ދިވެހި ފުލުހުންގެ ވަޒީފާ އަށް ވަނުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މިދިޔަ މަހުގެ 17 ވަނަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޕޮލިސް ރެކްރޫޓަށް ވަނުމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ފުރުސަތު ކުރީން ހުޅުވާލާފައިވަނީ މާދަމާގެ ނިޔަލަށް ކަމަށެވެ. ނަމަވެސް އެ މުއްދަތު މި މަހުގެ 30 ވަނަ ދުވަހަށް މިހާރު ވަނީ އިތުރު ކޮށްފަ އެވެ.

ފުލުހުންގެ ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކަކީ ޖީސީއީ އޯ ލެވެލް އިމްތިހާނު އަދި ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނު ހިމެނޭހެން ވަކި ފެންވަރަކުން ފާސްވެފައިވާ ބަޔަކަށް ވާން ޖެހެ އެވެ. މީގެއިތުރުން އެ މީހަކީ ތައުލީމީ ޝަރުތު ފުރިހަމަވުމާއި އެކު އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށް ވާންޖެހެ އެވެ. އެމީހަކީ ފިރިހެނެއް ނަމަ ކުރުވެގެން ފަސް ފޫޓް އެއް އިންޗި އަދި އަންހެނެއް ނަމަ ކުރުވެގެން ހަތަރު ފޫޓް އަށް އިންޗި އިސްކޮޅުގައި ހުންނަ މީހަކަށް ވެސް ވާން ޖެހެ އެވެ.

ފުލުހުން ބުނީ ވަޒީފާއަށް މީހުން ހޮވާއިރު ތައުލީމީ ގޮތުން މަތީ ސަނަދު ހާސިލު ކުރާ ފަރާތްތަކާއި، މީހުން ހޮވުމުގައި ކުރިއަށް ގެންދާ އެސެސްމަންޓްތަކުން މަތީ ނަތީޖާ ހޯދާ ފަރާތްތަކާއި، ފުލުހުންނަށް ގާނޫނީ ގޮތުން ލާޒިމުކުރާ މަސައްކަތްތައް ކުރުމަށް ކަނޑައަޅާ ދާއިރާތަކަށް ހާއްސަ ކުރެވިފައިވާ އަދަދުތަކަށް ކުރިމަތިލާ އަންހެނުންނަށް އިސްކަން ދޭނެ ކަމަށެވެ. މީގެއިތުރުން ދިވެހި ފުލުހުންގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ސަރަހައްދަތަކު ތެރެއިން ހިދުމަތް ހަރުދަނާކޮށް ފުޅާކުރުމަށް އިންސާނީ ވަސީލަތް ބޭނުުން ވާ ސަރަހައްދުތަކާއި، ފުލުހުންގެ ހިދުމަތް އަލަށް ގާއިމުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިސްކަން ދިނުމަށްވެސް ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުންވެސް ޕޮލިސް ކޮންސްޓެބްލަރީ ވަޒީފާގައި ދެ އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކާއި ދިވެހި ފުލުހުންގެ ހިދުމަތާއި ގުޅުން ހުރި ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތެއް ނަމަ އެފަރާތެއްގެ މަސައްކަތްކޮށްފައިވާ ގޮތަށް ބެލެވޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ވަޒީފާ އަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ ގޮތުގައި 4,650 ރުފިޔާ އާއި، ސާވިސް އެލަވަންސްގެ ގޮތުގައި 5,000 ރުފިޔާ އާއި، ނޮން-ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 40 ޕަސަންޓަށްވާ 1,860 ރުފިޔާ އާއި، ޔުނީފޯމް އެލަވަންސްގެ ގޮތުގައި 300 ރުފިޔާ ދިނުމަށްވެސް ނިންމާފައިވެ އެވެ.

މީގެއިތުރުން ވަޒީފާގައި ތިން މަސް ހަމަވުމުން ފުލުހުންގެ ވަޒީފާއާ ބެހޭ ގަވައިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި، އެލަވަންސްތައް ދިނުމަށްވެސް ނިންމާފައިވެ އެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 16:00ގެ ކުރިން ފޯމު ހުށަހެޅުމަށް އެދޭ ކަމަށްވެސް ބުންޏެވެ.