ގައުމީ ޓީމުގެ އެންމެ މުހިއްމު ލީޑަރަކީ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ)އެވެ. މިއަދު ކެޕްޓަން ބޭންޑުގައި އޭނާ ހުރީވެސް ލީޑާޝިޕާއި ޑިސިޕްލިންގެ ނަމޫނާގެ ސަބަބުންނެވެ. 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ތަށި އުފުލާލައި، އަކޫ ތާރީހުންވެސް ޖާގަ ހޯދިއެވެ. ހަގީގަތުގައި އަކޫއަކީ އިހުތިރާމް ލިބިގެންވާ، ގައުމީ ކެޕްޓަނެކެވެ. އަބަދުވެސް އިހުލާސްތެރިކަމާއެކު، ތެދަށް ވާހަކަ ދައްކާނެއެވެ. ގައުމީ ޖާޒީ ފުރިހަމައަށް ރަމްޒުކޮށްދޭން އަކޫ އަބަދުވެސް ބުރަކޮށް މަސައްކަތް ކުރުމަކީ އޭނާއަށް ގިނަ ބަޔަކު ލޯބި ދޭ ސަބަބެވެ. ފާޑު ކިޔުންތަކުގެ ތެރެއިން ޓީމު ދިފާއު ކުރާނެއެވެ. ރައްޔިތުންނާ ޓީމާ ގުޅުވާލަވެސް ދޭނެއެވެ.
ފުލުފުލުގައި ރާއްޖެއަށް މި އައި ދެ މުބާރާތަކީ އަކޫއަށްވެސް ޗެލެންޖަކަށް ވާނެއެވެ. ސާފް ޗެމްޕިއަންޝިޕުގެ ހިތްދަތިކަމާއެކު އަކޫއަށްވެސް ހިތާމައާ ކުރިމަތިލާން ޖެހުނު އިރު، މިހާތަނަށް ލަންކާ މުބާރާތުގައިވެސް އަކޫއަށް އަދި ހިތްހަމަ ޖެހުމެއް ނެތެވެ. ލަންކާ ކައިރީ ފުރަތަމަ މެޗުގައި "ހުތުރު ގޮތަކަށް" ރާއްޖެ އެއްވަރުވީ 4-4 އިންނެވެ. އަކޫ ވަނީ އެ މެޗުގެ ވާހަކަވެސް ތެދަށް ބުނެފައެވެ. "ފަރުވާ ކުޑަވީ،" އެވެ. 100 ޕަސެންޓް ނުދެވުނީއެވެ. ދެން އައި މެޗުގައި ބަންގުލަދޭޝް އަތުން ރާއްޖެ ބަލިވީ 2-1 އިންނެވެ. 18 އަހަރަށްފަހު ބަންގުލަދޭޝް އަތުން ވި ފުރަތަމަ ބައްޔެވެ. މާޔޫސް ކަމަކަށްފަހު މާޔޫސް ކަމެކެވެ. ދެން އޮތީ ސީޝެލްސް މެޗެވެ. މޮޅުވާން ޖެހެއެވެ.
"ސީޝެލްސް މެޗަކީ އުނދަގޫ މެޗަކަށް ވެގެންދާނީ. ނަތީޖާތައް ގޯސްކޮށްވެސް ދާތީ. އެހެންވީމަ ވެއްޓުނު އަޑިގަނޑުން އަރައިގަންނަން މާދަމާގެ މެޗުން މޮޅުވުން ނޫން ގޮތެއް ނެތް. އެއީ މިދިޔަ ދެމެޗު ކުޅުނު ކުޅުމުން މިކަން (މޮޅުވާން) ނެތްކަން އެނގިއްޖެ. ބައިވަރު ކަންތައްތަކެއް ބަދަލުވާން އެބަ ޖެހޭ. ކުޅުންތެރިންގެ މަސައްކަތާއި ވިސްނުން ބަދަލު ވާން އެބަ ޖެހޭ. މަސައްކަތް ކޮށްފިއްޔާ ކާމިޔާބުވާނެ ކޮންމެ ކުޅުންތެރިއެއް ހުރި ނަމަވެސް. އިންޝާ ﷲ އެކަން ކުރާނަން،" މިއަދުގެ ޕްރި މެޗު ޕްރެސްގައި އަކޫ ބުންޏެވެ.
އެ ސުވާލު ތިލަކޮށް ދިޔަ ނަމަވެސް، ދެން ނޫސްވެރިޔަކު ކުރި ސުވާލަކުން އަކޫއަށް "ކަމެއް ސާފު ކޮށްލަދޭން،" ޖެހުނެވެ. ނޫސްވެރިޔާގެ ސުވާލުގެ ފޯކަސް ހުރީ "100 ޕަސެންޓް ނުދެވެނީ ޓީމުގައި މައްސަލައެއް އުޅޭތީތޯ، ނޫނީ ކިހިނެއް ވެގެންތޯ" ބެލުމަށެވެ. "ޓީމުގައި ކިކު ނެތް،" ކަމަށްވެސް ނޫސްވެރިޔާ ފާހަގަކުރި އިރު، އަކޫ އެކަމަށް ދިނީ ޖަޒުބާތީ ޖަވާބެކެވެ.
"ކަމެއް ސާފުކޮށްލަދޭން ބޭނުން. ޓީމުގައި ނެތް އެއްވެސް މައްސަލައެއް. ޓީމުގައި ކިކް ނެތީކީ ނޫން. ކުދިކުދި ކަންތައްތަކެއް ބަދަލުކޮށްލައިގެން ބައެއް އުނދަގޫތައް މި އަންނަނީ. އާ ކޯޗަކާއެކު މިހާރު މި ތައްޔާރުވަނީ އާ ކަންތައްތަކަކަށް. މިއީ އެގޮތަށް ބުނަންޏާ އުނދަގޫ ވަގުތު ކޮޅެއް. އަދި އެންމެން ބޭނުންވާ ބޯޅަވެސް ނުކުޅެވިގެން، ނޫނީ ނަތީޖާވެސް ނުނެރެވިގެން މިއުޅެނީ. ތަށި ހޯދަން ވަރަށް ބޭނުން. އެއީ ސާފްގެ ނާކާމިޔާބީން ލިބުނު ހިތްދަތިކަން ހަނދާން ނައްތާލަންވެސް މި ތަށި ވަރަށް ބޭނުން. ކަންކަން ރަނގަޅު ކުރަން މަސައްކަތް މިކުރަނީ. މައްސަލަތަކެއްގެ ވާހަކަ ދައްކަން އުޅޭނަމަ، މިވަގުތު ބާއްވާލަދޭން އެދެނީ. ޓީމުގައި ނެތް އެއްވެސް މައްސަލައެއް، އެންމެން އެކުގައި މަސައްކަތް މިކުރަނީ. އެންމެ މޮޅު ކުޅުން ނުފެނިގެން މިއުޅެނީ އަދި،" އަކޫ ބުންޏެވެ.
ރާއްޖެއިން އެންމެފަހުން ކުޅުނު މެޗުގައި ބަންގުލަދޭޝް މޮޅުވީ 2-1 އިންނެވެ. މެޗުގެ ފަހު ގޯލަކީ ބަންގުލަދޭޝްއަށް ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. މެޗުގެ 86 ވަނަ މިނެޓުގައި ބަންގުލަދޭޝް އަށް ޕެނަލްޓީ ލިބުނީ އޭރިއާ ތެރެއިން ޖުވެލް ރަނާއަށް ރާއްޖޭގެ، އުމުރުން 21 އަހަރުގެ ގޯލްކީޕަރު މުހައްމަދު ނާޖިހު ކުރި ފައުލަކާ ގުޅިގެންނެވެ. ބަންގުލަދޭޝަށް އެ ކައުންޓާ އެޓޭކަށް ފުރުސަތު ލިބުނީ ރާއްޖޭގެ ކެޕްޓަން އަކޫ އަތުން ބޯޅަ ގެއްލުމާއެކުގައެވެ. އެ ގޯލުގެ "ބްލޭމް" ނާޖީގެ ބޮލުގައި އަޅުވާތީ މިއަދުގެ ޕްރެސްގައި އަކޫ ވަނީ އެކަމަށްވެސް ރައްދު ދީފައެވެ.
"އެންމެފަހުން މެޗުގައި ވަން (ދެވަނަ) ގޯލާ ގުޅުވައިގެން ޒުވާން ގޯލްކީޕަރަށް ވެސް ބައެއް އެއްޗެހި ކީ މަންޒަރު ފެނުނު. ބުނެލަން އޮތީ ކޮޅަށް އެ ވަން ޕެނަލްޓީ ގޯލުގެ ޒިންމާ އަޅުގަނޑު ނަގަމޭ. ނާޖީއާ ދިމާލަށް އެއްވެސް ބޭފުޅަކު އެއްވެސް އެއްޗެއް ނުކިޔުއްވާށޭ. އެއީ ވަރަށް ޒުވާން ގޯލްކީޕަރެއް. އަދި ކިރިޔާ ފަށައިގަނެގެން މިއުޅެނީ ގައުމީ ޓީމާއެކު. ގޯސްތަކުގެ ޒިންމާ ނަގަމޭ. ޓީމު ބަލިކުރަން ގަސްދުގައި އެއްވެސް ކުޅުންތެރިޔަކު ނާރާނެ. ކޮންމެ މެޗެއްގައިވެސް ގައުމަށް ޓަކައި ކުޅެން ނުކުންނަނީ،" ކެޕްޓަން އަކޫ ބުންޏެވެ.
ކެޕްޓަން އަކޫގެ ޖަޒުބާތީ ވާހަކަތަކެކެވެ. ނަތީޖާ ނެރެން ޓީމުގެ ރޫހު އެކުވެ، ރީތި އުންމީދީ ކުޅުމަކަށް މުޅި ރާއްޖެ އިންތިޒާރުގައި ތިބި ދަނޑުވަޅުގައި އަކޫ މި ފާހަގަކުރީ މުހިއްމު ވާހަކަތަކެއްވެސް މެއެވެ. ހަމަ އެހެންމެ މާދަމާގެ މެޗަށް ކުޅުންތެރިންގެ 100 ޕަސެންޓް ދޭންވެސް ޖެހެއެވެ. އެއީ ގައުމުގެ އިތުބާރަށް ޓަކައެވެ. ތަށްޓަކީ ބައެއް ކުދިކުދި ފާޑުކިޔުންތަކަށް ދެން ގެނެސްދެވޭނެ އެންމެ ބޮޑު ހަދިޔާއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު