ކުޅިވަރު

އެމްބާޕޭގެ ހަތަރު ގޯލާއެކު ޗެމްޕިއަން ފްރާންސް ވޯލްޑް ކަޕަށް، ބެލްޖިއަމްވެސް ޖާގަ ޔަގީން ކޮށްފި

ޔޫރޮޕިއަން ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ކުޅުނު މެޗުތައް ކާމިޔާބު ކޮށް، ފްރާންސާއި ބެލްޖިއަމް ވެސް އަންނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕުން ޖާގަ ހޯދައިފިއެވެ.

އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސުން ގަތަރު 2022 ގެ ޖާގައެއް ޔަގީން ކުރީ ރޭ ކުޅުނު މެޗުގައި 8-0 އިން ކަޒަކިސްތާން ބަލިކޮށްގެންނެވެ. މެޗުގައި ފްރާންސްގެ ޒުވާން ތަރި ކިލިއަން އެމްބާޕޭ ވަނީ ހަތަރު ގޯލު ޖަހައިފައެވެ. ފުރަތަމަ ހާފްގައި އޭނާ ހެޓްރިކް ހެދި އިރު، ރޭގެ ހެޓްރިކާއެކު އެމްބާޕޭ ވެފައި ވަނީ 1985 ވަނަ އަހަރަށްފަހު ވާދަވެރި މެޗެއްގައި ގައުމީ ޓީމަށް ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާއަށެވެ. އެމްބާޕޭގެ ކުރިން 1985 ވަނަ އަހަރު ގައުމީ ޓީމަށް ހެޓްރިކް ހެދި ކުޅުންތެރިޔަކީ ޑޮމިނިކް ރޮޗެޓީއެވެ.

ރޭގެ ނަތީޖާއާއެކު ހަތް މެޗުން 15 ޕޮއިންޓް ހޯދައި، ފްރާންސް އޮތީ ކޮލިފިކޭޝަން ގްރޫޕް ޑީގެ އެއްވަނައިގައެވެ. ގްރޫޕުގައި ބާކީ އެއް މެޗު ފްރާންސަށް އޮތް އިރު، ދެވަނައިގައި އޮތް ފިންލޭންޑަށް ލިބުނީ ހަތް މެޗުން 11 ޕޮއިންޓެވެ. އެހެންކަމުން ފްރާންސަށް ގްރޫޕުގެ އެއްވަނަ ދެން ނުގެއްލޭނެ އެވެ.

އެމްބާޕޭގެ އިތުރުން ފްރާންސަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ ކަރިމް ބެންޒެމާގެ އިތުރުން އެޑްރިއަން ރެބިއޮޓް އަދި އެންޓޮއިން ގްރީޒްމަން އެވެ. ބެންޒެމާ ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.

ދުނިޔޭގެ ފުޓުބޯޅަ ރޭންކިންގެ އެއްވަނައިގައި އޮތް ބެލްޖިއަމް ވޯލްޑް ކަޕުން ފުރުސަތު ޔަގީން ކުރީ ރޭ އެސްޓޯނިއާ އާ ދެކޮޅަށް ކުޅުނު މެޗު 3-1 އިން ކާމިޔާބު ކޮށްގެންނެވެ.

މިހާތަނަށް ވޯލްޑް ކަޕް ކޮލިފިކޭޝަން ގްރޫޕް އީގައި ބެލްޖިއަމް އިން ކުޅުނު ހަތް މެޗުން އެޓީމަށް 19 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ވޭލްސް އަށް ހަތް މެޗުން ލިބުނީ 14 ޕޮއިންޓެވެ. ކޮލިފިކޭޝަން ފަހު މެޗުގައި ބެލްޖިއަމް އިން ނުކުންނަން ޖެހޭނީ ވޭލްސްއާ ދެކޮޅަށެވެ. ރޭ ވޭލްސްއިން ކުޅުނު މެޗުގައި 5-1 އިން ބެލަރޫސް ބަލިކޮށްފައިވާ އިރު، އެޓީމުން ވަނީ ޕްލޭ އޮފް ޖާގައެއް ޔަގީން ކޮށްފައެވެ.

ބެލްޖިއަމްއަށް ރޭގެ މެޗުގައި ގޯލްތައް ޖަހައިދިނީ ކްރިސްޓިއަން ބެންޓެކޭގެ އިތުރުން ތޯގަން ހަޒާޑާ އާއި ޔަނިކް ކަރެސްކޯ އެވެ. އެސްޓޯނިއާ އިން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖަހައިދިނީ އެރިކް ސޯގާއެވެ.

އެންމެފަހުން 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕުގެ ތިންވަނަ ބެލްޖިއަމް އިން ހޯދިއެވެ. އެގައުމުގެ ފުޓުބޯޅައިގެ ރަން ޖީލުގެ ގޮތުގައި އެ ސްކޮޑު ގިނަ ބަޔަކު ސިފަކުރާ އިރު، މިއީ އެ ޖީލުގެ ކުޅުންތެރިންނަށް ވޯލްޑް ކަޕް ހޯދަން ލިބޭނެ ފަހު ފުރުސަތު ކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ.