މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގެ ޝެޑިއުލަށް ގެނައި ބަދަލުތަކާއެކު ރާއްޖެ އާއި ބަންގުލަދޭޝް ކުޅެން އޮތް މެޗު ހޮނިހިރު ދުވަހުގެ ހަވީރަށް ތާވަލު ކޮށްފިއެވެ.
ފޯ ނޭޝަންސް ކަޕުގެ ޝެޑިއުލަށް ލަންކާ ފުޓުބޯޅަ އިދާރާއިން ބަދަލުތައް ގެނައީ އެގައުމަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުންނެވެ. މިމަހުގެ އަށްވަނަ ދުވަހު މުބާރާތް ފަށަން ފުރަތަމަ ތާވަލު ކޮށްފައި އޮތް ނަމަވެސް، ވިއްސާރައިގެ ސަބަބުން މުބާރާތް ފެށީ ނުވަ ވަނަ ދުވަހު ހަވީރުއެވެ.
ބަންގުލަދޭޝް އާއި ސީޝެލްސް އިއްޔެ ކުޅުނު މެޗުން މުބާރާތް ފަށަން ފުރަތަމަ ތާވަލު ކުރި ނަމަވެސް އެ މެޗުގެ ބަދަލުގައި ނުވަ ވަނަ ދުވަހު ހަވީރަށް ފަހުން ތާވަލުކުރީ ރާއްޖެ އާއި ލަންކާ ކުޅުނު މެޗެވެ. ބަންގުލަދޭޝް އިން ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗު އިއްޔެ ހަވީރު ކުޅެފައިވާ އިރު، މުބާރާތުގައި ދެން ކުޅޭ ދެމެޗު އޮންނާނީ ހޮނިހިރު ދުވަހުއެވެ.
ހޮނިހިރު ދުވަހު ހަވީރު ރާއްޖެ އާއި ބަންގުލަދޭޝް ކުޅޭ އިރު، އެރޭ އޮންނަ މެޗުގައި ވާދަކުރާނީ ލަންކާ އާއި ސީޝެލްސް އެވެ. މިހާރު ތަވާލުގައި ވާގޮތުން ރާއްޖެއިން ސީޝެލްސްއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނާނީ ނޮވެންބަރު 16 ވާ ހޯމަ ދުވަހު ހަވީރުއެވެ.
ރާއްޖެއާއި ބަންގުލަދޭޝް ކުޅޭ މެޗު އޮންނާނީ ހޮނިހިރު ދުވަހު ރާއްޖެ ގަޑިން 15:30 ގައެވެ.
މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ލަންކާ ކައިރިން 4-4 އިން އެއްވަރުވެފައިވާ އިރު، ބަންގުލަދޭޝްއިން އިއްޔެ ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ފުރަތަމަ ދެމެޗު ނިމުނު އިރު، ކޮންމެ ޓީމަކަށްވެސް ލިބިފައި ވަނީ ޕޮއިންޓެކެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު