ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޗީފް އޮޕަރޭޝަންސް އޮފިސަރު (ސީއޯއޯ)ގެ މަގާމަށް އިނގިރޭސި ވިލާތުގެ ރައްޔިތަކު ހަމަޖައްސައިފިއެވެ.
އެމްއޭސީއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު (އެމްޑީ)ގެ މަގާމުގައިވެސް މީގެ ކުރިން ހުންނެވީ އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމަށްވާ ގޯޑަން އެންޑްރޫ ސްޓިއާޓެވެ. އޭނާ އެ މަގާމަށް ހަމަޖެއްސީ މިދިޔަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހުއެވެ. ނަމަވެސް އިއްޔެ އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ. ސަބަބެއް ހާމައެއް ނުކުރެއެވެ.
އެމްއޭސީއެލުން ބުނީ، އެ ކުންފުނީގެ ސީއޯއޯގެ މަގާމަށް ޑެރެން ވިލިއަމް އިއްޔެ ހަމަޖައްސާފައިވާ ކަމަށެވެ. އޭނާއަކީ އެއާޕޯޓު ހިންގުމުގެ، އޮޕަރޭޝަންސް އަދި ކޮމްޕްލަޔަންސްގައި 20 އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމަށާއި އޭނާ އެމްއޭސީއެލްއާ ގުޅުނީ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގައި ދިހަ އަހަރު މަސައްކަތް ކުރުމަށްފަހު ކަމަށްވެސް އެމްއޭސީއެލުން ބުންޏެވެ.
ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގައި އޭނާ ހުރީ އެއާސައިޑް އޮޕަރޭޝަންސްގެ ނައިބު ރައީސްގެ ގޮތުގައެވެ. މީގެ އިތުރުން އިނގިރޭސި ވިލާތުގެ އެއާޕޯޓުތަކުގައިވެސް ގިނަ ދުވަސްތަކެއް ވަންދެން ވިލިއަމް މަސައްކަތް ކޮށްފައިވާ ކަމަށް އެމްއޭސީއެލުން ބުނެއެވެ.
އެމްއޭސީއެލުން ބުނީ، ވިލިއަމް މަސައްކަތް ކުރާނީ އެ ކުންފުނީގެ އޮޕަރޭޝަނަލް ރެޑިނަސް އެންޑް އެއާޕޯޓް ޓްރާންސްފާ (އޯރަޓް)ގެ ޓީމާ ގުޅިގެން ކަމަށެވެ.