ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރަން ބާއްވާ ރިޔާސީ އިންތިހާބާ އެކު، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު، ދެ އިންތިހާބު އެއްކޮށް ބާއްވަން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރަން މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މިއަދު ބާއްވަން އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ، މާދަމާއަށް ވަނީ ފަސްކޮށްފައެވެ.
އެ ބިލް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރީ މިއަދުއެވެ. އެހެންކަމުން ކޮމިޓީތަކުން ހުށަހަޅާ ކަންތައްތަކުގެ ގޮތުގައި އެ ބިލް ކޮމިޓީން ނިންމި ރިޕޯޓަށް ބަހުސް ކުރުމަށް މާދަމާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.
މި ބިލް ދިރާސާ ކުރުމުގެ މަރުހަލާގައި، މި ބިލާބެހޭގޮތުން ކޮމިޓީން ވަނީ އެޓާނީ ޖެނެރަލް (އޭޖީ) އަހްމަދު އުޝާމް އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުންނާއި، ސިޔާސީ ޕާޓީތަކާ ބައްދަލުކޮށްފައެވެ.
އެ ބައްދަލުވުމުގައި އޭޖީ ވިދާޅުވީ، މި ބިލު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވުމުން، ބިލު ތަސްދީގު ކުރެއްވުމުގެ ކުރިން، ކެބިނެޓާ މަޝްވަރާ ކުރެއްވުމަށްފަހު އެކަމުގައި ރައްޔިތުން ދެކޭ ގޮތް ބެލުމަށް ޕަބްލިކް ރިފަރެންޑަމް އަކަށް ވަޑައިގަންނަވާނެ ކަމަށެވެ.
"ނަމަވެސް އެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްވުމުން ތަސްދީގު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ހިސާބުން، ރައީސުލްޖުމްހޫރިއްޔާ ޖެހިވަޑައިގަންނަވާ ކެބިނެޓްގެ ލަފަޔާ އެއްކޮށް ގަރާރެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވަން، އެ ގަރާރުގައި ސަރުކާރުގެ ފަރާތުން މި ރެފަރެންޑަމް ބާއްވަން އެދޭ ތާރީހެއް އޮންނަން ޖެހޭ، އެހެންވީމަ އެ ތާރީހެއް ކެބިނެޓުގެ ލަފަޔައެކު ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ގަރާރުގައި އޮންނާނެ،" އޭޖީ އެ ދުވަހު ވިދާޅުވިއެވެ.
އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓާއެކު، އެކަމާބެހޭ ރެފަރެންޑަމްގެ ވޯޓުލުން ބާއްވަން، ބިލް މަޖިލީހަށް ހުށަހެޅުއްވި، ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހާއި އެ ޕާޓީގެ އިސް ބައެއް ފަރާތްތަކުން ވަނީ ވާހަކަ ދައްކައިފައެވެ.
އެކަމާ ގުޅިގެން ކޮމިޓީގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކީގައި ބޭއްވުމާ މެެދު ރައްޔިތުންނަށް ފެންނަ ގޮތެއް ބަލަން ބާއްވަން ޖެހޭ ރެފަރެންޑަމް ލޯކަލް ކައުންސިލް އިންތިހާބާ އެކު ބޭއްވޭނީ މި ބިލުގެ މަސައްކަތް މިމަހުގެ 18 ގެ ކުރިން ނިންމައިގެން ކަމަށެވެ.
ދައުރުން ބޭރުން މިދިޔަ މަހުގެ ފަސްވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.
ހަމަ އެ ދުވަހު ޖަލްސާގައި ތިއްބެވި 52 މެންބަރުންގެ ތެރެއިން 46 މެންބަރުން ވޯޓު ދެއްވައިގެން ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވިއެވެ. އެ ޖަލްސާގައި ބިލު ބަލައިނުގަތުމަށް ވޯޓުދެއްވީ އިދިކޮޅު އެމްޑީޕީގެ ފަސް މެންބަރުން ކަަމަށްވާ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލެވެ.
މި ބިލުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް މީހުން ހޮވުމަށް ބާއްވަންޖެހޭ އިންތިހާބު ބާއްވާނީ، ގާނޫނުއަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިހާބާއެކު ކަމަށެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށާއި އެ މުއްދަތު ހަމަވުމުން މަޖިލިސް އުވުނީ ކަމަށް ކަނޑައަޅަން ވެސް ވަނީ ހުށަހަޅައިފައެވެ.
އެގޮތުން މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވާލުމާއެކު، އަލަށް އިންތިހާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ވާނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ކަމަށް ކަނޑައަޅަން ވެސް ވަނީ ހުށަހަޅައިފައެވެ.
މި އިސްލާހު ގާނޫނުއަސާސީއަށް ގެނެސްފިނަމަ މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުވެ، 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހަށް 20 ވަނަ މަޖިލީހުގެ ދައުރު ހަމަވާނެއެވެ.
މިހާރު ގާނޫނު އަސާސީގައި އޮންނަ ގޮތުން މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވާނީ 2029 ވަނަ އަހަރުއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް