ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމާމެދު ވަކިގޮތެއް އަދި ނުނިންމާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ބުނެފިއެވެ.
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ޑރ. ޒިޔާދުގެ މައްޗަށް ސާބިތުނުވާކަމަށް ކުރިމިނަލް ކޯޓުން ހުކުމްކުރީ މި މަހުގެ ދެ ވަނަ ދުވަހުއެވެ. ކުރިމިނަލް ކޯޓުގެ ހުކުމްތައް ހައި ކޯޓުގައި އިސްތިއުނާފު ކުރެވޭނީ 60 ދުވަހުގެ ތެރޭގައެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު "ވަން" އަށް ވިދާޅުވީ ޑރ. ޒިޔާދުގެ މައްސަލަ އިސްތިއުނާފު ކުރުމާމެދު އަދި އެއްވެސް ގޮތެއް ނިންމާފައިނުވާ ކަމަށެވެ. އެކަމާ މެދު ގޮތެއް ކަނޑައެޅުމަށް އަދި މަހެއް ވަރު ބާކީ އެބައޮތް ކަމަށެވެ.
ޑރ. ޒިޔާދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލީ، ޒިކުރާ މިސްކިތް ހުރި ބިިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި މައްސަލައިގައެވެ.
ޑރ. ޒިޔާދުގެ މައްޗަށް ދައުވާ ކޮށްފައިވަނީ އޭނާ، އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ޒިކުރާ މިސްކިތް ހުރި ބިމުގައި ދިހަ ބުރީގެ އިމާރާތެއް އަޅައި އޭގެތެރެއިން ހަ ބުރި އެސްޖޭ ކޮންސްޓްރަކްޝަނަށް އަދި ހަތަރު ބުރި ދައުލަތަށް ލިބޭ ގޮތަށް ޕްރޮޕޯސަލްގައި އޮއްވައި، ދައުލަތަށް ތިން ބުރި އަދި އެސްޖޭ ކޮންސްޓްރަކްޝަނަށް ހަތް ބުރި ލިބޭ ގޮތަށް އެއްބަސްވުން ހެދި ކަމަށް ބުނެއެވެ.
ދައުލަތަށް ގެއްލުންވާ ގޮތަށް އެސްޖޭ ކުންފުންޏަށް އެކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށްވެސް ދައުވާގައި ވަނީ ބުނެފައެވެ.
އެ މައްސަލަ ބެލުމަށްފަހު ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ، ޑރ. ޒިޔާދުގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ހުށަހަޅާފައި ނެތުމުން، ކުށް ސާބިތުނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު