ޚަބަރު

އާސަންދައިގެ އިސްރާފު ހުއްޓުވަން ކުރާ މަސައްކަތަށް ދުލެއް ނުދޭނަން: ފިނޭންސް

މުހައްމަދު އިޝާން

ދައުލަތުން އާސަންދައަށް ހަރަދުކުރާ ފައިސާ އިސްރާފުވުން ހުއްޓުވުމަށް ކުރާ މަސައްކަތަށް ދޫނުދޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު އޮތް ބަޖެޓު ކޮމިޓީގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، ސަރުކާރުގެ ހެލްތު އިންޝޫރެންސް، އާސަންދަ މިހާރު ހިންގާ ގޮތުގެ ސަބަބުން ދައުލަތުން އާސަންދައަށް ކުރާ ހަރަދު އިސްރާފުވާ ކަމަށެވެ.

އަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި އާސަންދައަށް ކުރާ ހަރަދު ކުޑަކުރަން ހިމަނާފައިވަނީ އިސްރާފުކުރުން މަދުކުރަން ކަމަށާއި އެއީ ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް މަދުކުރަން ކުރި ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އާސަންދައިގެ ހުންނަ "ލީކޭޖެއްގެ" ސަބަބުން ރައްޔިތުންގެ ޓެކްސް ފައިސާ އިސްރާފުވިޔަ ނުދޭނެ ކަމަށެވެ.

ރާއްޖެއަކީ މުޅި މި ސަރަހައްދުގައި ވެސް އެންމެ އަގުބޮޑުކޮށް ބޭސްވިއްކާ އެއް ގައުމުކަން، ވޯލްޑް ބޭންކުން ކުރި ސާވޭއަކުން ދައްކައެވެ. އެ ސާވޭއާ ހަވާލާ ދެއްވައި އަމީރު ވިދާޅުވީ ރާއްޖޭގައި ބޭސް ވިއްކާ އަގު މި ސަރަހައްދުގެ އެހެން ގައުމުތަކަށް ވުރެ 75.9 ގުނަަ ބޮޑު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވައިދެއްވަމުން މިދިޔަ މަހުގެ 31 ވަނަ ދުވަހު އަމީރު ވިދާޅުވެފައިވަނީ ރާއްޖޭގައި ވިއްކާ ބޭހުގެ އަގު ކޮންޓްރޯލުކޮށްގެން، އާސަންދައިގެ ބަޖެޓު 730 މިލިއަނަށް ކުޑަކޮށްފައިވާ ކަމަށެވެ. މީގެ ކުރިން ކޮންމެ އަހަރަކު ވެސް އާސަންދައަށް ބިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރެއެވެ.

ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ފުރަތަމަ ކަނޑައަޅަން ނިންމާފައި ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ އެސެންޝަލް ލިސްޓުގައި ހިމެނޭ 357 ބޭހަކަށް ކަމަށާއި އަގު ކޮންޓްރޯލުކޮށް ގެންނަ ބަދަލުން ބޭހަށް ކުރާ ހޭދައިން 205 މިލިއަން ކުޑަކުރެވޭނެ ކަމަށް ބަޖެޓު ހުށަހަޅުއްވައިދެއްވަމުން އަމީރު ވަނީ ވިދާޅުވެފައެވެ.

ބޭހުގެ އަގު ކޮންޓްރޯލްކުރާ ގޮތަށް ހަމަޖައްސާފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ.