ދުނިޔެ

ކާބޭހެއް ގޮތަށާއި ސްޕްރޭއެއް ގޮތަށް ކޮވިޑް ވެކްސިން އުފެއްދުމުގެ ތަހުލީލުތައް ކުރިޔަށް އެބަދޭ: ޑަބްލިޔުއެޗްއޯ

ކާބޭހެއް ގޮތަށް އަދި ނޭފަތަށް ޖަހާ ސުޕްރޭއެއް ގޮތަށް ކޮވިޑް ވެކްސިން އުފައްދައި ބޭނުންކުރުމަށް ތަހުލީލުތައް ކުރަމުން އަންނަކަމުގައި ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯގެ ޗީފް ސައިންޓިސްޓް ސޯމިޔާ ސުވާމިނާތަން ބުނިގޮތުގައި މިފަދަ ވެކްސިނެއް ފާސްކުރެވިއްޖެ ނަމަ ދުނިޔެއަށް ވެކްސިން ފޯރުކޮށްދިނުމުގަ އާއި ބޭނުންކުރުމުގައި ހުރިހާ ގޮތަކުންވެސް ފަސޭހަވެގެންދާނެ އެވެ.

އޭނާ ބުނިގޮތުގައި މިފަދަ 129 ވެކްސިނެއް ވަނީ ތަހުލީލީ މަރުހަލާތަކުގެ ތެރެއިން އިންސާނުންނަށް ދޭން ފަށައިފައެވެ. އަދި އިތުރު 194 ވެކްސިނެއް އެދަރަޖައަށް ފޯރާފައި ނުވި ނަމަވެސް ލެބޯޓަރީތަކުގައި ތަހުލީލުތައް ކުރަމުން އަންނަ ކަމުގައި އޭނާ ވަނީ ބުނެފައެވެ.

މިހުރިހާ މަރުހަލާތަކެއް ކަޑައްތުކުރުމަށްފަހު މިފަދައިން ބޭނުން ކުރެވޭނެ ކޮންމެވެސް އެއް ވެކްސިނެއް ފާސްވާނެ ކަމުގެ ފޮނި އުއްމީދުތަކެއް ކުރެވެމުން އަންނަކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. ދެވަނަ ޖީލަކަށް މިފަދަ ވެކްސިނެއް ފޯރުކޮށްދިނުމުގައި ކުރަމުން އަންނަ މަސައްކަތުގައި ޓެކްނޮލޮޖީ އެންމެ ފުރިހަމައަށް ބޭނުންކުރެވެމުން އަންނަ ކަމުގައިވެސް ސޯމިޔާ ވަނީ ބުނެފައެވެ.

ސޯމިޔާ ބުނީ އެއްވެސް ވެކްސިނަކުން ބަލިން ދިފާއު ކޮށްދިނުމުގެ 100 ޕަސެންޓު ޔަގީންކަން ދެވިފައި ނުވި ނަމަވެސް ވެކްސިނުން ރައްކާތެރިކަން ކަށަވަރުކޮށްދޭ 90 ޕަސެންޓަކީ އެބަލިން އެއްވެސް ވަރަކަށް ރައްކާތެރިކަން ނެތުމަށްވުރެ ރަނގަޅު މިންވަރެއް ކަމަށާއި، މިހާތަނަށް ޑަބްލިއުއެޗްއޯއިން ހުއްދަ ލިބިގެން ބޭނުންކުރަމުން އަންނަ އެއްވެސް ވެކްސިނަކުން ކަންބޮޑުވާން ޖެހޭ ދަރަޖައަކަށް ގެއްލުމެއް މެދުވެރިވެފައި ނުވާ ކަމަށެވެ.