ޚަބަރު

ކޮމަންޑުއަށް ކާޑު ހިފައިގެން ދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެ

މުހައްމަދު އިޝާން

ށ. ކޮމަންޑުއަށް ކާޑުގެ ބާވަތްތައް ހިފައިގެން ދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެއެވެ.

ކޮމަންޑޫ ކައުންސިލްގެ މެމްބަރު އާދަމް އަބްދުﷲ މިރޭ "ވަން" އަށް ވިދާޅުވީ އަޑިއަށް ދިޔައީ "މަހުރޯދި" ދޯނި ކަމަށާއި އެ ދޯނި އަޑިއަށް ދިޔައީ މިރޭ 7:15 ހާއިރު ކަމަށެވެ. މަހުރޯދި ދޯންޏަކީ ކޮމަންޑޫ އާއި މާލެއާ ދޭތެރޭ ދަތުރުކުރާ މުދާ އުފުލާ ދޯންޏެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާދަމް އަބްދުﷲ ވިދާޅުވީ، މަހުރޯދި ދޯނި ނެރުން ވަންނަން އައީ ވަރަށް ބާރު ސްޕީޑުގައި ކަމަށާއި ދޯނި ނެރުން ވަންނަނިކޮށް ތޮށިގަނޑު ޖެހި ދޯންޏަށް ގެއްލުން ވެފައިވާ ކަމަށެވެ. އެގޮތުން ދޯނީގެ ދިރުބާކޮޅުގެ އެއް ފަރާތް ވަރަށް ބޮޑަށް ހަލާކުވި ކަމަށާއި އެކަމުގެ ސަބަބުން ދޯންޏަށް ވަރަށް އަވަހަށް ދިޔަވާން ފެށި ކަމަށެވެ.

އެ ހާދިސާ ހިނގި ވަގުތު ދޯނީގައި ހަތަރު މީހުން ތިބި ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އާދަމް އަބްދުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެވަގުތު ދޯނީގައި ހަނޑޫ، ހަކުރު، ފުށް ސިމެންތި އަދި ހިލެވެލި ވެސް ހުރި ކަމަށެވެ. ދޯނި ދިޔަވާން ފެށުމުން ތޮށިގަނޑާ ގާތްކޮށް ދޯނީގައި ހުރި ކާޑުގެ ބާވަތްތައް ސަލާމަތް ކުރެވުނު ނަމަވެސް ދޯނީގައި ހުރި ސިމެންތި ބަސްތާތައް ނުބޭލެނީސް ދޯނި އަޑިއަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.