ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ މައްސަލަ އާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލައިގައި ދައުވާ ކުރުމާމެދު އަންނަ ހަފުތާގައި ގޮތެއް ނިންމާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ޕީޖީ ހުސެއިން ޝަމީމު ވިދާޅުވީ އެ ދެ މައްސަލައިގައި ދައުވާ ކުރުމާމެދު އަންނަ ހަފުތާގައި ގޮތެއް ނިންމަވާނެ ކަމަށެވެ.
ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ ކުންފުންޏަކާ ހަވާލުކުރުމުގައި ކޮރަޕްޝަން ހިންގި މައްސަލައިގައި ކުރީގެ ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ހިމެނޭގޮތުން 11 މީހެއްގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުރަތަމަ ފޮނުވީ، 14 އޮކްޓޫބަރު 2020 ގައެވެ.
ނަމަވެސް އެ މައްސަލައިގައި ބައެއް ކަންކަން ފުރިހަމަ ކުރަންޖެހޭ ކަމަށް ފާހަގަކޮށް ޕީޖީ އޮފީހުން އެ މައްސަލަ އަލުން އޭސީސީއަށް ފޮނުވައިލިއެވެ.
ޕީޖީ އޮފީހުން ފާހަގަކުރި ކަންތައް ފުރިހަމަކުރުމަށްފަހު ކުރީގެ މިނިސްޓަރު އަމީން ހިމެނޭގޮތުން މައްސަލައިގައި ހިމެނޭ 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ދެވަނަ ފަހަރަށް އޭސީސީން އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވީ މިމަހުގެ އެއްވަނަ ދުވަހުއެވެ.
އޭސީސީން ބުނީ މި ފަހަރު އެ މައްސަލަ ޕީޖީއަށް ފޮނުވީ ކުރިން ހިމެނުނު ދައުވާތަކުގެ އިތުރުން އެ ފަރާތްތަކަށް އިތުރު ދައުވާތަކެއް ކޮށްދިނުމަށް ހިމަނައިގެން ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވީ މިއަހަރުގެ ޖޫން މަހުގެ ނުވަވަނަ ދުވަހުއެވެ.
އޭސީސީން ބުނީ މަހުލޫފުގެ މައްޗަށް ދައުވާ ކުރަން ފޮނުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33,000 އެމެރިކާ ޑޮލަރު މަހުލޫފަށް ލިބިފައިވާކަން ތަހުގީގަށް އެނގިފައިވާތީއެވެ.
އޭސީސީން ބުނިގޮތުގައި އެސްއީޒެޑް ބިލް ފާސްކުރުމަށް ވޯޓު ދިނުމުގެ ގޮތުން މެލޭޝިޔާގައި ހުރުމަށްފަހު އޮގަސްޓް 27، 2014 ގައި ބޭއްވި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެފައި ވަނީ ސީދާ މަޖިލީހުގެ ވޯޓަށެވެ.
ނަމަވެސް މަހުލޫފު މައްސަލައިގެ ވެސް ބައެއް ކަންކަން ރަނގަޅުކުރަން ޕީޖީ އޮފީހުން އޭސީސީއަށް އެންގިއެވެ.
އެ މައްސަލައިގައި ދައުވާކުރަން ފޮނުވުމާ ގުޅިގެން މިދިޔަ ޖޫން މަހުގެ ނުވަވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މަހުލޫފު މަގާމުން ސަސްޕެންޑުކުރެއްވިއެވެ.
ނަމަވެސް ހަތަރު މަސްދުވަހަށްފަހު މިދިޔަ އޮކްޓޫބަރު މަހުގެ ދިހަވަނަ ދުވަހު އޭނާގެ ސަސްޕެންޝަން ވަނީ ނިމުމަކަށް ގެނެސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު