އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި ފެތުރެމުންދާ އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު އަދިވެސް ކޮންޓްރޯލް ނުވެ، މިދިޔަ މަހު އެކަނި ވެސް 30،843 މީހަކަށް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށް ދައްކައިފިއެވެ.
އެގޮތުން މީގެ ދެތިން މަސް ކުރިން ފެށިގެން އަރިދަފުސް ރޯގާ ވަރަށް ބާރަށް ފެތުރެމުން ދާތީ، އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން، ސެޕްޓެމްބަރު މަހު ބަލި ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދުގެ ދެ ގުނަ އޮކްޓޯބަރު މަހުގައި ރިޕޯޓްކޮށްފައިވެއެވެ. ސެޕްޓެމްބަރު މަހު ރިޕޯޓްކުރީ 18،777 ކޭސް އެވެ. އެހެން ނަމަވެސް އޮކްޓޯބަރުގައި 30،483 މީހަކަށް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވެއެވެ.
ވޭތުވެދިޔަ ތިން އަހަރު، (2018-2021) އަޅައި ބަލާއިރު، މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އަރިދަފުސް ރޯގާގެ އިތުރުން، ދެން އެންމެ ބޮޑަށް މި ދުވަސްވަރު ފެތުރެމުންދަނީ ބޭރަށް ހިންގުމާއި ހޮޑުލުމެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު 1408 ކޭސް ބޭރަށް ހިންގާ ހޮޑުލުމުގައި ރިޕޯޓްކޮށްފައިވާއިރު، އޮކްޓޯބަރު މަހުގައި ރިޕޯޓުކޮށްފައިވަނީ 1717 އެވެ.
އެޗްޕީއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި ޑެންގީ ހުން ފެތުރޭ މިންވަރު ވެސް ވަރަށް ބޮޑަށް މަދެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރުގައި އަށް މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓްކުރިއިރު މިދިޔަ މަހު ރިޕޯޓް ކުރީ 10 މީހުންނެވެ.
އާންމު ރޯގާ އާއި ޑެންގީ ހުން އަދި ބޭރަށް ހިންގުމުން ރައްކާތެރިވުމަށް ވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.
އެގޮތުން ކެއްސައި ކިނބިހި އަޅާއިރު، އަނގަމަތީގައި އެއްޗެއް އެޅުމާއި، ސައިބޯނި ލައިގެން އަތްދޮވުމާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ކުޑަކުދިން ނުގެންދިޔުމާއި މާސްކް އަޅައި ރައްކާތެރިކަން ހޯދުން ފަދަ ކަންތައްތަކަށް ސަމާލުވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު