ޚަބަރު

ރާއްޖޭގެ އެންމެ ބޮޑު ފެންއަރުވާ ވަޑާން ސެންޓްރަލް ޕާކްގައި ހުޅުވައިފި

މުހައްމަދު އިޝާން

1

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ތަރައްގީ ކުރި އިންޓަރެކްޓިވް ފެންއަރުވާ ވަޑާން މިރޭ ހުޅުވައިފިއެވެ.

މިއުޒިކާއި ލައިޓާ އެއްވަރަށް ފެންގަނޑުގެ ހަރަކާތްތައް ހިނގާ އިންޓަރެކްޓިން ވޯޓާ ފައުންޓެއިން ހުޅުއްވައިދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ. މި ރަސްމިއްޔާތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

ރަސްމިއްޔާތުގައި ވާހަކަ މިނިސްޓަރު ވިދާޅުވީ ޖުމްހޫރީ ދުވަހާ ގުޅުވައި މިރޭ ހުޅުވުނު ފެންއަރުވާ ވަޑާމުގެ ސަބަބުން ހުޅުމާލެއަށް ޒިޔާރަތްކުރާ މީހުން އިތުރުވާނެ ކަމަށެވެ. އަދި ވިދާޅުވީ ސެންޓްރަލް ޕާކުގައި ފެންއަރުވާ ވަޑާމެއް މިއަދު ހުޅުވުނީ ގިނަ އަހަރުތަކެއްގެ އިންތިޒާރަށްފަހު ކަމަށެވެ.

އެގޮތުން ސެންޓްރަލް ޕާކަށް މީހުން ޒިޔާރަތް ކުރަނީ ކަސްރަތު ކުރުމަށާއި އެކަކު އަނެކަކާ ބައްދަލުކޮށް ވާހަކަ ދައްކާލުމަށް ކަމަށެވެ. ނަމަވެސް މިރެއިން ފެށިގެން ކަސްރަތު ކުރުމަށާއި ޕާކަށް ކުޅެން އަންނަ ކުދިންނަށް އިތުރު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޑރ. ހުސެއިން ވިދާޅުވީ ފެންއަރުވާ ވަޑާމު ބެލެހެއްޓުމަކީ ހަމައެކަނި އެޗްޑީސީގެ ޒިންމާއެއް ކަމަށް ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކުން ދެކިގެން ނުވާނެ ކަމަށާއި ފެންއަރުވާ ވަޑާން ބެލެހެއްޓުމަކީ ހުރިހާ ރައްޔިތުންގެ ޒިންމާއެއް ކަމަށެވެ. އަދި ތަންތަނަށް ކުނިއަޅައި ގެއްލުން ދިނުމަކީ ތަހުޒީބީ މުޖުތަމައުތަކުގައި ކޮށްއުޅޭ ކަންތައްތަކެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ސުހެއިލް ވިދާޅުވީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި އެކި ބޭނުންތަކަށް ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެ ފެންއަރުވާ ވަޑާން ވެގެންދާނީ ވަރަށް ފުރިހަމަ އަދި ހިތްގައިމު ތަނަކަށް ކަމަށެވެ.

އާއިލާ އާއި ގާތް ރަހުމަތްތެރިންނާ އެކު ވަގުތު ހޭދަކޮށްލައި ހިތްހަމަޖައްސާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހުޅުމާލޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާނެ ކަމަށެވެ.

ރެކްރިއެޝަން ޒޯނާއި މިސްކިތެއް ހިމެނޭ ގޮތަށް ސަރަހައްދެއް ތަރައްގީ ކުރަމުން އަންނަ ކަމަށާއި އާބަން ފާމިންއަށް ހާއްސަ ކުރި ސަރަހައްދު ވެސް އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސުހެއިލް އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކުން ފެށިގެން ގޮސް މުނިފޫހިފިލުވުމާއި ހިތްފަސޭހަ ދިރިއުޅުމެއް އުޅުމަށް ބޭނުންވާނެ ގިނަ ހިދުމަތްތަކާއި ވަސީލަތްތައް އެޗްޑީސީއިން މިހާރު ވެސް ތަރައްގީ ކުރަމުން އަންނަ ކަމަށެވެ.

ފެންއަރުވާ ވަޑާން ހުޅުވި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ. އަދި ފެންއަރުވާ ވަޑާން ހުޅުވުމުން ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ އެތަނުގައި ތެމިގެން ކުޅެފައެވެ.

މިރޭ ހުޅުވި ފެންއަރުވާ ވަޑާމަކީ މިއުޒިކާ އެކި ކުލަތަކުން ދިއްލޭ ގޮތަށް ހަދާފައިވާ ތަނެކެވެ. އަދި ފެން އަރުވާ ވަޑާމުގެ މެދުގައި ފާލަމެއް ހަދައި އެތަނުން، މަންޒަރު ބެލޭނެ ގޮތަށް ވެސް ވަނީ ހަދައިފައެވެ. ޖުމްލަ 20،021 އަކަފޫޓުގެ ސަރަހައްދެއްގައި ހަދާފައިވާ މިތަނުގެ ފެންގަނޑު 15 މީޓަރާ ހަމައަށް މައްޗަށް އަރާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ސެންޓްރަލް ޕާކުގައި ފެންއަރުވާ ވަޑާމެއް ތަރައްގީކުރުމުގެ މަސައްކަތް ތުރުކީ ކުންފުންޏަކާ ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ. މުޅި ޕްރޮޖެކްޓުގެ އަގަކީ ދެ މިލިއަން ޑޮލަރެވެ.