ކްރިކެޓް

އޮސްޓްރޭލިއާއިން ފުރަތަމަ ފަހަރަށް ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްފި

ޔޫއޭއީގައި ކުރިއަށް ދިޔަ ޓީ20 ވޯލްޑް ކަޕް ފައިނަލުގައި މިރޭ ނިއު ޒީލެންޑް ބަލިކޮށް، އޮސްޓްރޭލިއާއިން ފުރަތަމަ ފަހަރަށް ތަށި ނަގައިފިއެވެ.

މިރޭގެ ފައިނަލަކީ ނިއު ޒީލެންޑަށް ފުރަތަމަ ފައިނަލެވެ. މީގެ ކުރިން އޮސްޓްރޭލިއާއިން ޓީ20ގެ ފައިނަލަކަށް ނުކުތީ 2010 ވަނަ އަހަރު ވެސްޓް އިންޑީސްގައި ބޭއްވި ފައިނަލަށެވެ. އެ މެޗުގައި އޮސްޓްރޭލިއާއަށް ބައްޔަކާ ކުރިމަތިލާން ޖެހުނީ އިންގްލެންޑާ ވާދަކޮށްގެންނެވެ.

މިރޭގެ މެޗުގައި ޓޮސް ދިމާވީ އޮސްޓްރޭލިއާ އަށެވެ. ޓޮސް ދިމާވުމުން އޮސްޓްރޭލިއާއިން ނިންމީ ފީލްޑް ކުރާށެވެ. ނިއު ޒީލެންޑުން ބެޓްކުރަން އަރައި ރަނގަޅު ކުޅުމެއް ދެއްކިއެވެ.

އޮސްޓްރޭލިއާގެ 20 އޯވަރުން ހަތަރު ކުޅުންތެރިން ނުބައިވެގެން ނިއު ޒީލެންޑް ވަނީ 172 ލަނޑު ހަދައިފައެވެ. ނިއު ޒީލެންޑްގެ ކެޕްޓަން ކޭން ވިލިއަމްސަން ވަނީ 48 ބޯޅައިން 85 ލަނޑު ހަދައިފައެވެ. އެއީ ޓީ20 ފައިނަލެއްގައި ބެޓް ކުރުމަށް އަރައި ކެޕްޓަނަކު ދެއްކި އެންމެ މޮޅު ކުޅުމެވެ.

ބަދަލުގައި ކުޅެން އަރައި އޮސްޓްރޭލިއާއިން ވަނީ ރަނގަޅަށް ބެޓްކޮށްފައެވެ. 18.5 އޯވަރު ތެރޭގައި ދެކުޅުންތެރިން ނުބައިވެގެން އޮސްޓްރޭލިއާއިން ވަނީ 173 ލަނޑު ހަމަކޮށްފައެވެ.

މިރޭގެ ފައިނަލުގައި އޮސްޓްރޭލިއާއިން އެންމެ ރަނގަޅަށް ބެޓް ކުރީ މިޗެލް މާސްއެވެ. އޭނާ ވަނީ 50 ބޯޅައިން 77 ލަނޑު ހަދައިފައެވެ.