ޚަބަރު

އޮކްޓޯބަރު މަހު މީރާއިން 1 ބިލިއަން ރުފިޔާ ބަލައިގެންފި

މިދިޔަ އޮކްޓޯބަރު މަހު މީރާއަށް އެއް ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 155.7 ޕަސެންޓް އިތުރު އަދަދެކެވެ. އަދި އޮކްޓޯބަރުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 39.2 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާ އިން ބުނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހަށްވުރެ މިއަހަރުގެ އޮކްޓޯބަރު މަހުގައި ލިބުނު އާމްދަނީ އިތުރުވީ ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކްސްއާއި ފީތަކުން ލިބުނު ފައިސާ އިތުރުވުމުން ކަމަށެވެ.

އޭގެ އިތުރުން މިދިޔަ އޮކްޓޯބަރު މަހުގެ ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 12 ގުނަ އިތުރުވުމަކީވެސް އާމްދަނީ އިތުރުވި ސަބަބެއް ކަމަށް ބުންޏެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 584 މިލިއަން ރުފިޔާ ނުވަތަ 58.4 ޕަސެންޓެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހެވެ. އެއީ 117.9 މިލިއަން ރުފިޔާ ނުވަތަ 11.8 ޕަސެންޓެވެ.

ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 65 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ގްރީން ޓެކްސްގެ ގޮތުގައި 57 މިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 50 މިލިއަން ރުފިޔާ ލިބިފައިވެއެވެ.