މަސައްކަތްތެރިންގެ ކަންކަން ކަށަވަރު ކޮށްދިނުމަކީ އަބަދުވެސް އެމްޑީޕީގެ އަމާޒު ކަމަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މިއަދު ފުރަތަމަ ފަހަރަށް މިނިމަމް ވޭޖް ކަނޑައަޅައި އިއުލާނު ކުރުމާ ގުޅިގެން އެކަމަށް މަރުހަބާ ދަންނަވައި، ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ކޮންމެ މެނިފެސްޓޯއަކާއި އެޖެންޑާ 19ގައި ވެސް ބުނެފައިވާ އެންމެ ކުޑަ އުޖޫރަ މިއަދު ކަނޑައެޅިގެން ގޮސްފައިވާ ކަމަށެވެ.
"ރާއްޖޭގެ މަސައްކަތްތެރިންނަށް ކަންކަން ކަށަވަރު ކޮށްދިނުމަކީ އަބަދުވެސް އެމްޑީޕީގެ އަމާޒު. ސަރުކާރާއި މަޖިލީހަށް މަރުހަބާ،" ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖުތަކެއް ކަނޑައަޅައި، އެކަން ރަސްމީކޮށް އިއުލާނުކޮށްފައިވަނީ މިއަދު ހޮޓެލް ޖެންގައި ބޭއްވި ޖަލްސާއެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.
މިނިސްޓަރު މިއަދު އިއުލާން ކުރެއްވި މިނިމަމް ވޭޖްގެ ދަށުން ކުދި ފަންތީގެ ވިޔަފާރިތަކަށް ކަނޑައެޅި އަދަދަކީ ގަޑިއިރަކަށް 21.63 ރުފިޔާގެ މަގުން މަހަކަށް 4،500 ރުފިޔާއެވެ. އަދި ބޮޑެތި ވިޔަފާރިތަކަށް ލަފާދިން އަދަދު ދަށްކޮށް ކަނޑައެޅި އަދަދަކީ 8،000 ރުފިޔާއެވެ.
ޕްރައިވެޓް ސެކްޓާގެ މެދު ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 33.65 ރުފިޔާގެ ނިސްބަތުން މަހެއްގެ މައްޗަށް 7,000 ރުފިޔާ ދިނުމަށެވެ. އަދި ޕަބްލިކް ސެކްޓަރުގައި ހަ ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކަށް 7،000 ރުފިޔާ ނުވަތަ ހަ ގަޑިއިރަށްވުރެ މަދުން މަސައްކަތްކުރާ ފަރާތްތަކަށް ގަޑިއިރަކަށް 33.65 ރުފިޔާގެ މަގުން ދިނުމަށެވެ.
މިނިމަމް ވޭޖް ކަމަށް ބަލާފައިވަނީ ވަޒީފާގެ އެއްބަސްވުމުގެ ދަށުން ލިބޭ ފިކްސްޑް އެލަވަންސް އަށެވެ. އޭގެ ތެރޭގައި ފުޑް އެލަވަންސް، ރޯދަ މަހުގެ އިނާޔަތް، އިތުރުގަޑީގެ ފައިސާ، ސާވިސް ޗާޖް ކަހަލަ އިންކައިންޑް ބެނެފިޓްސް ނުހިމެނޭނެއެވެ.
މިނިމަމް ވޭޖް ބޯޑުން ލަފާދިން އަދަދުތަކަށް މިނިސްޓަރު ބަދަލެއް ގެނެސްފައިވަނީ ހަމައެކަނި ޕްރައިވެޓް ސެކްޓާގެ ކުދި ފަންތީގެ ވިޔަފާރިތަކުން ދޭންޖެހޭ އެންމެ ކުޑަ މުސާރައަށާއި ޕްރައިވެޓް ސެކްޓާގެ ބޮޑެތި ވިޔަފާރިތަކުން ދޭންޖެހޭ އެންމެ ކުޑަ މުސާރައަށެވެ.
އެގޮތުން މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރު ފައްޔާޒަށް ލަފާ ދިނީ ޕްރައިވެޓް ސެކްޓާގެ ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 24.04 ރުފިޔާގެ ނިސްބަތުން މަހެއްގެ މައްޗަށް 5,000 ރުފިޔާ ދިނުމަށެވެ. އަދި ޕްރައިވެޓް ސެކްޓާގެ ބޮޑެތި ވިޔަފާރިތަކަށް ގަޑިއިރަކަށް 42.79 ރުފިޔާގެ ނިސްބަތުން މަހެއްގެ މައްޗަށް 8,900 ރުފިޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު