ރާއްޖޭގައި ފަށާ ހޯމް ސްޓޭ މޮޑެލަކީ ދުނިޔެ ނަކަލުކުރާނެ މޮޑެލަކަށްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ހޯމްސްޓޭ އަކީ މީހުން ދިރިއުޅޭ ގެއެއްގައި ޓޫރިސްޓަކު އަގުދީގެން ހުންނަ ހުރުމެވެ. އެ ހުންނަ ހުރުމުގައި ގޭތެރޭގެ ވަސީލަތްތަކާއި ގޯތިތެރޭގެ ވަސީލަތްތައް ވެސް އެ ގެއެއްގެ ދިރިއުޅޭ މީހުންނާ އެކު ފަތުރުވެރިޔާއަށް ވެސް ހިއްސާކޮށް އުޅޭ އުޅުމެވެ.

އަންނަ އަހަރު ޖެނުއަރީ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ފަށަން މަސައްކަތް ކުރަމުން އަންނަ ހޯމް ސްޓޭ ޓޫރިޒަމް ފަށާ ފުރަތަމަ ރަށުގެ ގޮތުގައި ކަނޑައަޅަފައި ވަނީ މ. ދިއްގަރެވެ. ރިހާކުރު ހެދުމަށް މަޝްހޫރު ދިއްގަރު، "ރިހާކުރު އައިލެންޑު" ޓެގްލައިންގައި އިސްތިހާރު ކުރަމުންދާ އިރު، އެރަށު ކައުންސިލުގެ އަމާޒަކީ އެންމެ ފުރަތަމަވެސް 30 ކޮޓަރިން އެ މޮޑެލް ފެށުމެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، މިއަހަރަށް އަމާޒު ހިފި އަދަދަށް ފަތުރުވެރިން މިހާރު ރާއްޖެ އައިސްފައިވާ ކަމަށާއި އުންމީދަކީ މިއަހަރު ނިމެންވާއިރަށް 1.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށެވެ. އަދި 2019 ވަނަ އަހަރުގެ ބެޑް އޮކިއުޕެންސީއަށް ވުރެ މިއަހަރުގެ ބެޑް އޮކިއުޕެންސީ އިތުރުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން މުޅިން އެހެން ދިމާލަކަށް ގެންދަންޖެހޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ އާދަކާދަތަކާއި ސަގާފަތް ފަތުރުވެރިންނަށް ދައްކުވައިދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.

އަދި ދިވެހިންވެސް ރާއްޖޭގެ އެއްރަށުން އަނެއް ރަށަށްދާ މިންވަރު އިތުރުކުރަންޖެހޭ ކަމަށާއި ހޯމް ސްޓޭ ތައާރަފުކުރުމުގެ މައިގަނޑު ބޭނުމަކީވެސް އެއީ ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގައި ތައާރަފުކުރާ ހޯމް ސްޓޭ މޮޑެލަކީ ދުނިޔެ ނަކަލު ކުރާނެ މޮޑެލަކަށް ހަދާނަން. އިންޑަސްޓްރީގެ ބޭފުޅުންނާއި ގުޅިގެން އެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މި އަންނަނީ" މިނިސްޓަރު ވިދާޅުވިއެވެ.