ހަލަބޮލިކަމާއި ހަމަނުޖެހުމާ ނުލައިވެސް ޖުމްހޫރީ ވެރިކަމެއް ހިންގިދާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމްް މުހައްމަދު ސޯލިހު އެގެންދަވަނީ ސާބިތުކޮށްދެއްވަމުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ރާއްޖޭގެ ފުރަތަމަ ޖުމްހޫރީ ވެރިކަން ދެމި އޮތީ ހަތް މަސް ދުވަހަށް ކަމަށާއި އޭގެ ފަހުން ރަސްކަމެއް އައިސް ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން ވެރިކަން ޖުމްހޫރީ ވެރިކަމަކަށް ބަދަލުކުރީ 1968 ވަނަ އަހަރު ކަމަށެވެ.
ރައީސް ސޯލިހުގެ ވެރިކަމަށް ތައުރީފުކުރައްވައި މިނިސްޓަރު ވިދާޅުވީ، ރައީސް ސޯލިހު ސާބިތުކޮށްދެއްވަމުން ގެންދަވަނީ ދަތި ދުވަސްވަރެއްގައިވެސް ހަމަނުޖެހުމަކާ ނުލައި ޖުމްހޫރީ ވެރިކަމެއް ކުރެވިދާނެކަން ކަމަށެވެ.
"ރައީސް ސޯލިހު އެ ސާބިތުކޮށްދެއްވަނީ ހަލަބޮލި ސިޔާސީ މާހައުލެއްގައި އިގުތިސޯދީ ގޮންޖެހުންތައް ބޮޑު ވަގުތެއްގައި ނުވަތަނަވަސްކަމާއި ދަތިކަމުން އެއްކިބާވެ ޖުމްހޫރީ ވެރިކަމުގެ ހަމަތަކުގެ މަތިވެރިކަމާއެކު ހަލަބޮލިކަމާ ހަމަނުޖެހުމާނުލައި އަމާން، ރައްކާތެރި، މަޑުމައިތިރިކަން އިސްކޮށް ދިވެހި ސަރުކާރު ހިންގުމުގައި ހުރިހާ ރައްޔިތުން ބައިވެރިކޮށްގެން ޖުމްހޫރީ ވެރިކަމެއް ކުރެވިދާނެކަމުގެ ފުރިހަމަ ހަގީގަތް،" އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން އިތުރަށް ވިދާޅުވީ، ޖުމްހޫރީ ވެރިކަމުގެ އެންމެ މުހިންމު އަސާސަަކީ ވެރިކަމުގެ ހުރިހާ ބާރެއް ރައްޔިތުންނާއި ހަމައިން ފެށިގެން ދިއުން ކަމަށެވެ. ރާއްޖެ ޖުމްހޫރީ ނިޒާމެއް އޮތުމަކީ ދިވެހިންގެ ވިސްނުމާއި ހޭލުންތެރިކަން ކުރިއަރާފައިވާ މިންވަރު ހާމަވާކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.