ޚަބަރު

ދިރާގާއި ޔޫއެންޑީޕީ ގުޅިގެން ތިމާވެއްޓާ ގުޅޭ ކުރު ފިލްމުތައް ހަދަން ދަސްކޮށްދޭ ވޯކްޝޮޕެއް ފަަށައިފި

އަލީ ޔާމިން

ތިމާވެށި ރައްކާތެރިކުރުމަށް ބާރުއަޅައި، ކުރި ފިލްމު ހަދަން ދަސްކޮށްދޭ ވޯކްޝޮޕެއް ދިރާގާއި ޔުނައިޓެޑް ނޭޝަނަލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން ފަށައިފިއެވެ.

ދިރާގުން ބުނީ، "ފިލްމް ފޯ ޗޭންޖް، ކްލައިމެޓް އެޑިޝަން"ގެ ނަމުގައި ދިހަ ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ އެ ވޯކްޝޮޕުގެ މަގުސަދަކީ، ފިލްމުތަކެއްގެ ޒަރީއާއިން ތިމާވެއްޓަށް ޒުވާނުން އަހުލުވެރިކޮށް، ތިމާވެށި ހިމާޔަތްކުރުމަށް ބާރު އެޅުން ކަމަށެވެ.

ޔޫއެންޑީޕީން ބުނީ މި ޕްރޮޖެކްޓުގެ މަގުސަދަކީ ޒުވާނުން ބާރުވެރިކުރުވައި ރާއްޖޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާ މެދު ވިސްނައި އެކަމާ ގުޅިގެން ދިމާވާ މައްސަލަތައް ފިލްމުގެ ޒަރިއްޔާއިން ހާމަކޮށްދިނުން ކަމަށެވެ. މީގެ ސަބަބުން ޒުވާނުންނަށް މޯބައިލް ފޯނާއި ޓެބްލެޓް ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޑޮކިއުމަންޓްރީ ސްޓައިލް ފިލްމު ހެދުމަށް ބޭނުންވާ ފަންނީ ހުނަރުތަކާއި އުކުޅުތައް ދަސްވެގެންދާ ކަމަށްވެސް ބުންޏެވެ.

ޔޫއެންޑީޕީން ބުނީ، އެ ޕްރޮޖެކްޓުގައި ހިމެނެނީ ތަމްރީން ބަޔަކާއި ޕޯސްޓް ޕްރޮޑަކްޝަން ބައެއް ކަމަށެވެ. އަދި ކޮންމެ ބައެއްވެސް ކުރިއަށް ދާނީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ތަޖުރިބާކާރުންގެ އިރުޝާދުގެ ދަށުން ކަމަށާއި ޕްރޮޖެކްޓް ނިމިގެންދާ އިރު، ބައިވެރިން ގުރޫޕުތަކަށް ބަހާލެވި މި އަހަރުގެ ޝިޔާރަށް (ތިމާވެއްޓަށް އަންނަ ބަދަލުތައް) ފަސް ކުރު ފިލްމު ތައްޔާރުކުރާނެ ކަމަށް ބުންޏެވެ.

މި ވޯކްޝޮޕްގެ ބައިވެރިން ހަދާ ފިލްމުތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ފިލްމު ހޮވައި ދިރާގާއި ޔޫއެންޑީޕީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ސްކްރީން ކުރާނެއެވެ.