ގައުމީ ޓީމުގެ ދެކެ ކިތަންމެ ލޯބިވި ނަމަވެސް މާޔޫސްވާ ވަގުތު އެވާހަކަތައް ދައްކަން ވާނެއެވެ. ގޯސްކޮށް ފެންނަމަ އަބަދުވެސް އެ ވާހަކަތައް ދައްކަން ވާނެއެވެ. ރަނގަޅު ކުރުމަށް އޮތް އެންމެ ހެޔޮ ފާލަކީ އެއީ ކަމަށް ވާނެއެވެ.
އާކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ޓީމާ ހަވާލުވިތާ 15 ވަރަކަށް ދުވަސް ފަހުން ލަންކާގެ މުބާރާތަށް ޓީމު ދިޔައީ މުބާރާތް ކާމިޔާބު ކުރުމަށެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ރާއްޖެއިން ނުކުތީ ލަންކާއާ ދެކޮޅަށެވެ. މެޗު ނިމުނީ 4-4 ގެ ނަތީޖާއަކުންނެވެ. ފަސޭހަ ނަތީޖާއެއް ނޫނެވެ. ގަބޫލުކުރަން އުނދަގޫވި ނަތީޖާއެއްވެސް މެއެވެ. ޔޫރަޕް ފުޓުބޯޅައިގެ ބަހުންނަމަ، "ބޮޓުލް" ކުރީއެވެ.
"މި ނަތީޖާއަށް އެއްޗެއް ބުނަންވެސް އުނދަގޫ. 60 މިނެޓު ވަންދެން ރަނގަޅު ފުޓުބޯޅައެއް ކުޅެވުނު. މި މެޗުން ލިބޭނެ ފިލާވަޅަކީ މެޗުތަކުގެ ދިގުމިނަކީ 90 މިނެޓުކަން. ރެފްރީ ނިންމާނުލަނީސް މެޗު ނުނިމޭނެކަން. ޓީމަށް އެއްވެސް އެއްޗެއް ބުނާކަށް ނެތިން. 60 މިނެޓު ތެރޭގައި ބުރަކޮށް މަސައްކަތް ކޮށް ކުޅުނު،" މެޗަށްފަހު ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުންޏެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމާއި ހަމައިން ގޮސް، އާންމު ރައްޔިތުންވެސް މިތިބީ ހަމަ "ޝޮކް"އެއްގައެވެ. 2013 ވަނަ އަހަރު ރާއްޖެއިން ލަންކާއާ ދެކޮޅަށް ކުޅުނު މެޗު ރާއްޖެއިން 10-0 އިން ކާމިޔާބު ކޮށްފައިވާ އިރު، އެ މެޗުގައި އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ހަ ގޯލު ޖަހައިފައެވެ. އެއީ ދަގަނޑޭގެ ރަން ޒަމާނެވެ. ދައްކަން އުނދަގޫ ވާހަކައެއް ނަމަވެސް މިހާރު އެ ދުވަސް ފާއިތުވެއްޖެއެވެ. ރާއްޖެއިން އިއްޔެގެ މެޗުގައި 4-0 ގެ ލީޑެއްގައި އޮވެފައި، މެޗުގެ ނަތީޖާ އެނބުރިގެން ދިޔައީ 64 ވަނަ މިނެޓުގައި ލަންކާގެ ވަސީމް ރަޒީކް ޖެހި ފުރަތަމަ ގޯލުންނެވެ. އިއްޔެގެ ރަޒީކު މެޗުގައި އިތުރު ތިން ގޯލު ޖެހި އިރު، ލަންކާއިން ނަތީޖާ ހަމަހަމަ ކުރީ ފަހު މިނެޓުގައެވެ.
ބަލިވީ ނޫން ނަމަވެސް ބައްޔެކެވެ. ޓީމަށް އެކަންޏެއް ނޫނެވެ. ދިވެހި ފުޓުބޯޅައަށް ލޯބި ކުރި އެތައް ބަޔަކަށް ބަލިވެއްޖެ އެވެ. އަދި މުބާރާތް ފެށުނީއޭ، ރަނގަޅު ކުރަން ފުރުސަތު އެބަ އޮތޭ ބުނެވިދާނެވެސް މެއެވެ. އެކަމަކު މާޔޫސީ ވާހަކަތައްވެސް ދައްކަން ވާނެއެވެ. އެހެން ނޫންނަމަ ޓީމު "ދޮންފުތު ވަނީ"އެވެ. މައްސަލަތައް ފެށެނީ އުމުރުގެ ހިސާބުން ކަމަށްވެސް ވެދާނެއެވެ. ނޫންނަމަ އާ ވިސްނުމަކަށް ބަދަލުވާން މަސައްކަތް ކުރާ ވަގުތު އަންނަ މައްސަލަތަކަށް ވެސް ވެދާނެއެވެ. ނޫންނަމަ ފިޒިކަލީ ދިމާވި މައްސަލަތަކެއްގެ ތެރެއިން ފޯކަސް ގެއްލުނީ ކަމަށްވެސް ވެދާނެއެވެ.
ރާއްޖެއިން އެންމެފަހުން ކާމިޔާބުކުރި މުބާރާތަކީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕެވެ. އެއީ ފަހަކަށް އައިސް ގައުމީ ޓީމުގައި ފެނުނު އެންމެ ޒުވާން ޓީމެވެ. އެވްރެޖް އުމުރު 24 އަހަރުގައި އޮތް ޓީމެއް ގޮވައިގެން އޭރުގެ ކޯޗު ޕީޓާ ސެގާޓް ވަނީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. އެފަހުން ބައިނަލްއަގުވާމީ މެޗުތައް މަދުވެ، ކޮވިޑް 19ގެ ރާޅެއްގައި ފުޓުބޯޅަ ޖެހުމަށްފަހު ދެން އަނެއްކާވެސް ފެނުނީ ތަންކޮޅެއް އުމުރު މަތިކޮށް ފެނުނު ގައުމީ ސްކޮޑެކެވެ. މިފަހަރުގެ ސާފް ސްކޮޑުވެސް 2018 އަށްވުރެ އުމުރު މައްޗެވެ. އިއްޔެ ލަންކާއާ ދެކޮޅަށް ކުޅުނު މެޗަށް ނެރުނު 11 ވެސް އާންމު ރޭޓަކުން ބަލައި އުމުރުން މައްޗެވެ.
ދަނޑުމަތީގައި 30 އަހަރުން މަތީގެ ހަތަރު ކުޅުންތެރިން ފުރަތަމަ 11 ގައި ތިއްބެވެ. ދަގަނޑޭ އާއި އަލީ ފާސިރު (ސެންޓޭ) ގެ އިތުރުން މުހައްމަދު އުމައިރާއި އަކުރަމް އަބްދުލްޣަނީ (އަކޫ) އެވެ. ރާއްޖޭގެ އެންމެ ޝަރަފުވެރި އެންމެ ގަދަވެރި ކުޅުންތެރިންނެވެ. އިހުތިރާމުން ފުރިގެންވާ ކުޅުންތެރިންވެސް މެއެވެ. ލެޖެންޑުންނެވެ. ހާއްސަކޮށް އަދިވެސް ދެވަނައެއް ނެތް ފަދަ ކުޅުންތެރިންނެވެ. އެހެން ނަމަވެސް އެވްރެޖް އުމުރު މަތިވުމަކީ ފިޓްނަސްގެ މައްސަލަތައް ދިމާވެ، މެޗުގެ ޓެމްޕޯ ގެއްލެން ދިމާވެދާނެ ސަބަބެކެވެ.
"ލަންކާއާ ކުޅެގެން ހަތަރު ގޯލުގެ ލީޑެއް ގެއްލުވާލީމަ އެކަމެއް ސަޕޯޓަރުން ބަލައެއް ނުގަންނާނެ. ހަގީގަތުގައި އަހާލަން ބޭނުން ވަނީ ޒުވާން، ރަނގަޅަށް ޕާފޯމް ކުރާ ކުޅުންތެރިން ތިއްބާ ކީއްވެގެންހޭ ފުރުސަތު ނުދޭންވީ. ރަނގަޅަށް މެޗުގައި އެއްކޮށް ދުވެލާނެ ވަރެއް ބައެއް ކުޅުންތެރިންގެ ގަޔަކު ނެތް. މިޒަމާނުގައި ބޯޅައެއް ނުކުޅެވޭނެ ފިޒީކްއާ ސްޕީޑު ނެތިއެއް. މިހާރު ފުޓުބޯޅައަކީ އިންޑިވިޖުއަލް ގޭމެއް ނޫން. ގޭމެއްގެ ސްޕީޑާއި ޓެމްޕޯ ހިފަހައްޓަން ބޭނުންވާނީ ވޯކް ރޭޓް ރަނގަޅު، ހަލުވި ކުޅުންތެރިން. 60 މިނެޓު ކުޅެފައި ގިނަ ކުޅުންތެރިން ހިނގަނީ. ސާފްގައިވެސް އެ މަންޒަރު ފެނުނު،" އިއްޔެގެ މެޗާ ގުޅިގެން އެނަލެޓިކް ވިސްނުމަކުން ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު އަދި މިހާރު ކޯޗިންގައި މަސައްކަތްކުރާ ސޮބާހު މުހައްމަދު (ސޮބާ) ވަން އަށް ބުންޏެވެ.
ފިޓްނަސްގެ މައްސަލަތައް ޓީމުގައި ހުރިކަން ހުދު ކޯޗު މޮރިއޭރޯވެސް ގަބޫލުކުރެއެވެ. އެ މައްސަލަ ހައްލުކުރަން ކޯޗަށް އަދި ވަގުތެއްވެސް ނުލިބެއެވެ. އެހެންނަމަވެސް މައިގަނޑު ވާހަކައަކީ ފިޓްނަސްގެ މައްސަލަ ދިމާވާން ޖެހޭ ސަބަބަކީ އުމުރު ކަމަށް ދުނިޔޭގެ ފުޓުބޯޅަ ހެކިދޭ ކަމުގެ ވާހަކައެކެވެ.
"ފިޒިކަލް ކޮންޑިޝަން މުހިންމު ވާނެ. އެއީ މެންޓަލީ ކުޅުންތެރިން ރަނގަޅުވާނެ އެއްޗަކީ. ފިޒިކަލް އެންމެ ރަނގަޅެކޭ ނުބުނެވޭނެ. މިއީ އެކްސްކިއުސް އެއް ނޫން. 6-0 އިން މޮޅުވި ނަމަވެސް ހަމަ ބުނަން އޮތީ މި ވާހަކަ. އެންމެ ދިހަ ދުވަސް ތެރޭ ރަނގަޅަށް ރިކަވާ ވެ، ޓީމު ރަނގަޅަށް ނުހޭނޭނެ. ކުރިންވެސް ބުނިން އަހަންނަކީ ޖާދޫގަރެއް ނޫނޭ. އެކަމަކު މިދިޔަ 60 މިނެޓުގައި ފެނުނީ ތަމްރީނުތަކުގެ ނަތީޖާ. އެހެންވީމަ ކުރިއަރަން ފުރުސަތު އެބަ އޮތް،" ކުރިން އިންޓަ މިލާނަށް ކުޅުނު މޮރިއޭރޯ އިއްޔެގެ މެޗަށްފަހު ބުންޏެވެ.
އެއްވެސް ހާލެއްގައި ދައްކަން ބޭނުންވާ ވާހަކައަކީ ލެޖެންޑަރީ ކުޅުންތެރިން ބިކަ ކޮށްލާ ކަމުގެ ވާހަކައެއް ނޫނެވެ. ދައްކަން ބޭނުންވާ ވާހަކައަކީ ޒުވާން ކުޅުންތެރިންގެ ބައިވެރިވުން އިތުރު ކުރަން މިފަދަ މުބާރާތެއްގެ މުހިއްމު ވާހަކައެވެ.
"ބައެއް ކުޅުންތެރިން ރިޓަޔާ ކުރަންވި ވަގުތަކީ މިއީކަން ގަބޫލުކުރަންވެސް އެބަ ޖެހޭ. 23 އަހަރުން ދަށުގެ ޓީމު ބަހްރެއިންއަށް ގޮސް މުބާރާތް ނިންމާލާފައި އައިސް ހަ ޕްލޭޔަރުން، ހަތް ޕްލޭޔަރުންގެ ނަން ފޮނުވިން ސީނިއާ ޓީމުގައި ހިމަނަން. އެކަމަކު އެކަމަށް އަދި ސީނިއާ ޓީމުން ވިސްނާފައެއް ނެތް. ޒުވާން ޓީމުގައި އެބަތިބި މިކަހަލަ މުބާރާތަކަށް ގޮސް ކުޅެވޭނެ ވަރުގަދަ، ސްޕީޑު ބާރު ކުޅުންތެރިން. ޓެމްޕޯ ރަނގަޅު ކުރަން ޖެހޭނީ އެފަދަ ބަދަލުތައް ގެންދަން،" ޒުވާން ޓީމުގެ އެސިސްޓެންޓް ކޯޗެއްގައި ހުރި ސޮބާ އިތުރަށް ބުންޏެވެ.
ބޮޑެތި ނަންތައް ޓީމުގައި ތިބި ނަމަވެސް، އެ ކުޅުންތެރިން ދޮށި ވެއްޖެކަމަށް އެތައް ބަޔަކު ދެކެއެވެ. ލަންކާއިން މެޗު ތެރެއަށް ވަދެ، 20 ވަރަކަށް މިނެޓުގައި މުޅި މެޗު އަނބުރާލި އިރު ފާހަގަވި އެއް ކަމަކީ މުޅި މެޗުގައިވެސް ރާއްޖެއަށް ކުޅުން އަވަސް ކޮށްލައި، މެޗު ކޮންޓްރޯލް ނުކުރެވުނު ކަމެވެ. ޑޮމިނޭޓް ނުކުރެވި، ހުތުރު ޕާސްތަކެއް ގެއްލިގެން ދިޔަތަން ފެނުނެވެ. މުޅި ޖުމުލަ މައްސަލައަކީ އުމުރު ނޫން ކަމަށްވެސް ވެދާނެއެވެ. އެކަމަކު އެއީ ފެކްޓާއަކަށް ވުން ގާތެވެ. ސާފްގައިވެސް ފެނުނު މަންޒަރަށް ބިނާކޮށް އެވާހަކަ ދެއްކުމުގެ ފުރުސަތު އެބައޮތެވެ.
މެޗު ރަނގަޅަށް ފަށައި، ރާއްޖެއިން މޮޅަކާ ދިމާލަށް މިސްރާބު ހުރި މެޗު އެއްވަރުވެގެން ނިމި މާޔޫސްވި ނަމަވެސް މެޗުން ޕޮޒިޓިވް ކަމެއްވެސް އެބަ އޮތެވެ. ޒުވާން ގޯލްކީޕަރު އަލީ ނާޖިހު ފުރަތަމަ 11 ގައި ހިމެނި ސީނިއާ ޖާޒީގައި ދަނޑަށް ނުކުތުމެވެ. އުމުރުން 21 އަހަރުގެ ނާޖިހު އާ ކޯޗުގެ އިތުބާރު ހޯދައި، ސީނިއާ ޖާޒީގައި ދަނޑަށް ނުކުތީ ބަހްރައިންގައި 23 އަހަރުން ދަށުގެ ޓީމާއެކު މޮޅަށް ކުޅެފައި އައިހެވެ. މެޗުގައިވެސް އޭނާ ފެނުނީ ކޮންފިޑެންސްގައި ހުރިތަނެވެ. ދުވަސް އެބަ އޮތެވެ. އުންމީދު އޮތީ އުމުރުންނެވެ.
"މަރުހަބާ ނާޖިހު. މިއީ ފެށުމެއް. ޕޮޒިޓިވް ގިނަ ކަންތައްތަކެއް މެޗުގައި ފެނުމުން ވަރަށް އުފާވި. އެއްވެސް ކަމަކާ ހާސް ވާނެ ކަމެއް ނެތް. މި ތިބީ އެހީތެރިވާން. ކުރިއަށް ދާންވީ،" ގައުމީ ޓީމުގެ ގޯލް 17 އަހަރު ދުވަހު ބަލަހައްޓައިދީ، ފީފާ ސެންޗަރީ ކްލަބުން ޖާގަ ހޯދާފައިވާ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު (އިއްމަ) ބުންޏެވެ.
ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ މަގާމުގައިވެސް ހަރަކާތްތެރިވާ އިންމަގެ އެހީއަކީ އަގުހުރި އެހީއަކަށްވާނެއެވެ. އަނިޔާގައި ހުރި ސީނިއާ ޓީމުގެ އެއް ނަންބަރު ގޯލްކީޕަރު މުހައްމަދު ފައިސަލްގެ ވާހަކަވެސް ހުރީ ހަމަ އެ ބީދައިންނެވެ. ފައިސަލް ފޭސްބުކްގައި ޖަހާފައި ވަނީ "މިއީ ފެށުމެއް. ދާން އޮތް މިސްރާބު ވަރަށް ދުރު. ބުރަކޮށް، ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރަމުން ދާންވީ،" މިހެންނެވެ.
ޒުވާން ކުޅުންތެރިއެއްގެ ފެނިލުމަކީ އަބަދުވެސް އުންމީދީ ވަގުތު ކޮޅެކެވެ. ހާއްސަކޮށް ގޯލްކީޕަރުން އިންތިހާއަށް ބޭނުންވާ އިރު، ބުރަކޮށް މަސައްކަތް ކޮށް ނާޖިހު ގައުމީ ގޯލުން ގިނަ ދުވަސްތަކެއް ވަންދެން ފެނުމަކީ އުންމީދެވެ. މިއީ ފުރުސަތުގެ ވަގުތެކެވެ. ނާޖިހަށް އޮތީ ފުރުސަތުގެ ބޭނުން ކުރުމެވެ.
ކޯޗު ބޭނުންވާ ފުޓުބޯޅަ ޓީމުން އަދި ނުފެންނާނެކަން ޔަގީނެވެ. ކޯޗަށް ބަސް ކިޔަން އަދި އަވަސްވެސް މެއެވެ. އިޓަލީ ބަހުން އިރުޝާދު ދޭ މޮރިއޭރޯ އަށް ގައުމީ ޓީމާއެކު ބަދަލު ގެންނަން ވަގުތު ދޭން ޖެހެއެވެ. އެއީ އަބަދުވެސް ކޯޗުވެސް ބުނަމުން އަންނަ ވާހަކައެކެވެ. "ޖާދޫގަރެއް ނޫން،" ކަމަށް ކޯޗު އަބަދުވެސް ބުނަނީ އެހެންވެއެވެ. ފިކްސް ވެފައި އޮތް ޓީމެއް ގޮވައިގެން ކޯޗު މިފަހަރު މުބާރާތަށް ދިޔައީ މަދު ފަރިތަކުރުންތަކަކަށް ފަހުއެވެ. ޓީމު ބަދަލުކުރަން، ކޯޗުގެ ސްޓައިލަށް ފިޓްވާނެ ކުޅުންތެރިން ހޯދަން އަދި ވަގުތު ބޭނުންވާނެކަން ޔަގީނެވެ.
"ކޯޗަށް އެއްޗެކޭ ބުނަން އަވަސް. ކޯޗު ބޭނުންވާ އިންޓެންސިޓީ ފުޓުބޯޅަ ކުޅުވަން ދުވަސް އަދި ބޭނުންވާނެ. އެވަރަށް ފިޓްނަސް ހިފަހައްޓަންވެސް ވަގުތު ބޭނުންވާނެ. ހާއްސަކޮށް ކޯޗަށް ޓީމަށް ބަދަލުތަކެއް ގެނެވޭނީ އިތުރު ކުޅުންތެރިންގެ ކުޅުންވެސް ފެނިގެން. ކުރިން އޮތް ޓީމެއް ނަގައިގެން ގޮސް، ބޭނުންވާ ގޭމެއް ކުޅުވަން ކޯޗަށް އުނދަގޫ ވާނެ،" ކޯޗަށް ވަގުތު ދޭން ޖެހޭ ކަމަށް ސޮބާވެސް ބުންޏެވެ.
ދެން އޮތީ އެ ވަގުތާއެކު ޓީމު ބަދަލުކުރުމުގެ އިހުތިޔާރު ކޯޗަށް ދިނުމެވެ. އެ ފުރުސަތަކީ ކޯޗުގެ އަތް މައްޗަށް ދާން ޖެހޭނެ ފުރުސަތެކެވެ. ބަދަލަކަށް ހިފާލާ ކޮންމެ ކޯޗަކަށް ޕްރެޝަރު ކޮށް، އެ ބަދަލަށް ހުރަސް އަޅާނަމަ ހަރުފަތެއް ކަޑައްތުކުރަން އުނދަގޫ ވާނެ އެވެ. އެއީ އެކަން ވާނެ ގޮތެވެ. ކޯޗެއްގެ ބަދަލަށް އިހުތިރާމު ކޮށްގެން މެނުވީ ހާލަތު ބަދަލެއް ނުވާނެއެވެ. މަސައްކަތް ކުރަންވީ ވަކިވަކި ކުޅުންތެރިންނަށްވުރެ ބޮޑަށް ޓީމެއްގެ ސިފައިގައި ޓީމު އެކުލަވައިލުމަށް ކަމަށް ކޯޗު މޮރިއޭރޯ ފުރަތަމަ ދުވަހުވެސް ފާހަގަކުރިއެވެ. އެކަން ކުރަން ގުރުބާނީތަކެއް ވެ، އުނދަގޫ ފިޔަވަޅުތަކެއް އަޅަން ޖެހޭނެއެވެ.
ނިމުނީ އެންމެ މެޗެކެވެ. ލަންކާގައި ކުރިއަށްދާ މުބާރާތުގައި ސީޝެލްސް އާއި ބަންގުލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗުވެސް ރާއްޖެއަށް އަދި އެބަ އޮތެވެ. ހާސްވެ މާޔޫސް ވެ، ޓީމަށް އުންމީދު ކަނޑާލާންވީކީވެސް ނޫނެވެ. ރަނގަޅު ކުރެވޭނެ ޖާގަ އެބައޮތެވެ. އުމުރުގެ މައްސަލަ އާއި ޓީމުގެ ބައެއް އެހެން މައްސަލަތަކުގެ ވާހަކަ އެންމެ މެޗަކުން ދެއްކީ ކަމަށް ގަބޫލު ނުކުރެއްވުން އެދެމެވެ. މިއީ ސާފް އިން ފެށިގެންވެސް ދިމާވަމުން އައި މައްސަލައެއް ތިލަކޮށްލަން ޖެހުނު ވަގުތެވެ. މާޔޫސީ ޕޮއިންޓަކާއެކު އެވާހަކަ ނުދައްކައި ފަރުޖައްސާލެވެން ނެތީއެވެ. އިހުތިރާމު ކުޑަކުރަނީކީވެސް ނޫނެވެ. ޒިންމާ ވަކި ބަޔަކަށް ބަހާލަނީކީވެސް ނޫނެވެ. ސިސްޓަމެއްގެ ތެރެއިން، ދުނިޔޭގެ ފުޓުބޯޅައިގެ ހަމައިގެ ތެރެއިން މިފަދަ ވާހަކަ ދައްކަން ޖެހޭތީ ދައްކަނީއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް