ޚަބަރު

ބިދޭސީން ހިމަނައި މިނިމަމް ވޭޖް އިސްލާހުކުރަން ގޮވާލައިފި

އަލީ ޔާމިން

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް އެންމެ ކުޑަ އުޖޫރަ ކަނޑަނާޅާތީ ޓްރާންސްޕޭރެންސީ މޯލްޑިވްސް ހިމެނޭހެން ހަތަރު ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ބިދޭސީންނަށް އެންމެ ކުޑަ އުޖޫރަ ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވަނީ ޓްރޭންސްޕޭރެންސީ މޯލްޑިވްސް އާއި މިޝަން ފޯ މައިގްރަންޓްސް ވޯކާސް މޯލްޑިވްސް އާއި މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އަދި ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި އިއުލާންކުރީ މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ލަފާދިން ގޮތަށް ހަތަރު ކެޓަގަރީއަކަށެވެ. އެއީ ސިވިލް ސާވިސް، ކުދި ވިޔަފާރިތައް، މެދުފަންތީގެ ވިޔަފާރިތައް އަދި ބޮޑެތި ވިޔަފާރިތަކުގައި މަސައްކަތް ކުރާ ދިވެހިންނަށެވެ. އެންމެ ކުޑަ އުޖޫރަގައި ބިދޭސީ މަސައްކަތްތެރީން ހިމަނާފައެއް ނުވެއެވެ.

އެ ޖަމިއްޔާތައް ގުޅިގެން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނީ އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަނުގެ ލަފާގެމަތިން މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކާއި ސަރުކާރުގެ ބައިވެރިވުމާއެކު މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ސަރުކާރަށް އަރުވައިފައިވާ ލަފަޔާ ހިލާފަށް މިނިމަމް ވޭޖް ކަނޑައަޅާފައިވުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

އެގޮތުން ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ފޯމިއުލާތައް ބޭނުންކޮށްގެން ރާއްޖޭގެ އިގުތިސޯދީ ހާލަތު މިހާރު އޮތް ގޮތް ދިރާސާ ކުރުމަށްފަހު ދީފައިވާ ލަފާގެ މަގުސަދަކީ މަސައްކަތްތެރިން، އިގުތިސޯދީ ގޮތުން ބާރުވެރިކޮށް، މަސައްކަތްތެރިންގެ އިޖުތިމާއީ ރައްކާތެރިކަން ޔަގީންކުރެވޭނެ ފެންވަރެއްގެ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުން ކަމަށެވެ. ނަމަވެސް ދިވެހި ސަރުކާރުން އެލަފަޔާ ހިލާފަށް މިނިމަމް ވޭޖް ކަނޑައެޅުމުން ސަރުކާރުގެ ނިޔަތާމެދު ސުވާލު އުފެދޭ ކަމަށް ޖަމިއްޔާތަކުން ބުންޏެވެ.

ޖަމިއްޔާތަކުން ބުނީ ގައުމެއްގައި ހުންނަ ގަވާއިދުތަކާއި ގާނޫނުތަކަކީ ހުރިހާ އެންމެނަށްވެސް ހަމަހަމަކޮށް އެއްވަރަކަށް ތަންފީޒުކުރެވޭ ގަވާއިދުތަކާއި ގާނޫނުތަކަކަށް ވާންޖެހޭނެ ކަމަށާއި އެންމެ ކުޑަ އުޖޫރައިން ބިދޭސީން ބާކީ ކުރުމަކީ ބޭއިންސާފެއް ކަމަށެވެ.

"ބިދޭސީ މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރަ ނުލިބުމަކީ މިހާރުވެސް ބިދޭސީ މަސައްކަތްތެރިންނާ ދޭތެރޭ އޮންނަ ތަފާތުކުރުންތައް އިތުރުވެ، އެ މަސައްކަތްތެރިންގެ ހައްގުތައް ގެއްލި، އެމީހުންނަށް ދެވޭ ވަރަށް ބޮޑު ބޭއިންސާފެއް. އަދި ބިދޭސީންނަށް އެންމެ ކުޑަ އުޖޫރަ ނުދިނުމަކީ ރާއްޖޭގައި މިހާރުވެސް އޮތް އިންސާނީ ވަގުފާރީގެ މައްސަލަ އިތުރަށް ގޯސްވެދާނެ ކަމެއް،" ޖަމިއްޔާތަކުން ބުންޏެވެ.

ޖަމިއްޔާތަކުން ބުނީ ބިދޭސީ މަސައްކަތްތެރިން އެންމެ ކުޑަ އުޖޫރައިގެ ތެރޭގައި ނުހިމެނުމަކީ އޭގެ ނުސީދާ ގެއްލުން ދިވެހި މަސައްކަތްތެރިންނަށްވެސް ލިބޭނެ ކަމެއް ކަމަށެވެ.

ޖަމިއްޔާތަކުން އިތުރަށް ބުނީ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމުގެ މަގުސަދަކީ މަސައްކަތްތެރިން މަސައްކަތްކުރާ ގައުމުގައި އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ތަނަވަސް ކޮށްދިނުން ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރަ ނުދެވޭނެކަމުގެ ސަބަބެއްކަމުގައި އެމީހުންގެ ރަށްވެހިކަން އޮންނަ ގައުމުގެ އެންމެ ކުޑަ އުޖޫރަ ދޭ އަދަދުތައް ރާއްޖޭގެ އެންމެ ކުޑަ އުޖޫރައިގެ އަދަދުތަކަށްވުރެ ދަށްކަމަށް ބުނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޖަމިއްޔާތަކުން ވަނީ މަސައްކަތްތެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، އެފަރާތްތަކުގެ ލަފަޔާއި މަޝްވަރާއާއެކު މިހާރު އިއުލާނުކޮށްފައިވާ އެންމެ ކުޑަ އުޖޫރަ އިސްލާހުކޮށް، މިސިޔާސަތުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިން ހިމެނުމަށް ފުރިހަމަ ކުރަންޖެހޭ ގާނޫނީ ކަންކަން ފުރިހަމަ ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައިފައެވެ.

ބިދޭސީންނަށް އެންމެ ކުޑަ އުޖޫރަ ދިނުމަށް ގޮވާލާފައިވާއިރު، ބިދޭސީ މަސައްކަތްތެރީންނަށް އެންމެ ކުޑަ އުޖޫރަ ދީފިނަމަ ރާއްޖޭގެ އިގުތިސޯދަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށާއި އެ ފެންވަރު ރާއްޖޭގެ އިގުތިސޯދުގައި ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފައެވެ.