ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ގާނޫނުން ކަނޑައަޅާފައިވާއިރު، އެ ދާއިރާއެއްގައި ހިމެނޭ ހުރިހާ ރަށެއް ލިސްޓު ކުރެވޭ ގޮތަށް އިންތިހާބީ ދާއިރާތަކުގެ ނަން ކަނޑައެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ފާސް ކުރަން ނުފެންނަ ކަމަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެބިލު މަޖިލިސް ތަޅުމަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.
ސަލީމް އިސްލާހު ހުށަހަޅުއްވާފައި ވަނީ އެ ގާނޫނުގެ 10 ވަނަ މާއްދާގެ ފަހަތަށް 11 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރު ކޮށް ދެން ހުރި މާއްދާތައް ތަރުތީބު ކުރުމަށެވެ.
މި ބިލު ހުށަހެޅުއްވި ސަބަބަބު ހާމަ ކުރައްވަމުން ސަލީމް ވިދާޅުވެފައި ވަނީ، މީހުން އުޅޭ ކޮންމެ ރަށަކީ ސިޔާސީ ގޮތުން ސަމާލުކަން ދޭން ޖެހޭނެ ރަށެއް ކަމަށެވެ. އެގޮތަށް ސަރުކާރުގެ ދަފުތަރުގައި ހިމެނޭ ކޮންމެ ރަށަކީ ސަމާލުކަން ލިބެން ޖެހޭ ރަށަކަށް ވީނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން އިދާރީ ދާއިރާތަކުގެ ނަން ބޭނުން ކުރެވެނީ، އެ ދާއިރާއެއްގައި އޮންނަ އެންމެ ބޮޑު އާބާދީއެއް، ނުވަތަ ސިޓީއެއްގެ އަވަށްތަކުގެ ނަން ޝާމިލުވާ ގޮތަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެގޮތަށް ދާއިރާގެ ނަން އެންމެ ރަށަކަށް ނިސްބަތް ވާ ގޮތަށް އޮތުމުން އެ ދާއިރާގައި ހިމެނޭ އެހެން ރަށްތަކަކީ ކޮބައިކަން ރަސްމީ ލިޔެކިޔުންތަކުން ގިނަ ފަހަރަށް އޮންނަނީ ނޭނގުމެއްގެ ތެރޭގައި ކަމަށްވެސް ވިދާޅުވެފައިވެއެވެ.
"ރައްޔިތުންގެ މަޖިލިސް ފަދަ މުޅި ރައްޔިތުން ތަމްސީލު ކުރާ މުއައްސަސާތަކުގައި ވެސް ދާއިރާތަކަށް މިހާރު ނަން ދެވިފައިވާ ގޮތުން ރާއްޖޭގެ އެތައް ރަށެއް މަންޒަރުން ގެއްލި، އެރަށްތައް ފެންނާނެ ގޮތެއް ނެތެވެ. އާބާދީ ކުދި ރަށްތަކަށް މިއީ އިހާނެތި ކަމަކަށް ވުމުގެ އިތުރުން ވަރަށް ބޮޑު ބޭއިންސާފެއްވެސް މެއެވެ."
އެކަންތައްތައް އެގޮތަށް އޮތުމަކީ، ގާނޫނުއަސާސީގެ ރޫހަށް ބަލާއިރު އިންސާފުވެރި ކަމެއް ކަމަށް ފެނިވަޑައި ނުގަންނަވާތީ ރަސްމީ ލިޔުންތަކުގައި، ދާއިރާ ނިސްބަތްވާ އެންމެ އާބާދީ ބޮޑު ރަށުގެ ނަމުގެ ފަހަތުގައި، ބްރެކެޓެއްގައި އެ ދާއިރާގައި ހިމެނިފައިވާ އެހެން ރަށްތަކުގެ ނަންތައް ފެންނަން އޮތުމަކީ، އެރަށްރަށަށް ދެވޭ ސަމާލުކަން މިހާރަށްވުރެން އިތުރުވެގެންދާނެ ކަމެއް ކަމަށް ފެންނާތީ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ކަމަށްވެސް ސަލީމް ވިދާޅުވެފައި ވެއެވެ.
މި އިސްލާހަކީ 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލެކެވެ. ހަމަ އެ އަހަރު މިބިލު ދިރާސާ ކުރުމަށް މަޖިލީހުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވިއެވެ. އެ ފަހަރުވެސް މި ބިލު ފާސްކުރަން ނުފެންނަ ކަމަށް ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވިއެވެ.
ނަމަވެސް މަޖިލީހުގައި ބަހުސްކޮށް ބިލު އިތުރަށް ފުރިހަމަކޮށް އިސްލާހު ކުރުމަށް ދެވަނަ ފަހަރު ބިލު ކޮމިޓީއަށް ފޮނުވިއެވެ.
ބިލުގެ މަސައްކަތް މިދިޔަ ހަފުތާގައި ކޮމިޓީން ނިންމައި އަނެއްކާވެސް ބިލު މަޖިލިސް ތަޅުމަށް ފޮނުވާފައި މިވަނީ މިއީ ފާސްކުރަން ފެންނަ ބިލެއް ނޫން ކަމަށް ކޮމިޓީން ފާސްކޮށްފައެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ