ޚަބަރު

ކޮޕް 26 ގެ އެއްބަސްވުމުން ކުރިއެރުންތަކެއް ލިބުނަސް، ދިވެހީންގެ ހިތްތަކަށް އުންމީދެއް ނުލިބޭ: ޝައުނާ

ކޮޕް26ގައި އާދެވުނު އެއްބަސްވުމުން ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބުނަސް، އެއީ ހައްލެއް ލިބޭނެ އެއްބަސްވުމެއް ނޫން ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ރޭ ވިދާޅުވެއްޖެއެވެ.

ސްކޮޓްލަންޑުގެ ގްލާސްގޯގައި ދެ ހަފުތާގެ މުއްދަތަކަށް ކުރިއަށްދިޔަ ކޮޕް26 ބައްދަލުވުން ރޭ ނިންމާލާފައިވާ އިރު، އެ ބައްދަލުވުމުގައި ވަނީ އެއްބަސްވުމެއް އެކުލަވާލައިފައެވެ.

އެއްބަސްވުން އިއުލާނުކުރުމަށް ފަހު، ވާހަކަދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ، އެ އެއްބަސްވުމަކީ މޫސުމީ ކާރިސާއާ ދެކޮޅަށް މަސައްކަތް ކުރަން ޖެހޭ ވަރާއި އަވަސް މިނަށް ބަލާއިރު ހައްލެއް ލިބޭނެ އެއްބަސްވުމެއް ނޫން ކަމަށެވެ.

"އެހެން ގައުމުތަކަށް ފެންނަ ހަމަހަމަކަމާއި ކަންކަމުން، ވަގުތު އޮއްވައި ހޭނުމަށް ރާއްޖެއަށް ފުރުސަތެއް ނުލިބޭނެ. އޭރުން ރާއްޖެއަށް އޮންނާނީ ވަގުތު ފާއިތުވެފައި. ބައެއް ފަރާތްތަކަށް ގެއްލުމުގެ ބަދަލާ ބެހޭ ގޮތުން ވާހަކަދެއްކުމަކީ މަޝްވަރާތަކާއި ވާހަކަތަކުގެ ފެށުމަކަށް ވެދާނެ. ނަމަވެސް، ރާއްޖެއަށް އެއީ ދިރިތިބުމާ ގުޅިފައިވާ ކަމެއް،" ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މި އެއްބަސްވުމުން ދިވެހިންގެ ހިތްތަކަށް އުންމީދެއް ގެނެސް ނުދޭ ކަމަށެވެ. ނަމަވެސް މިއީ ދިވެހިންގެ ގެދޮރު ނުރައްލަަށް ހުށަހަޅައި، ގޮތެއް ނެތް ގައުމުތައް ސަލާމަތްކުރުމަށް މަސައްކަތްކުރާނެ އަވަސް މިން، އެހެން ގޮތްތައް ހުރި ފަރާތްތަކުން ނިންމާ މަޝްވަރާ ކުރާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވީ، ދުނިޔޭގައި ޓެކްނޮލޮޖީ އެބަހުރި ކަމާއި ފޮސިލް ފިއުލަށް ޓްރިލިއަނުން ހަރަދުކުރާ ކަން އެނގޭ އިރު، މިއީ ސައިންސާއި ފަންޑިން ނެތިގެން ދިމާވާ ކަމެއް ނޫންކަން އެނގޭ ކަމަށެވެ. އެހެންކަމުން އެއްބަސްވުމާ އެކު ކުރިއަށް ދިއުމަށް ރާއްޖޭން އެއްބަސްވިޔަސް، އޭގެ ބަދަލުގައި ވަގުތު އޮއްވައި ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުން ސަލާމަތް ވުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

"ޖައްވަށް ދޫކުރާ ވިހަ ގޭސްތައް ދެ ބައިކުޅަ އެއްބަޔަށް މަދުކުރުމަށް އޮތީ 98 މަސްދުވަސްކަން އަޅުގަނޑު ހަނދާންކޮށްދެން. (ދުނިޔެ ހޫނުވާ މިންވަރު) 1.5 ޑިގްރީއާއި ދެ ޑިގްރީއާ ދެމެދު ހުރި ފަރަގަކީ އަޅުގަނޑުމެންނަށް މަރުގެ ހުކުމެއް،" މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.

ކޮޕް26ގެ ބައްދަލުވުމުގައި އެކުލަވާލި އެއްބަސްވުމުގައި ހިމެނޭ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ބޯޓުދެއްޔަށް ބަރޯސާވުން ކުޑަކޮށް، ފޮސިލް ފިއުލްއަށް ދޭ ސަބްސިޑީތައް ކުޑަކުރަން ގައުމުތަކަށް ބާރުއަޅާފައިވެއެވެ.

އަދި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ބޮޑެތި ގައުމުތަކުން ނާޒުކު ގައުމުތަކަށް ދޭ މާލީ އެހީ 2025ގެ ކުރިން، 2019ގައި ހުރި ވަރަށް ވުރެ ދެ ގުނަ އިތުރުކުރުމަށާއި ޖަންގަލިތައް ރައްކާތެރިކުރުމަށާއި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް ބޭނުންވާ އެތައް ޓްރިލިއަން ޑޮލަރެއްގެ ފައިސާ ލިބޭނެ ފަދަ ގަވާއިދުތަކެއް ކަނޑައެޅުން ހިމެނެއެވެ.