ބައެއްގެ އަތުން ތޫނު ހަތިޔާރު ފެނުނު މައްސަލައިގައި އެވިޑެންސް ނަމްބަރު ނުވަތަ ހެއްކަށް އެވިޑެންސް ނަމްބަރު ދީފައި ނެތުމުން ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ އަލުން ބަލަން މިދިޔަ ހޯމަ ދުވަހު ހައި ކޯޓުން ހުކުމްކޮށްފިއެވެ.
ދެހާސް ނަވަރަވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ދައުލަތުން ވަނީ މއ. ވިރާހު ކ. މާލެ، އަހުމަދު އާސިފު އަދި ދ. މީދޫ، ފެހިވިލާ، ހައްމާމު ރަޝާދުގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން މަގުބޫލު ސަބަބެއްނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާކޮށްފައެވެ.
އެ މައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން އާސިފުގެ ފަރާތުން ވަނީ ޝަރީއަތުގެ ކުރިން ހުށަހެޅުންތަކެއް ހުށަހަޅައިފައެވެ. އެގޮތުން އާސިފް ބުނެފައިވަނީ އޭނާގެ އަތުން ފެނުނު ކަމަށްބުނާ ކޯރަޑިއަކީ މަގުބޫލު ސަބަބެއް އޮވެގެން ގެންގުޅުނު އެއްޗެއް ކަމަށް ބުނެފައެވެ. އެއީ ކުށަށް އިއުތިރާފުވުން ކަމުގައި ނުބެލެވޭނެ ކަމަށެވެ. އަދި އޭނާ ގެންގުޅުނު ކޯރާޑިއަކީ ކްރައިމް ސީނުން ފެނުނު ކަމަށްބުނާ ކޯރާޑިކަން އެނގޭނެ ގޮތެއް ނެތް ކަމަށާއި ޗެއިން އޮފް ކަސްޓަޑީ ކަމަށް އޮތް ލިޔުމުގައި އިނީޝަލް ނަންބަރެއް ނުވަތަ އެވިޑެންސް ނަންބަރެއް ނުވަތަ ސަބްމިޝަން ނަންބަރެއްވެސް ނެތް ކަމަށް ބުންޏެވެ.
ހައްމާމު ބުނެފައިވަނީ، އޭނާ ހައްޔަރުކުރީ ކުށެއްގެ ތުހުމަތު ކުރެވިގެންކަން އެނގެން ނެތް ކަމަށާއި، ހައްޔަރުކުރިއިރު ގާނޫނީ އިންޒާރު ފުލުހުން ނުދޭ ކަމަށެވެ.
ހައްމާމާއި އާސިފު ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކެއް ރިއާޔަތްކޮށް މިދިޔަ މަހުގެ 12 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކުރީ އެ މައްސަލަ އިތުރަށް ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އެ ހުކުމް ދައުލަތުގެ ފަރާތުން ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ދައުލަތުގެ ފަރާތުން ހައި ކޯޓަށް އިސްތިއުނާފީ ތިން ނުކުތާއެއް ހުށަހަޅައިފައިވެއެވެ.
އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ދައުލަތުން ފުރަތަމަ ހުށަހެޅީ ކްރިމިނަލް ކޯޓުން މައްސަލަ ކުރިއަށް ނުގެންދަން ނިންމީ، ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކަށް ރިއާޔަތްނުކޮށް ކަމަށެވެ. ދެން ހުށަހެޅި ނުކުތާއަކީ، ހެއްކާބެހޭ ގާނޫނަށް ރިއާޔަތްނުކޮށް ހުށަހެޅި ނުކުތާއެވެ. އެންމެ ފަހު ނުކުތާއަކީ، "މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާންވާނެ" ކަމަށް ބަޔާންކޮށްފައިވާ އުސޫލާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދައުލަތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކާ ގުޅޭގޮތުން ދައުވާ ލިބޭ ފަރާތުން ދެއްކި ވާހަކަ އަޑުއެހުމަށްފަހު ހައި ކޯޓުން ހުކުމްކުރީ، ކްރިމިނަލް ކޯޓުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން ކުރި ހުކުމް ގޯސް ކަމަށާއި، އެހެންވެ އެ ހުކުމް ބާތިލުކުރާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ހުކުމް ހައި ކޯޓުން ބާތިލުކުރީ، އެވިޑެންސް ނަމްބަރު ޖަހަން ޖެހޭ އިޖުރާއަތަކީ ފަހުން ފުރިހަމަ ކުރެވޭނެ އިޖުރާއަތަކަށް ވުމުންނާއި މީގެ ކުރިން ސުޕްރީމް ކޯޓުން ވެސް ތަހުގީގު މަރުހަލާގައި ހެދޭ ކުދި އިޖުރާއީ ގޯސްތަކުގެ ސަބަބުން މައްސަލަ ނުބަލާ ދޫކޮށް ނުލެވޭނެ ކަމަށް ހުކުމް ކޮށްފައިވުމުންނެވެ.
މި މައްސަލަ ބެއްލެވި ފަނޑިޔާރުންނަކީ އިސްފަނޑިޔާރު ހާތިފް ހިލްމީއާއި ފަނޑިޔާރު ހުސެއިން މަޒީދު އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ރިޔާސަތު ބެލެހެއްޓީ އިސްފަނޑިޔާރު ހާތިފް ހިލްމީއެވެ.
ޚަބަރު
ޚަބަރު