ޚަބަރު

ބަޖެޓް 2022: އައްޑޫގެ ރިސޯޓުތައް އަވަހަށް ހުޅުވައި، ސީޕޯޓާއި އެއާޕޯޓުގެ މަސައްކަތް ފަށަން ގޮވާލައިފި

އިބްރާހިމް ޒަކީ

އައްޑޫ ސިޓީގެ ރިސޯޓުތައް ވަގުތުން ހުޅުވައި، އެ ސިޓީގައި ބައިނަލްއަގުވާމީ ސީޕޯޓަކާއި އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ފަށަން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ގޮވާލައްވައިފިއެވެ.

އަންނަ 2022 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ބަހުސްގައި ވާހަކަދައްކަމުން މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ މަޝްރޫއުތައް ތަންފީޒުކުރުމުގައި ލަސްތަކެއް ހުރި ނަމަވެސް އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތައް ފުރިހަމަ ގޮތުގައި ކުރިއަށްދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ނަމަވެސް ހަމައެކަނި އަދަދުތަކެއް ޖަހައިގެން ބަޖެޓު ފާސްކުރުމަކީ އެކަމުން ރައްޔިތުންނަށް މަންފާއެއް ކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް ބަޖެޓުގައި ހިމަނަން ވާނީ ތަންފީޒު ކުރެވޭނެ ގޮތަކަށް ކަމަށެވެ. އެގޮތުން ނުވަ މިލިއަނާއި 12 މިލިއަނާ ދެމެދުގެ މަޝްރޫއުތައް 180 ދުވަހާއި 360 ދުވަހުގެ ތެރޭގައި ނިންމޭ އިރު، ތިން އަހަރު ދުވަހުގެ ތެރޭގައި ހަ ކުލާސްރޫމު ނިންމަން ބަޖެޓުގައި ހިމެނުމަކީ ރައްޔިތުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ އައްޑޫ ސިޓީގެ ނަރުދަމާގެ މަޝްރުއަކީ 11 އަހަރު ދުވަސް ވެފައިވާ މަޝްރޫއެއް ކަމަށާއި ނަމަވެސް އަދިވެސް އެތައް ގެއަކަށް ހޮޅި ގުޅައިދެވިފައިނުވާ ކަމަށެވެ. އެހެންކަމުން އެ އަހަރެއްގެ ބަޖެޓުގައި ހިމަނާ ޕްރޮޖެކްޓުތަަކަކީ އެ އަަހަރަކު ހިންގޭނެ ޕްރޮޖެކްޓުތަކެއްގެ ގޮތުގައި ހަދައިދިނުމަށް އެދޭ ކަމަށްވެސް ވިދާޅުވިއެވެ.

ޕްރޮޖެކްޓުތައް ބަޖެޓުގައި ހިމެނުމަށްފަހު ކުރިއަށް ނުގެންދިއުމަކީ ރައްޔިތުން ކަންބޮޑުވެ އެކަމާމެދު ސުވާލު ކުރާ ކަމެއްކަން ފާހަގަކޮށް އޭނާ ވިދާޅުވީ، ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށާއި ހިތަދޫ ބިން ހިއްކުމަށް ބަޖެޓުގައި މީގެކުރިންވެސް ހިމަނައި އެ މަސައްކަތް ފެށިފައިނުވާތީ ރައްޔިތުން ކަނބޮޑުވާ ކަމަށެވެ.

އަދި އައްޑޫ ސިޓީގެ އިގުތިސާދު ރަނގަޅުވެ ރައްޔިތުންގެ ޖީބަށް ފައިސާ އިތުރުވާނީ، ވެފައިވާ ވައުދުތަކާ އެއްގޮތަށް އައްޑޫ ސިޓީގައި ޓޫރިސްޓް އެނދު އިތުރުކޮށް، އެއާޕޯޓުގެ ހަރަކާތްތައް އިތުރުކޮށް ޓޫރިޒަމްގެ ހަރަކާތްތައް ހިންގައިގެން ކަމަށާއި އެކަން ނުކޮށް އަހަރަކު ގާތްގަނޑަކަށް ފަސްދޮޅަސް ހާސް މިލިއަން ރުފިޔާ އެއާޕޯޓަށް ހަރަދުކުރުމަކީ ބޭނުން ހިފޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މެމްބަރު އަހުމަދު ރަޝީދު ވަނީ ބަޖެޓް ތަންފީޒުކުރުުމުގައި އައްޑޫ ސިޓީގައި އެއާޕޯޓުގެ މަޝްރޫއުތައް ހިންގައި ބައިނަލްއަގުވާމީ ސީޕޯޓުގެ މަސްކަތްތަކާއި ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ގޮވާލައިފައެވެ. އަދި އައްޑޫގައި ބޯހިޔާވަހިކަމަށް ފުލެޓް ނިޒާމެއް ގާއިމުކޮށްދިނުމަށާއި ހޯމް ސްޓޭގެ ހުއްދަ މިހާރުން މިހާރަށް ދިނުމަށްވެސް ގޮވާލެއްވިއެވެ.