މިނިޓް ހޭދަ ވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްގެންދާ ކަމަށާއި، އަންނަ ހަފުތާގައި ކޮމިޓީ ރިޕޯޓު މަޖިލިސް ތަޅުމަށް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އީވާ ވިދާޅުވިއެވެ. އޭރުން އާއްމު ކޮމިޓީން ކަނޑައަޅާފައިވާ ގޮތަށް ބަޖެޓު ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް ހަތް މިނިޓްގެ ފުރުސަތެއް އަރުވާނެ ކަމަށްވެސް އީވާ ވިދާޅުވިއެވެ.
އަންނަ 2022 އަށް ސަރުކާރުން ހުށަހަޅާފައި ވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓް ބަހުސްގައި މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުންތަކުގެ ގޮތުގައި ފާހަގަ ކުރައްވާފައި ވަނީ ދަރަނި ބޮޑު ވުމާއި، ބަޖެޓްގައި ހުށަހަޅާފައިވާ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ބަޖެޓްގައި ހިމަނާފައިވާ ގޮތަށް ތަންފީޒު ނުކުރެވިދާނެ މައްސަލައާ މެދުގައެވެ.
އޭގެ އިތުރުން ބައެއް އިދާރާތަކަށް ކަނޑައަޅާފައިވާ ބަޖެޓް ކުޑަކަން ވެސް ބައެއް މެންބަރުން ފާހަގަ ކުރެއްވިއެވެ. އެގޮތުން ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބަޖެޓާއި މިނިވަން ބައެއް މުއައްސަސާތަކަށް ކަނޑައަޅާފައިވާ ބަޖެޓާ ބެހޭ ގޮތުން ބައެއް މެންބަރުން ކަންބޮޑުވުން ފާޅު ކުރެއްވިއެވެ.
ނަމަވެސް ގިނަ މެންބަރުން ވިދާޅުވީ 2022 އަށް ހުށަހެޅި ބަޖެޓަކީ ރަނގަޅު ބަޖެޓެއް ކަމަށެވެ.
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު