ލައިފް ސްޓައިލް

ތަފާތު ގާނޫނެއް: ޕޯޗުގަލްގައި މަސައްކަތު ގަޑީގެ ބޭރުން މުވައްޒަފުންނަށް ގުޅުމަކީ ގާނޫނީ ކުށެއް ކަމަށް ކަނޑައަޅައިފި

މަސައްކަތު ގަޑީގެ ބޭރުން ވެރިން މުވައްޒަފުންނަށް ގުޅުމަކީ މަނާކަމެއް ކަމުގައި ޕޯޗުގަލްގައި ގާނޫނަކުން ފާސްކޮށްފިއެވެ. އަގައުމުގައި އަލަށް ފާސްކުރި މި ބިލުގެ ސަބަބުން މަސައްކަތުގެ ވަގުތު ނިމުމަށްފަހު އެއްވެސް މުވައްޒަފަކަށް ފޯނުން، މެސެޖުން އަދި އީމެއިލު މެދުވެރިކޮށް މަސައްކަތުގެ ކަމަކު ކިޔުމަކީ ގާނޫނީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ވަޒީފާދޭ ފަރާތުން ވަޒީފާ އަދާކުރާ ފަރާތަށް ލިބޭ ހުސް ވަގުތުތަކަށް އިހުތިރާމު ކުރަން ޖެހޭ ކަމަށާއި އޭގެ ތެރޭގައި ވަޒީފާ އަދާކުރާ ފަރާތަށް އަރާމު ކުރުމަށާއި އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ލިބޭ ވަގުތުތަކަށް އިހުތިރާމު ކުރަން ޖެހޭ ކަމުގައި އެ ގާނޫނުގައި ވަނީ ބުނެފައެވެ. އަދި ވަޒީފާ ދޭ ފަރާތުން މިމާއްދާއާ ހިލާފު ވާ ނަމަ ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށާއި ބޮޑު އަދަދަކުން ޖޫރިމަނާ ވެސް ކުރެވޭ ގޮތަށް ގާނޫނުން ވަނީ ޖާގަ ދީފަ އެވެ.

ޕޯޗުގަލްގައި މި ގާނޫނު ފާސްކޮށްފައިވާއިރު މިއާއި އެއްކަހަލަ ގާނޫނެއް ފަރަންސޭސި ވިލާތުގައި ވެސް ވަނީ މީގެކުރިން ފާސްކޮށްފައެވެ. 2017 ވަނަ އަހަރު އެގައުމުގައި ފާސްކޮށްފައިވާ ގާނޫނުގެ ދަށުން މަސައްކަތު ގަޑީގެ ބޭރުން މުވައްޒަފުންނަށް އަންނަ މަސައްކަތާ ގުޅުން ހުރި އީމެއިލުތަކަށް ޖަވާބުދާރީ ނުވުމަކީ ވަޒީފާ އަދާކުރާ ފަރާތަށް ލިބޭ ހައްގެއް ކަމުގައި ވަނީ ކަނޑައަޅާފައެވެ.

ޕޯޗުގަލްގައި ތަންފީޒުކުރި މި ގާނޫނަކީ ގެއިން މަސައްކަތްކުރުމުގެ ގާނޫނާ އެކު ފާސްވެގެން ދިޔަ ގާނޫނެކެވެ. މި ގާނޫނުގެ ދަށުން ގެއިން މަސައްކަތްކުރާ މުވައްޒަފުން ބޭނުންވެއްޖެ ހިނދެއްގައި ވަޒީފާ ދޭ ފަރާތާ މަޝްވަރާކޮށް ވަޒީފާއަށް އޮފީހަށް ނުކުތުމުގެ މިނިވަންކަން ނުވަތަ އެ ހައްގު މަސައްކަތްކުރާ ފަރާތަށް ލިބިދެއެވެ.

މި ގާނޫނުގެ ދަށުން ގެއިން މަސައްކަތްކުރާ ފަރާތްތަކަށް ވަޒީފާ އަދާކުރެވޭނެ ފުރިހަމަ އިންތިޒާމުތައް ހޯދައިދިނުމަކީ ވަޒީފާ ދޭ ފަރާތުގެ ޒިއްމާއެކެވެ. އަދި ގެއިން ވަޒީފާ އަދާކުރުމަށް ކަރަންޓާއި ގޭހަށް އިތުރު ހަރަދު ހިނގާނަމަ، އެހަރަދު ދިނުމަކީ ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމުކުރާ ކަމެއްކަމުގައި ގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ.

މި ގާނޫނު މިދިޔަ ހުކުރު ދުވަހު ޕޯޗުގަލްގެ މަޖިލީހުން ފާސްކޮށް ޖެހިގެން އައި ދުވަހުން ފެށިގެން ވަނީ ތަންފީޒުކުރަން ފަށާފައެވެ.

ދުނިޔެ ކޮވިޑާ ކުރިމަތިލައި އޭގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގެއިން މަސައްކަތްކުރާ (ރިމޯޓް ވޯކަރުންގެ) އާބާދީ ވަނީ އިތުރުވާން ފަށާފައި ކަމަށް ދިރާސާތަކުން ދައްކައެވެ. ގާޓްނާ ކިޔާ ދިރާސާކުރާ ކުންފުންޏަކުން ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި ދުނިޔޭގައި ވަޒީފާ އަދާކުރާ އާބާދީގެ ތެރެއިން ގެއިން މަސައްކަތްކުރާ މީހުންގެ އާބާދީ 2021 ވަނަ އަހަރު ނިމޭއިރު 32 ޕަސެންޓަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. 2019 ވަނަ އަހަރު ރިމޯޓް ވޯކަރުން ނުވަތަ ގެއިން މަސައްކަތްކުރާ މީހުންގެ އަދަދަ އުޅެނީ 17 ޕަސެންޓުގައި ކަމަށް އެ ދިރާސާއިން ވަނީ ދައްކައިފައެވެ.