ރިސޯޓު ހަދަން ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ނުހެދި ހުރި ރަށްތަކުގައި ރިސޯޓު ތަރައްގީކުރަން ފައިސާ ހޯދުމުގެ ގޮތުން އިންޓަނޭޝަން މަނިޓަރީ ފަންޑު (އައިއެމްއެފް) އާއި ވޯލްޑު ބޭންކާ މަޝްވަރާކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ބަޖެޓު ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، ރާއްޖޭގައި ނުހެދި 118 ރަށް އެބައޮތް ކަމަށާއި ކުރިއަށް އޮތްތަނުގައި އެ ރަށްތައް ހެދުން މުހިންމު ކަމަށެވެ. އެހެންކަމުން މާލީ އިދާރާތައް ކަމަށްވާ އައިއެމްއެފާއި ވޯލްޑު ބޭންކާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި އެ ރަށްތައް ތަރައްގީކުރަން ފައިސާ ދޭނެކަމުގެ ޔަގީންކަން އެ ދެ އިދާރާއިން ވެސް ދީފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

"118 ރަށެއް ނުހެދި އެބައޮތް. އެ ރަށްތައް ހަދަން ފަށަން ފައިސާ ހޯދަން މި މަސައްކަތް ކުރަނީ. ދާދިފަހުން އައިއެމްއެފާއި ވޯލްޑް ބޭންކާއެކު ވެސް މަޝްވަރާ ކުރެވިއްޖެ. އެ ބޭފުޅުން ވެސް ޔަގީންކަން ދެއްވާ،" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، އާ ޕެސެންޖަރު ޓާމިނަލް ނިމުމުން އިތުރު ތިން މިލިއަން ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގެ ޖާގަ ލިބިގެންދާ ކަމަށެވެ. އެހެންކަމުން އަންނަ އަހަރު 20 ނުވަތަ 30 ރިސޯޓު ހުޅުވަން ފައިސާ ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ނުހެދި ހުރި ރަށްތައް ހެދުމުގެ ގޮތުން ރަށްތައް ދޫކޮށްފައިވާ ފަރާތްތަކާ ވާހަކަދެކެވި ޓޫރިޒަމް މިނިސްޓްރީން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ، އަންނަ އަހަރުގެ ކުރީކޮޅު ވެލާނާ އިންޓަނޭޝަން އެއާޕޯޓުގެ އާ ރަންވޭ ހުޅުވޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެންކަމުން އަންނަ އަހަރު މާލީ އިދާރާތަކުން ފައިސާ ހޯދައިގެން ތަރައްގީކުރާ ރިސޯޓުތަކުން ދައުލަތަށް އާމްދަނީ ވަންނާނެ ކަމަށެވެ.

އަންނަ އަހަރު ފަށަން ތައްޔާރުވެފައިވާ ރިއަލް އެސްޓޭޓް ޓޫރިޒަމް ކާމިޔާބުވުމުގެ ފުރުސަތުގެ ބޮޑު ކަމަށާއި އެކަމަށްޓަކައި ފަންޑް މެނޭޖުމަންޓް ކޯޕަރޭޝަނުން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އަމީރު ވަނީ ވިދާޅުވެފައެވެ.