ޕައުލް ޕޮގްބާ

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި އަނިޔާވެ، ޕޮގްބާ ދެމަހަށް ކުޅުމާ ދުރަށް

ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާއަށް ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ލިބުނު އަނިޔާއެއްގެ ސަބަބުން ދެމަހަށް ކުޅުމާ ދުރަށް ދާން ޖެހޭނެ ކަމަށް ބެލެވިއްޖެއެވެ.

ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކަށް ގޮސް މިވަގުތު ގައުމީ ޓީމާއެކު ޕޮގްބާ ހުރި އިރު، ފްރާންސް ޓީމުން ބުނީ ޕޮގްބާގެ ފަލަމަސްގަނޑަށް އަނިޔާ ލިބިފައިވާ ކަމަށެވެ. އަނިޔާގެ ބޮޑުމިނަށް ބަލައި، މިއަހަރު ނިމެންދެން ޕޮގްބާ ދެން ދަނޑުމަތިން ނުފެންނާނެ ކަމަށް ބެލެވޭ ކަމަށްވެސް ފްރާންސްގެ މެޑިކަލް ޓީމުން ބުންޏެވެ.

އުމުރުން 28 އަހަރުގެ ޕޮގްބާ ހަ މަސް ނުވަތަ އަށް މަސް ދުވަހުގެ މުއްދަތަކަށް ކުޅުމާ ދުރަށް ދާއިރު، އޭނާ އެނބުރި އަންނާނެ ކަމަށް ބެލެވެނީ އަނެއް އަހަރުގެ ޖެނުއަރީ މަހުގައެވެ. އެ މުއްދަތުގެ ތެރޭގައި ޕޮގްބާއަށް މެންޗެސްޓާ ޔުނައިޓެޑާއެކު ޗެމްޕިއަންސް ލީގު ދެމެޗުގެ އިތުރުން ދިހަ ޕްރިމިއާ ލީގު މެޗު ގެއްލުމުގެ ފުރުސަތު އެބައޮތެވެ.

ޔުނައިޓެޑާއެކު ޕޮގްބާ ހަދާފައިވާ އެއްބަސްވުން މިސީޒަނަށްފަހު ހަމަވާ އިރު، އޭނާ އިތުރަށް އެ ކްލަބުގައި މަޑުކުރުމާ މެދު ވަނީ ސުވާލުތަކެއް އުފެދިފައެވެ. ކްލަބުގައި ޕޮގްބާ ހުރީ ނުތަނަވަސްކަމުގައި ކަމަށް ކުރިންވެސް ވާހަކަތައް ދެކެވިފައިވެއެވެ. ހާއްސަކޮށް ޕޮގްބާގެ އެޖެންޓް މިނޯ ރަޔޯލާވެސް ވަނީ އެވާހަކަތައް ދައްކައިފައެވެ.

ޕޮގްބާގެ އެއްބަސްވުން މިސީޒަނުގެ ނިޔަލަށް ހަމަވާން އޮތް ނަމަވެސް، އޭގެ ކުރިން ޖެނުއަރީ މަހުގައިވެސް އެހެން ކްލަބަކާއެކު ޕްރީ އެގްރީމަންޓަކަށް ދެވިދާނެ ކަމަށް މިހާރުގެ އެއްބަސްވުން ބުނެއެވެ. އެހެންކަމުން ޖެނުއަރީ މަހުގެ ތެރޭގައި ޕޮގްބާ އެހެން ކްލަބަކާ ދިމާލަށް މިސްރާބު ޖެހުންވެސް އެކަށީގެންވެއެވެ.

ޕޮގްބާއަށް އަނިޔާވުން ވެގެންދާނީ މިހާރުވެސް ޕްރެޝަރުގައި ހުރި ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޮލްޝެއާއަށް އިތުރު ހާސް ކަމަކަށެވެ. އަނިޔާގެ މައްސަލަތައް މިހާރުވެސް ޔުނައިޓެޑަށް ބޮޑެވެ. ޕޮގްބާގެ އިތުރުން ފްރާންސް ޑިފެންޑަރު ރަފޭލް ވަރާންއާއި އުރުގުއޭ ފޯވަޑް އެޑިސަން ކަވާނީ އަދި އިންގްލެންޑްގެ ޑިފެންޑަރު ލޫކް ޝޯވެސް މިވަގުތު ހުރީ އަނިޔާގައެވެ.

ޝޯއަށް އަނިޔާވީ މެންޗެސްޓާ ސިޓީއާ ދެކޮޅަށް އެޓީމު ކުޅުނު މެޗުގައެވެ. އެ އަނިޔާގެ ސަބަބުން ޝޯ އިންގްލެންޑް ސްކޮޑަށް ނުދާނެއެވެ.