ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ވީއައިޕީ ލައުންޖު ބޭނުންކުރެއްވުމަށް ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ދައުލަތުން 238،920 ޑޮލަރު (3.68 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

މަޖިލީހުން މިކަން ހާމަކޮށްފައިވަނީ، ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި މަޖިލިސް މެންބަރުން އެ މެންބަރުންގެ އާއިލާ އާއި ރައްޓެހިން ވީއައިޕީ ލައުންޖު ބޭނުންކުރުމަށް ހަރަދުކޮށްފައިވާ ގޮތުގެ ތަފްސީލު ހޯދަން ސޯޝަލް މީޑިއާ އެކްޓިވިސްޓް އައިމަން ލަތީފް މަޖިލިސް އިދާރާގައި އެދުމާ ގުޅިގެންނެވެ.

އައިމަންއަށް މަޖިލިސް އިދާރާއިން ފޯރުކޮށްދިން މައުލޫމާތުތަކުގައިވާ ގޮތުން، 2018 ވަނަ އަހަރުގެ ތެރޭގައި އޭރު އޮތް 18 ވަނަ މަޖިލީހުން ވީއައިޕީއަށް ޖުމުލަ 121،080 ޑޮލަރު (1.9 މިލިއަން ރުފިޔާ) ދައުލަތުން ވަނީ ހަރަދުކޮށްފައެވެ.

އެއީ މަޖިލިސް މެމްބަރުންނަށް 38،160 ޑޮލަރު (589،572 ރުފިޔާ)، މެންބަރުންގެ އަނބިދަރިންނަށް 31،440 ޑޮލަރު (485،748 ރުފިޔާ) އަދި މެންބަރުންގެ ރައްޓެހިންނާއި އާއިލާގެ މެންބަރުންނަށް 51،480 ޑޮލަރު (795،366 ރުފިޔާ) އެވެ.

ދެހާސް ނަވާރަވަނަ އަހަރުގެ އެއްބައިގައި އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހާއި އޭގެ ފަހުން އިންތިހާބުވި 19 ވަނަ މަޖިލީހުގެ މެންބަރުން ވީއައިޕީއަށް ޖުމުލަ 89،100 ޑޮލަރު (1.4 މިލިއަން ރުފިޔާ) ވަނީ ހަރަދުކޮށްފައެވެ.

އޭގެ ތެރެއިން މެންބަރުންނަށް 33،000 ޑޮލަރު (509،850 ރުފިޔާ) އަދި މެންބަރުންގެ އަނބިދަރިންނަށް 20،520 ޑޮލަރު (317،034 ރުފިޔާ)ގެ އިތުރުން މެންބަރުންގެ ރައްޓެހިންނާއި އާއިލާ މެންބަރުންނަށް 35،580 ޑޮލަރު (549،711 ރުފިޔާ) ހަރަދުކޮށްފައިވެއެވެ.

މިދިޔަ އަހަރު މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ވީއައިޕީއަށް ޖުމުލަ 28،740 ޑޮލަރު (444،033 ރުފިޔާ) ހަރަދުކޮށްފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ މެންބަރުންނަށް ހަރަދުކުރި 12،060 ޑޮލަރު (186،327 ރުފިޔާ) އާއި މެންބަރުންގެ އަނބިދަރިންނަށް ހަރަދުކުރި 7،500 ޑޮލަރު (115،875 ރުފިޔާ)ގެ އިތުރުން ރައްޓެހިންނާއި އާއިލާ މެންބަރުންނަށް ހަރަދު ކުރި 9،180 ޑޮލަރު (141،831 ރުފިޔާ) އެވެ.

މަޖިލިސް މެންބަރުންނަށް ވީއައިޕީ ބޭނުންކުރުމުގެ އުސޫލުގައިވާ ގޮތުން މަޖިލިސް މެންބަރަކާއި އެ މެންބަރެއްގެ އަނބިކަނބަލުންނަށް ނުވަތަ ފިރިކަލުންނަށާއި ދަރިންނަށާއި މައިންބަފައިންނަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގެ ހިދުމަތް ލިބޭނެއެވެ.