މާލޭގައި ބާއްވާ ފެއާ، ނައިޓް މާކެޓް އަދި މަގުމަތީ ބާޒާރުތަކުން ވިއްކާ ކޮންމެ މޭޒަކުން ފަސް ޕަސެންޓު ސިޓީ ކައުންސިލަށް ދޭންޖެހޭ ގޮތަށް އުސޫލެއް ހަދައިފިއެވެ.
މީގެ ކުރިން ނައިޓް މާކެޓްތަކާއި ފެއާ އަދި މަގުމަތީ ބާޒާރު ބޭއްވުމުގެ ހުއްދަ ދޫކުރަނީ އިކޮނޮމިކް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން މީގެ ކުރިން އާންމު ކޮށްފައިވާ އުސޫލުގައިވާ ގޮތުން ފެއާތަކާއި ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގަން ހުށަހަޅަނީ 2000 އިން ދަށުގެ އާބާދީއެއް ނަމަ ފީގެ ގޮތުގައި 10،000 ރުފިޔާއެވެ. އަދި 2000 އިން މަތީގެ އާބާދީއެއް އޮތް ސިޓީއެއް ނަމަ ފީގެ ގޮތުގައި 20،000 ރުފިޔާއެވެ.
މާލެ ސިޓީ ކައުންސިލުން އިއްޔެ ނެރެފައިވާ އުސޫލުގައި ބުނެފައި ވަނީ ނައިޓް މާކެޓާއި ފެއާ އަދި މަގުމަތީ ބާޒާރު އިންތިޒާމްކުރާ ފަރާތްތަކުން ޕްރޮސެސިން ފީއެއްގެ ގޮތުގައި 20،000 ރުފިޔާ އަދި ސެކިއުރިޓީ ޑިޕޮސިޓެއްގެ ގޮތުގައި 50،000 ރުފިޔާ ދައްކަންޖެހޭނެ ކަމަށެވެ. އޭގެ އިތުރުން ވިއްކާ ކޮންމެ މޭޒަކުން ނުވަތަ ސްޓޯލަކުން ފަސް ޕަސެންޓު ސިޓީ ކައުންސިލަށް ދޭންޖެހޭނެ ކަމަށް އުސޫލުގައިވެއެވެ.
އުސޫލުގައި އިތުރަށް ބުނީ، ފެއާ، ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު މާލެ ސިޓީގައި ބޭއްވުމަށް ހުއްދަ ދެވޭނީ ސަރުކާރު ބަންދު ދުވަސްތަކުގައާއި އެ ކައުންސިލުން ހުއްދަ ދޭ ދުވަސްތަކުގައި ކަމަށެވެ. އަދި އެކަމަށް ހުއްދަ ދޫކުރެވޭނީ އަމިއްލަ ކުންފުނިތަކާއި ވިޔަފާރީގައި ޝާމިލުވާ އަމިއްލަ ފަރާތްތަކަށާއި ކުލަބު ޖަމިއްޔާތަކާއި މާލެ ސިޓީ ކައުންސިލުން ހުއްދަ ދޫކުރާ ފަރާތްތަކަށް އެކަނި ކަމަށް ބުންޏެވެ.
އަދި އެކަމަށް ހުއްދަ ދޫލުރެވޭނީ 100 ޕަސެންޓު ދިވެހިން ހިންގާ ރެޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށް އެކަނި ކަމަށްވެސް އުސޫލުގައިވެއެވެ.
މިއަދު އަމަލުކުރަން ފެށި އުސޫލާ އެއްގޮތަށް ފެއާ އަދި މަގުމަތީ ބާޒާރު ބޭއްވުމަށް، ހުއްދައަށް އެދި ހުށަހެޅުމަށް މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ ހުޅުވާލައިފައެވެ.
އުސޫލާއެކު މާލޭ ސިޓީ ކައުންސިލުން މިއަދު އާންމުކުރި އިއުލާނެއްގައި ބުނީ، އެކަމަށް ހުއްދަ ދޫކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި ފެއާ، ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު މާލޭ ސިޓީގައި ހިމެނޭ މާލެ، ވިލިމާލެ، ހުޅުމާލޭގައި ބާއްވަން ބޭނުންވާ ފަރާތްތަކުން އެކަމަށް ބޭނުންވާ މައުލޫމާތު ފުރިހަމަ ކުރުމަށްފަހު ފޯމް ހުށަހެޅުމަށް އެދޭ ކަމަށެވެ. އެކަމަށް އެދޭ ފޯމް އެ ކައުންސިލުން ލިބެން ހުންނާނެ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު