ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސްގެ މަގާމާއި ނައިބު ރައީސްގެ މަގާމަށް ބޭފުޅުން އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސްގެ މަގާމަށް މ. ބާރަނާގެ، މަރްޔަމް މުނާ އަދި އެ ކޮމިޝަނުގެ ނައިބު ރައީސްކަމަށް މއ، މާވެޔޮގެ، ޑރ. އަހުމަދު އަދުހަމް އަބްދުﷲ އައްޔަންކޮށްފައިވާ ކަމަށެވެ.
މަރްޔަމް މުނާ ވަނީ އޮސްޓްރޭލިޔާގެ އީޑިތް ކޯވަން ޔުނިވާސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކޮށްފައެވެ، އަދި އޭނާ މި މަގާމަށް އައްޔަނުކުރުމުގެ ކުރިން އެޗްއާރްސީއެމްގެ މެމްބަރެއްގެ މަގާމު ވަނީ ފުރުއްވައިފައެވެ. އޭގެ ކުރިން އޭޝިއާ ޝިޕިން އެންޑް އިންޓަނޭޝަނަލް ޓްރޭޑިންގެ ކޯޕަރޭޓް ސެކްރެޓަރީގެ މަގާމާއި މިނިވަން މުވައްސަސާތަކާއި ސަރުކާރާއި އަމިއްލަ އޮފީސްތަކުގެ އިސް މަގާމުތައް ވެސް މުނާ ވަނީ ފުރުއްވައިފައެވެ.
އަހުމަދު އަދުހަމް އަބްދުﷲ ވަނީ އޮސްޓްރޭލިއާގެ ވޭލްސްގެ ޔުނިވާސިޓީ އޮފް ވޮލޮންގޮންގުން ޑޮކްޓްރޭޓް އޮފް ފިލޯސޮފީ އިން ލޯ (އިންޓަނޭޝަނަލް ލޯ) ފުރިހަމަކޮށްފައެވެ. އަދި އޭނާ ވަނީ ވިލާ ކޮލެޖުގައި ޕަބްލިކް އިންޓަނޭޝަނަލް ލޯ ގެ ލެކްޗަރާއެއްގެ މަގާމު އަދާކޮށްފައެވެ.
އޭގެ އިތުރުން އޭނާ އަކީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ހާސިލުކޮށްފައިވާ ފަރާތެކެވެ. އޭނާ މި މަގާމަށް އައްޔަނުކުރުމުގެ ކުރިން އެޗްއާރްސީއެމްގެ މެމްބަރެއްގެ މަގާމު ވަނީ ފުރުއްވައިފައެވެ.
އެޗްއާރުސީއެމްގެ މެންބަރުންގެ ގޮތުގައި ދެން ތިއްބަވަނީ މޫމިނާ ވަހީދާއި އާމިނަތު ޝަފާތު އަބްދުލް ރައްޒާގު އަދި ސަމާއު އަހުމަދު ނަޖީބެވެ.
ޚަބަރު
ޚަބަރު
ޚަބަރު