އަންނަ 2022 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓްގައި ރައްޔިތުންގެ މަޖިލީހަށް ހިމަނާފައިވާ ބަޖެޓަށް ހަތް މިލިއަން ރުފިޔާ އިތުރު ކޮށްދޭން، ބަޖެޓު ކޮމިޓީއަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން ފާސްކޮށްފިއެވެ.
އަންނަ އަހަރަށް ރައްޔިތުންގެ މަޖިލީހަށް 191 މިލިޔަން ރުފިޔާގެ ބަޖެޓެއް، ދިނުމަށް ވަނީ ހިމަނައިފައެވެ.
އަންނަ އަހަރަށް ބޭނުންވެގެން މަޖިލީހުން އެދުނު ބަޖެޓް ފިނޭންސް މިިސްޓްރީން އެޕްރޫވް ކޮށްފައި ވީނަމަވެސް ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ދަށުން މަޖިލީހުން ހުށަހެޅި ހަތް މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށް ވިދާޅުވެ އެކަމާ ބެހޭ ގޮތުން ގޮތެއް ނިންމުމަށް އާއްމު ކޮމިޓީގެ އިއްޔެގެ ބައްދަލުމުގައި ބަހުސަށް ހުޅުވައިލެއްވީ އެ ކޮމިޓީގެ ނާއިބު މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އެވެ.
އެކަމާ ބެހޭ ގޮތުން ކޮމިޓީގައި ވާހަކަ ދައްކަވަމުން ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލް ހަކީމު ވިދާޅުވީ، ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ދަށުން މަޖިލީހުން ހުށަހެޅި ހަތް މިލިއަން ރުފިޔާ ބަޖެޓަށް އިތުރު ކުރުމަށް ހުށަހަޅުއްވާ ކަމަށެވެ. އަދި އޭގައި ހިމެނޭ ކަންތައްތަކަކީ މިވަގުތަށް މުހިއްމު ކަންތައްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
ޣަނީ ވިދާޅުވީ މަޖިލީހަށް ދިމާވެފައިވާ ދަތި ކަންތައްތަކުގެ ތެރޭގައި ލިފްޓްގެ ދަތިކަމާއި، މަޖިލިސް ޖަލްސާ ހިނގަމުންދާއިރު ކޮމިޓީ ތަކުގައި ތިއްބަވާ މެންބަރުންނަށް ޖަލްސާގައި ހިނގާ ކަންތައްތައް ނޭނގުމުގެ ސަބަބުން ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ހަނިވެގެންދިއުން ހިމެނޭ ކަމަށެވެ.
ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ، މަޖިލީހުގެ ބަޖެޓަށް އިތުރު ހަތް މިލިއަން ރުފިޔާ ބޭނުންވެގެން ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި، މަޖިލިސް ޖަލްސާ ތަކާއި އެކި އެކި އިވެންޓްތައް ބްރޯޑްކާސްޓްކޮށް ފްރޭމް ކުރެވޭނެ ގޮތް ހެދުމާއި، ކޮމިޓީ ރޫމް ތަކާއި މަޖިލިސް އިދާރާއަށް ބޭންވާ ވަސީލަތްތައް ހަމަކުރުމާއި، ކޮމިޓީގައި މެންބަރުން ތިއްބަވާއިރު މަޖިލިސް ޖަލްސާގެ ތާވަލު ފެންނާނެ ގޮތް ހެދުމާއި، މަޖިލިސް އިމާރާތުގެ ޓެރަހާއި މަޖިލީހުގެ ސެކިއުރިޓީ ލެވެލް މަތި ކޮށްފައިވާތީ މަޖިލިސް އިމާރާތުގެ ޓެރަހާއި އެހެނިހެން ތަންތަނަށް އަރަން ބޭނުންވާ އިތުރު ލިފްޓް ހަރުކުރުން ހިމެނޭ ކަމަށެވެ.
ލިފްޓުގެ ދަތިކަން ހުންނާތީ، ގިނަ ފަހަރަށް މެންބަރުން ބޭނުން ކުރަން ޖެހެނީ މުވައްޒަފުންނަށް ހުންނަ ލިފްޓު ކަންވެސް ޝާހިދު ފާހަގަ ކުރެއްވިއެވެ.
ޝާހިދު ވިދާޅުވީ އެއިން އެއްވެސް ކަމަކީ އުނި ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ. އެހެންކަމުން އެކަންތައްތައް ހިމަނައިގެން މަޖިލިސް ބަޖެޓަށް ހަތް މިލިއަން އިތުރު ކުރުމަށް މަޖިލީހުގެ ބަޖެޓު ކޮމިޓީއަށް ދެންނެވުމަށް ޝާހިދު ހުށަހެޅުއްވި އެވެ.
އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް އަލީ އެވެ. އެވަގުތު ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން އެ ހުށަހެޅުން ވަނީ ފާސްކޮށްފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް