ޚަބަރު

ކޮމަންޑުއަށް ކާޑު ހިފައިގެން ދިޔަ ދޯނި އަޑިއަށް ދިއުމުން 4 ލައްކަ ރުފިޔާގެ ގެއްލުން

އައިޝަތު ނިއުޝާ

ރޭ 7:15 ހާއިރު ށ. ކޮމަންޑޫ އާއި މާލެއާ ދޭތެރޭ ދަތުރުކުރާ މުދާއުފުލާ "މަހުރޯދި" ދޯނި އަޑިއަށް ދިއުމުގެ ސަބަބުން ގާތްގަނޑަކަށް 4 ލައްކަ ރުފިޔާގެ ގެއްލުން ވެއްޖެ ކަމަށް ދޯނީގެ ވެރި ފަރާތުން ބުނެފިއެވެ.

"މަހުރޯދި" ދޯނީގެ ވެރިފަރާތް، މުހައްމަދު ރަޝީދު މިއަދު "ވަން" އަށް ބުނީ، ރޭ ދަންވަރު ގާތްގަނޑަކަށް 2:30 ހާއިރު ދޯނި ފުންކޮށްފައިވާ ކަމަށެވެ. މިހާރު އެ ދޯނި އެހެލުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އޭނާ އިތުރަށް ބުނީ، ދޯނީގެ އެކި ބައިތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، އިންޖީނުވެސް މަރާމާތު ކުރަން ޖެހިފައިވާ ކަމަށެވެ.

ރަޝީދު އިތުރަށް ބުނީ، ދޯންޏާއެކު 260 ބަސްތާ ސިމެންތިވެސް އަޑިއަށް ގޮސްފައިވާ ކަމަށެވެ. މާދަމާގެ ވަގުތެއްގައި ދޯންޏާއި އިންޖީނުގެ މަރާމާތުތައް ކުރުމަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮމަންޑޫ ކައުންސިލު މެންބަރު އާދަމް އަބްދުﷲ "ވަން" އަށް ވިދާޅުވީ، މަހުރޯދި ދޯނި ނެރުން ވަންނަން އައީ ވަރަށް ބާރު ސްޕީޑުގައި ކަމަށާއި ދޯނި ނެރުން ވަންނަނިކޮށް ތޮށިގަނޑުގައި ޖެހި ދޯންޏަށް ގެއްލުން ވެފައިވާ ކަމަށެވެ. އެގޮތުން ދޯނީގެ ދިރުނބާކޮޅުގެ އެއް ފަރާތް ވަރަށް ބޮޑަށް ހަލާކުވި ކަމަށާއި އެކަމުގެ ސަބަބުން ދޯންޏަށް ވަރަށް އަވަހަށް ދިޔަވާން ފެށި ކަމަށެވެ.

އެ ހާދިސާ ހިނގި ވަގުތު ދޯނީގައި ހަތަރު މީހުން ތިބި ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އާދަމް އަބްދުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެވަގުތު ދޯނީގައި ހަނޑޫ، ހަކުރު، ފުށް ސިމެންތި އަދި ހިލެވެލި ވެސް ހުރި ކަމަށެވެ. ދޯނި ދިޔަވާން ފެށުމުން ތޮށިގަނޑާ ގާތްކޮށް ދޯނީގައި ހުރި ކާޑުގެ ބާވަތްތައް ސަލާމަތް ކުރެވުނު ނަމަވެސް ދޯނީގައި ހުރި ސިމެންތި ބަސްތާތައް ނުބޭލެނީސް ދޯނި އަޑިއަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.