ކުޑަކުދިންގެ ހިޔާގެ ކުދިންތަކެއް ބިޑި އަޅުވައި، ޓޯޗާގެ އަމަލެއް ހިންގިކަމުގެ ތުހުމަތަށް 13 ފުލުހަކަށް ދައުވާ އުފުލުމުން ފުލުހުންގެ މުއައްސަސާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ދެހާސް ސަތާރަ ވަނަ އަހަރުގެ އޭޕްރިލް މަހުގެ 20 އިން 22 އަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ މުވައްޒަފުން ބައިވެރިވެގެން، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތިބި 12 އަހަރުން މަތީގެ ކުދިންތަކަކަށް ކ. ތުލުސްދޫގައި ހިންގި ކޭމްޕެއްގައި އެކި ކަހަލަ އަނިޔާތަށްކޮށް، ޓޯޗާގެ އަމަލު ހިންގި މައްސަލައިގައި 13 ފުލުހުންނަށް މިއަދު ވަނީ ދައުވާ އުފުލާފައެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، އެ 13 ފުލުހުންނަކީ އަނިޔާގެ އަމަލުގައި އަމަލީ ގޮތުން ބައިވެރިވިކަމަށް ހެކި ލިބިފައިވާ ފުލުހުން ކަމަށެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތައް ގޮވައިގެން ތުލުސްދޫ ކޭމްޕަށް ދަތުރު ކުރި ފެރީގަ އާއި ކޭމްޕުގައި ފުލުހުންގެ ފަރާތުން އެކުދިންނަށް އަނިޔާވިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އެންޓި ޓޯޗާ ގާނޫނުގެ ދަށުން ތަހުގީގުކޮށް އަށް ފުލުހެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ފޮނުވާފައިވާކަމުގެ މައުލޫމާތު މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ހިއްސާކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ތުލުސްދޫގައި އެކުދިންނަށް ހިންގާފައިވާ ކޭމްޕަކީ ފުލުހުންގެ ފަރާތުން ރާއްޖޭގެ އެކި ރަށްރަށުގައި އެ އުމުރުފުރައިގެ ކުދިންނަށް ހިންގަމުންދާ ރެޑީ ކޭމްޕާއި މުއައްސަސާތަކުގެ ބްލޫޒް ފޯ ޔޫތު ކޭމްޕުގައި ހިމެނޭ ހަރަކާތްތައް ހިމަނައިގެން އެކުދިންނަށް ހާއްސަކޮށް ފަރުމާކޮށްގެން ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި މަޝްވަރާކޮށް އެއްބަސްވެވުނު ގޮތަށް ހިންގާފައިވާ ކޭމްޕެއް ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ އެ ކޭމްޕުގައި ކުޑަކުދިންގެ ހައްގަށާއި ކަރާމާތަށް އުނިކަން އަތުވެދާނެފަދަ އެއްވެސް ކަމެއް ހިނގާފައިވާކަމުގެ ރިޕޯޓެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން މީގެ ކުރިން ފުލުހަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ކޭމްޕުގައި ބައިވެރިވި ބައެއް ކުދިން ނުކިޔަމަންތެރިކަން ދެއްކުމުން އެކުދިން ކޮންޓްރޯލްކުރުމަށާއި އެކުދިންނާއި އެހެނިހެން ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން އަމަލުކޮށްފައިވަނީ ފުލުހުންގެ ގާނޫނާއި ގަވައިދުތަކުގެ ތެރެއިން ކަމަށްވެސް ބުންޏެވެ.
"ވީމާ، މިދަތުރުގައި ބައިވެރިވި ފުލުހުންގެ މައްޗަށް ގާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗާ ގާނޫނު)ގެ ދަށުން ދައުވާ ކުރަން ނިންމާފައިވާ ނިންމުމަކީ ދިވެހި ފުލުހުންގެ ހިދުމަތުން ކަންބޮޑުވާ ކަމެކެވެ" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
ބަޔާނުގައި އިތުރަށް ބުނީ ހިޔާގެ ކުދިންނަށް އަނިޔާކުރި މައްސަލައާ ގުޅޭގޮތުން އެޗްއާރްސީއެމްގެ ތަހުގީގުން ހޯދިފައިވާ ހޯދުންތަކާއި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ފުލުހުންނާ ހިއްސާކޮށްދޭން މިހާރު އެދިފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު