މުނިފޫހިފިލުވުން

އިންޑިއާގެ މިނިވަންކަމަކީ ސަލާން ޖަހައިގެން ހޯދި އެއްޗެއް ކަމަށް ބުނުމުން ކަންގަނާ އަނެއްކާވެސް ހޫނުފެނަށް!

ޕަދްމާޝްރީ އެވޯޑު ހާސިލުކުރި ބަތަލާ ކަންގަނާ ރަނޯތު މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އިންޑިއާގެ މިނިވަންކަމަށް ޖޯކު ޖަހައިފިއެވެ.

ޓީވީއަކަށް ދިން އިންޓަވިއުގައި ކަންގަނާ ބުނެފައިވަނީ 1947 ވަނަ އަހަރު އެގައުމަށް ލިބުނު މިނިވަންކަމަކީ މިނިވަންކަމެއް ނޫން ކަމަށާއި އެއީ ސަލާން ޖަހައިގެން ލިބުނު އެއްޗެއް ކަމަށެވެ. އިންޑިއާއަށް ހަގީގީ މިނިވަންކަން ލިބިފައިވަނީ 2014 ވަނަ އަހަރު އެގައުމުގެ ސަރުކާރު ހިންގުމަށް ނަރެންދުރަ މޯދީ ހަވާލުވެވަޑައިގަތުމަށް ފަހުގައި ކަމަށް ވެސް ކަންގަނާ ވަނީ ބުނެފައެވެ.

ބީޖޭޕީގެ ޕާލަމަންޓު މެންބަރު ވަރުން ގާންދީ ވަނީ ކަންގަނާ މިހެން ބުނާ 24 ސިކުންތުގެ ވީޑިއޯ ކްލިޕެއް ޓުވީޓު ކޮށް މިއީ ގައުމުގެ ސިޔާދަތަށް އުނިކަން ގެނުވާ ފަދަ އަމަލެއް ކަމަށް ބުނެ އޭނާ ދެއްކި ވާހަކަތައް ކުށްވެރި ކޮށްފައެވެ.

ކަންގަނާގެ މި ކޮމެންޓަށް ބީޖޭޕީ ހިމެނޭހެން ސިޔާސީ ގިނަ ޕާޓީތަކުން އަންނަނީ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. ހުކުރު ދުވަހު ކޮންގްރެސް އިން ބުނެފައިވަނީ ގައުމުގެ ސިޔާދަތާއި އިސްތިގުލާލަށް އުނިކަން ގެނެސް މިނިވަން ކަމަށް މަސައްކަތްކުރި ފަރާތްތަކަށް ބަދުބަސް ބުނެ ވާހަކަދައްކާފައިވާތީ ކަންގަނާ އަތުން ޕަދްމާޝްރީ އެވޯޑު އަތުލަން ޖެހޭ ކަމަށެވެ. މަހާރާޝްތުރާ ސަރުކާރު ހިންގަމުން އަންނަ އެމްވީއޭ ޕާޓީ އާ ގުޅިފައިވާ ޝިވް ސެނާ އިން ވަނީ މިމައްސަލައިގައި ކަންގަނާ އާ ދެކޮޅަށް ދައުވާ ކުރުމަށް ގޮވާލައިފައެވެ.

ރާޖަސްތާނުގައި ހިންގަމުން އަންނަ މަހިލާ ކޮންގުރެސް އިން މިހާރުވެސް ވަނީ ކަންގަނާ އާ ދެކޮޅަށް އަދި އޭނާ އިންޓަވިއު ދިން ޓީވީ ޗެނަލާ ދެކޮޅަށް ދައުވާކުރުމަށް ގޮވާލައި ފުލުހަށް ރިޕޯޓުކޮށްފައެވެ. އޭގެ އިތުރުން ނާގުޕޫރުގައިވެސް ވަނީ ކަންގަނާ އާ ދެކޮޅަށް އޭއޭޕީ (އާމް އާދްމީ ޕާޓީ) އިން ފުލުހަށް މައްސަލަ ރިޕޯޓު ކޮށްފައެވެ. މަހާރާޝްތުރަ މިނިސްޓަރު އަދި ނެޝަނަލް ކޮންގްރެސް ޕާޓީ (އެންސީޕީ) ގެ ލީޑަރު ނަވާބު މާލިކު ވަނީ މިނިވަންކަން ހޯދައިދިން ބަތަލުންނަށް ބަދުބަސް ބުނެ ކަންގަނާ ދައްކާފައިވާ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަން ވިދާޅުވެފައެވެ. ''ކަންގަނާގެ މި އަމަލު ކުށްވެރިކޮށް، އޭނާ އަތުން ޕަދްމާޝްރީ އެވޯޑު އަތުލައި ހައްޔަރުކުރުމަށް ގޮވާލަން.'' ނަވާބު މާލިކު ވަނީ ވިދާޅުވެފައިވެއެވެ.

ބީޖޭޕީ އިން ދިއްލީއަށް ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާނު ޕްރަވީން ޝަންކަރު ކަޕޫރު ވިދާޅުވިގޮތުގައި މިނިވަންކަން ހޯދައިދިނުމަށް މަސައްކަތް ކުރި މީހެއްގެ ދަރިއަކަށް ވެ ހުރެ އަދި ބަތަލުން ހިމެނޭ އާއިލާއަކުން އައިސްފައި ހުރި މީހަކަށްވާއިރު ގައުމަށް ލިބިފައިވާ މިނިވަންކަމަކީ ސަލާން ޖަހައިގެން ހޯދި އެއްޗެއް ކަމަށް ކަންގަނާ ބުނުމަކީ އެފަރާތްތަކަށް ރައްދުކުރާ މަލާމާތެއް ކަމަށާއި މިއީ އެމީހުން ވި ގުރުބާނީއަށް ކޮޅުފައިން ޖެހުން ކަމަށެވެ.

ސީނިޔާ ކޮންގުރެސް ލީޑަރު އާނަންދު ޝަރްމާ ވަނީ މިކަމުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ހަނު ހުންނެވުމުގެ ބަދަލުގައި ވާހަކަފުޅު ދައްކަވަން ޖެހޭ ކަމަށާއި ކަންގަނާގެ މި ބަސްމަގާ މެދު ދެކިވަޑައިގަންނަވާ ގޮތެއް ގައުމަށް ހާމަކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. ނޫން ނަމަ، ސަރުކާރުން މިފަދަ މީހުންނާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް ވަނީ ގޮވާލައްވައިފައެވެ.