މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ހިންގުން ވަގުތީ ގޮތުން އެކުންފުނީގެ ޑެޕިއުޓީ ޗީފް އޮފިސަރު ތޯހާ އިބްރާހިމްއާ ހަވާލުކޮށްފިއެވެ.

އެމްއޭސީއެލް އިން މިއަދު ބުނީ އެ ކުންފުނީގެ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ޗީފް އޮފިސަރު ތޯހާ އިބްރާހިމްއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތަށް ނިންމާފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށްވެސް ބުންޏެވެ. އޭނާއާ އެ ކުންފުނީގެ ހިންގުން ވަގުތީ ގޮތުން ހަވާލުކުރީ ސީއީއޯގެ މަގާމަށް މީހަކު އައްޔަންކުރެވެންދެނެވެ.

ތޯހާ ވަނީ އެމްއޭސީއެލްގައި 12 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައިފައެވެ.

އެމްއޭސީއެލްގެ ހިންގުން ވަގުތީ ގޮތުން ތޯހާއާ ހަވާލުކޮށްފައި މިވަނީ އެމްއޭސީއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު (އެމްޑީ)ގެ މަގާމުގައި ހުންނެވި ގޯޑަން އެންޑްރޫ ސްޓުވާޓް އެމަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

ގޯޑަން މަގާމުން ވަކިކޮށްފައިވަނީ އެއާޕޯޓު ހިންގުމުގައި ރަނގަޅު ނަތީޖާއެއް ނުދެއްކުމުންނެވެ. އެގޮތުން އޭނާ ވަކިކޮށްފައިވަނީ ރައީސް އޮފީހުން އޭނާގެ މަސައްކަތް ރިވިއު ކުރުމަށް ފަހު ޕްރައިވެޓައިޒޭޝަން ބޯޑަށް އޭނާ ވަކިކުރަން އެންގުމުންނެވެ.