ރާއްޖެ ބަލިކުރުމަކީ މުބާރާތުގެ އިތުރުން ބަންގުލަދޭޝް ފުޓުބޯޅައިގައިވެސް އެޅުނު ހެޔޮ، ރަނގަޅު ފިޔަވަޅެއް ކަމަށާއި، އެ ހާއްސަ ފިޔަވަޅަށް އުފާ ފާޅުކުރަން ޖެހޭ ކަމަށް ބަންގުލަދޭޝް ގައުމީ ޓީމުގެ ކޯޗު މާރިއޯ ލެމޯސް ބުނެފިއެވެ.

މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގައި ލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މެޗުގައި ބަންގުލަދޭޝް އިން ރާއްޖެ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

އިއްޔެގެ މެޗަށް ބަންގުލަދޭޝް ނުކުތީ ތާރީހީ މޮޅެއް ހޯދުމަށެވެ. އިއްޔެގެ މެޗުގެ ކުރިން 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ބަންގުލަދޭޝް އިން ރާއްޖެ ބަލިކުރި ފަހުން އެގައުމަށް މިހާތަނަށް ރާއްޖެ ބަލިކުރެވިފައެއް ނުވެއެވެ. ބަންގުލަދޭޝް އިން އެ ރެކޯޑަށް އިއްޔެ ނިމުން ގެނެސްފައިވާ އިރު، އެ ނަތީޖާއާއެކު ބަންގުލަދޭޝް އިން ވަނީ ފޯ ނޭޝަންސް ކަޕްގެ ފައިނަލާ ގާތަށް ޖެހިލައިފައެވެ.

"ފުޓުބޯޅައިގައި ބައެއް ހާއްސަ ދުވަސްތަކުގައި އުފާ ފާޅުކުރަން ޖެހޭނެ. އެހެން ނަމަވެސް މިއީ އަދި ފުދުނީކީ ނޫން. މިއީ އަދި ދާން ބޭނުންވި ހިސާބެއް ވެސް ނޫން. އެހެން ނަމަވެސް ރާއްޖެ ބަލިކުރެވުމުން އެކަމުގައި އުފާ ފާޅުކުރަން ޖެހޭ. އިއްޔެ މެޗުން ބަލިވި ނަމަވެސް މުބާރާތުގައި އަދިވެސް އުންމީދު އޮންނާނެ. އެހެންވެ ބުނަން ޖެހެނީ މިކަހަލަ މުބާރާތް ތަކަކީ ރާޒުވާ ފަދަ މުބާރާތްތަކެކޭ. އަޅަން ޖެހޭނީ ފަހަރަކު ފިޔަވަޅެއް. ރާއްޖެ ބަލިކުރެވުމަކީ ހާއްސަ ފިޔަވަޅެއް. އެއީ އުފާކުރަން ޖެހޭ ފިޔަވަޅެއް،" އިއްޔެގެ ޕޯސްޓް މެޗު ޕްރެސްގައި ލެމޯސް ބުންޏެވެ.

ބަންގުލަދޭޝް އިން ލީގު ބުރުގެ ފަހު މެޗުގައި ސްރީ ލަންކާއާ ދެކޮޅަށް ނުކުންނާނީ އަންގާރު ދުވަހުގެ ރޭގައެވެ. އެ މެޗުން އެއްވަރުވިޔަސް ބަންގުލަދޭޝް ފައިނަލަށް ދާނެއެވެ. ލެމޯސް ބުނެފައި ވަނީ ލަންކާއިން ހޯމްގައި ކުޅޭ އިރު، އެޓީމު ބަލިކުރުން ވެގެންދާނީ އުނދަގޫ ކަމަކަށް ކަމަށެވެ. އެހެން ނަމަވެސް މިހާރު ބަންގުލަދޭޝް ޓީމު އޮތީ ކޮންފިޑެންސާ އެކުގައި ކަމަށްވެސް ލެމޯސް ފާހަގަކުރިއެވެ.