އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކޮށް އެ ބޭފުޅުންގެ މަސައްކަތްތަކާ މެދު ސުވާލުކޮށް ބެލުމަށްފަހު، ޕާފޯމަންސް ދަށް ކަމަށް ކޮމިޓީއަށް ފެންނަ މެންބަރުން ކޮމިޝަނުން ވަކިކުރުމުގެ މަސައްކަތް ކުރުމަށް އެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިދިޔަ ހަފުތާގައި ވަނީ، އޭސީސީގެ މެންބަރުންނާ ބައްދަލުކޮށް އެ ކޮމިޝަންގެ މަސައްކަތްތަކާ ބެހޭގޮތުން ސުވާލުކޮށްފައެވެ. ނަމަވެސް އެ ކޮމިޝަންގެ މަސައްކަތްތައް ކުރިއަށްގެންދާ ގޮތާމެދު ހިތްހަމަނުޖެހޭކަން ކޮމިޓީ މެންބަރުން ވަނީ ފާޅުކުރައްވައިފައެވެ.
އެކަމާ ގުޅިގެން ކޮމިޓީން ގޮތެއް ނިންމުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، އޭސީސީގެ މެންބަރުން އެ ކޮމިޝަނަށް އައްޔަންކުރި ފަހުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއި، ދިވެހި ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް ކޮށްފައިވާ މަސައްކަތްތަކާއި، އެ މައްސަލަތަކުގެ ތެރެއިން ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައިވާ މައްސަލަތަކުގެ އަދަދާއި، ތަހުގީގު މަރުހަލާގައި ހުރި މައްސަލަތަކުގެ މައުލޫމާތު، ހޯދުމަށްފަހު ކޮމިޝަންގެ މެންބަރުން ވަކިވަކިން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށް އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ހުށަހެޅުއްވިއެވެ.
އެ ހުށަހެޅުއްވުމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް ތާއީދުކުރެއްވިއެވެ. އަދި އެ ކޮމިޝަންގެ މެންބަރުންނާ ކޮމިޓީން ވަކިވަކިން ސުވާލުކޮށް މެންބަރުންގެ ޕާފޯމަންސް ބެލުމަށްފަހު ޕާފޯމަންސް ދަށް މެންބަރުން ކޮމިޝަނުން ވަކިކުރުމުގެ މަސައްކަތް ކުރުމުގެ ބައި ހަސަން އަހުމަދުގެ ހުށަހެޅުމަށް އިތުރުކުރުމަށް ވެސް ހުސެއިން ޝަހީމު ހުށަހެޅުއްވިއެވެ.
އޭނާ ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލަ ފަދަ ދައުލަތުން ބޮޑެތި އަދަދުތަކުގެ ފައިސާ ގެއްލިފައިވާ މައްސަލަތަކުގައި އޭސީސީއަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަތައް ނިންމުމަށް އެ ކޮމިޝަންގެ މެންބަރުން ކޮމިޓީއަށް އެތައް ފަހަރަކު މުހުލަތުތައް ދިން ނަމަވެސް އެއާ އެއްގޮތަށް މަސައްކަތް ކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ކޮމިޝަނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް، އެކަންތައްތައް ލިޔެގެން މަސައްކަތްކުރަން އެދިފައިވީ ނަމަވެސް އެކަންތައް ކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި މެންބަރުން ބޭނުންވާގޮތަށް ކޮމިޝަންގެ އެތެރޭގެ ހިންގުމަށް ބަދަލު ގެނައުމަށް ކޮމިޓީން އަންގާފައިވާއިރުވެސް އެ މަސައްކަތް ކޮށްފައި ނުވާ ކަމަށާއި، ކޮމިޝަންގެ މަސައްކަތްތަކަށް ބޭނުންވެގެން އިތުރު ކަމެއް ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅުންހުރި މައްސަލަތަކުގެ ތެރެއިން ކޮންމެ މައްސަލައެއް ނިންމުމަށް އަށް މަސްދުވަސް ހޭދަވާ ކަމަށް އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވެފައިވާ އިރު، އެއީ ރައްޔިތުން ބަލަން ތިބޭނެ ކަމެއް ނޫން ކަމަށާއި އެއީ އޭނާވެސް ގަބޫލުކުރާ ކަމެއް ނޫން ކަމަށް ވެސް ހުސެއިން ޝަހީމު ވިދާޅުވިއެވެ.
އެހެންކަމުން ހުސެއިން ޝަމީމު ހުށަހެޅުއްވި ގޮތަށް އޭސީސީ މެންބަރުންގެ ތެރެއިން ޕާފޯމަންސް ދަށް ކަމަށް ކޮމިޓީއަށް ފެންނަ މެންބަރުން ކޮމިޝަންގެ މެންބަރުކަމުން ވަކިކުރުމުގެ މަސައްކަތް ކުރުމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ތާއީދުކުރެއްވިއެވެ.
އެގޮތަށް ކުރިއަށް ގެންދަން ކޮމިޓީން ފާސްކުރީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު