އެމްއެންޑީއެފް

ރާއްޖޭގެ ޗާޓު ވިއްކައިގެން މާލީ ބޮޑު މަންފާއެއް އިންޑާއަށް ލިބޭނެ ކަަމަށް އެމްއެންޑީއެފުން ބުނެފި

1

ރާއްޖޭގެ ޗާޓު ކުރެހުމަށް އިންޑިއާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އިންޑިއާއިން ކުރަހާ ރާއްޖޭގެ ޗާޓު ވިއްކައިގެން އެ ގައުމަށް މާލީ ބޮޑު މަންފާއެއް ލިބޭނެ ކަމަށް ނެޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

ޗާޓު ކުރެހުމާ ބެހޭގޮތުން އިންޑިއާއާއެކު ވެފައިވާ ހައިޑްރޯގްރަފީ އެއްބަސްވުމާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްގެ އިތުރުން އެމްއެންޑީއެފްގެ އިސް އޮފިސަރުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ރޭ ހާޒިރު ކުރުމުން، އެ އެއްބަސްވުމާބެހޭ މައުލޫމާތު ވަނީ ކޮމިޓީއާ ހިއްސާ ކޮށްފައެވެ.

ކޮމިޓީ ބައްދަލުވުމުގެ އެއްބައި ސިއްރު ކޮށްގެން ކުރިއަށްގެންދިޔަ އިރު، އާއްމުކޮށް ކުރިއަށްގެންދިޔަ ބައިގައި ޕްރެޒެންޓޭޝަނަކާއެކު އެ އެއްބަސްވުމާ ބެހޭ މައުލޫމާތު ހިއްސާ ކުރައްވަމުން އެމްއެންޑީއެފްގެ ޕްލޭންސް، ޕޮލިސީ އެންޑް ރިސޯސް މެނޭޖްމަންޓްގެ ޕްރިންސިޕަލް ޑިރެކްޓަރު، ލެފްޓިނެންޓް ކާނަލް ހަސަން އާމިރު ވިދާޅުވީ، ހައިޑްރޯގްރަފިކް ސާވޭއިން ކުރަހާ ރާއްޖޭގެ ޗާޓުތަކުން މާލީ ފައިދާ ނެގުމުގެ ފުރަސަތު ދެ ގައުމަށް ވެސް އޮންނާނެ ކަމަށެވެ.

އެ ޗާޓުތައް އިންޑިއާ އިން ރާއްޖޭގައި ވިއްކާ ނަމަ، ދިވެހި ސަރުކާރަށް 25 ޕަސެންޓްގެ ކަމިޝަނެއް ލިބޭއިރު، އިންޑިއާ އިން އެ ޗާޓުތައް ބޭރު ފަރާތްތަކަށް ވިއްކާ ނަމަ، ރާއްޖެއަށް ލިބޭނީ ރޯޔަލްޓީގެ ގޮތުގައި ލިބޭ 25 ޕަސެންޓް ކަމަށްވެސް ވިދާޅުވިއެވެ.

ހައިޑްރޯގްރަފީ ސާވޭއެއް ރާއްޖެ އަށް މުހިންމުވާ ސަބަބު ވިދާޅުވެދެއްވަމުން އާމިރު ވިދާޅުވީ އޭގެ ތެރޭގައި ރާއްޖެއަކީ 99.7 ޕަސެންޓް ކަނޑު ހިމެނޭ، ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވުމާއި، ރާއްޖޭގެ އިންތައް ވަކިކޮށް، މެރިޓައިމް ބޯޑަރުތަކާއި، ކަނޑުގެ ސަރަހައްދު ދެނެގަތުމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ ހުރިހާ އުޅަނދުތަކަށް ދަތުރުފަތުރުގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި އެތަކެއްޗަށް އެންމެ ފަހުގެ އިލެކްޓްރޯނިކް ނެވިގޭޝަން ޗާޓުތަކާއި ނޯޓިކަލް ސާވިސްތައް ފޯރުކޮށްދިނުމެވެ.

އޭގެ އިތުރުން މީގެ ކުރިން ރާއްޖެ ސޮއިކޮށްފައިވާ ބޭރުގެ މުއާހަދާ ތަކުގައި، އެންމެ ފަހުގެ ޗާޓުތައް ފޯރުކޮށްދިނުމަށް ލާޒިމުކޮށްފައި ވުމާއި، އެކަން އެގޮތަށް އަމިއްލައަށް ކުރުމުގެ ގާބިލުކަން ރާއްޖޭގައި ނެތުމާއި، ނޫ އިގުތިސޯދެއް ތަރައްގީކޮށް، ކަނޑުގެ ސަރަހައްދުން ލިބެން އޮތް މުއްސަނދިކަން ހޯދުމާއި، އެ މުއްސަނދިކަން ހޯދުމަށް ކަނޑު އަޑި އޮތީ ކިހިނެއްކަން ދެނެގަތުމުގެ އިތުރުން ކަނޑުތައް ތަގައްޔަރުވުން ހުއްޓުވައި، ބޮޑެތި ބޯޓުފަހަރު ރާއްޖެއަށް ބަނދަރުކުރަން ފަސޭހަ ކުރުންވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟