އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި، ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ކުރާ ދައުވާ ސާބިތުކުރުމަށް ހުށަހަޅާ ބައެއް ހެކިތައް ސިއްރު ކޮށްދިނުމުގެ އަމުރަކަށް ދައުލަތުން މިއަދު ކުރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ފައިސާ ލޯންޑާ ކުރި ކަމަށް ދައުލަތުން ތުހުމަތުކުރެއެވެ. އެ ދެ ކުންފުންޏަށް މަނީ ލޯންޑަރިންގެ ކުށުގެ ދައުވާކުރަނީ ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން 1.1 މިލިއަން ޑޮލަރު ހޯއްދަވައި، އެ ދެ ކުންފުނި މެދުވެރިކޮށް އެ ފައިސާ ލޯންޑާ ކުރި ކަމަށް ބުނެއެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ދައުލަތުން އެދުނީ، މައްސަލައިގައި ހިމެނޭ މޯބައިލް ފޮރެންސިކް އަދި ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓު ހިމެނޭ ސީޑީގެ މައުލޫމާތުތައް ރައްކާތެރިކުރުމުގެ އަމުރެއް ނެރެދިނުމަށެވެ. ދައުލަތުން އެގޮތަށް އަމުރު ނެރެދިނުމަށް އެދުނީ، ބައެއް މީހުންގެ ޒާތީ މައުލޫމާތާއި ތަހުގީގުކުރަމުންދާ ބައެއް ފަރާތްތަކާ ގުޅޭ މައްސަލަތަށް އޭގައި ހިމެނޭތީ ތަހުގީގަށް ނޭދެވޭ އަސަރުކޮށްފާނެތީ ކަމަށް ބުނެއެވެ.

ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ސަން އިންވެސްޓްމެންޓުގެ ފަރާތުން 37 ކަމެއް މިއަދު ހުށަހެޅިއެވެ. އެގޮތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ފަރާތުން ދައުވާ ފޯމު އަލުން އިސްލާހުކޮށް، ހުށަހެޅި އިރު، އިތުރު ތިން ކިތާބީ ހެއްކެއް ހިމަނާފައިވާކަން ފާހަގަކުރައްވައި އެ ތިން ކިތާބީ ހެކި ބަލައިނުގަތުމަށް ދިފާއީ ވަކީލު އަލީ ޝާހު އެދިވަޑައިގަތެވެ.

މީގެ އިތުރުން ދެވަނަ ފަހަރަށް ދައުވާ ފޯމު ހުށަހަޅައިގެން ކުރިއަށް ގެންދިޔަ އިރު، ގަޒިއްޔާ ނަންބަރު ބަދަލުވެފައި ނުވާ މައްސަލައިގެ އިތުރުން މައްސަލައާ ގުޅިގެން ހަތަރު ފަރާތަކަށް ދައުވާކުރި އިރު، އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅޭ އެންމެންގެ ބައި އެއް ގަޒިއްޔާ އެއްގައި ވަކިވަކިން ކުރިއަށް ގެންގޮސްފައިވާ މައްސަލަވެސް ޝާހު ހުށަހެޅުއްވިއެވެ.

އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހެކީގެ ގޮތުގައި ހުށަހަޅާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި ބައެއް ޝަފަވީ ހެކިން ބަލައިނުގަތުމަށްވެސް އޭނާ އެދިވަޑައިގަތެވެ.

ހެކި ސިއްރު ކުރުމާ ގުޅޭ ގޮތުން ދައުލަތުން ހުށަހަޅާފައިވާތީ ޝާހު ވިދާޅުވީ، ވަކި ލިޔުމެއް ސިއްރު ކުރުމަށް ހުށަހެޅިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އަދި އެފަދަ އަމުރަކަށް ދައުލަތުން ކުރިން އެދިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

ދިފާއުން ހުށަހެޅި 37 ނުކުތާއާ ގުޅޭ ގޮތުން ދައުލަތުން ބުނީ، ދައުވާ ފޯމު އިސްލާހުކޮށް، އަލުން ހުށަހަޅާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ދިފާއުން ބުނާ ވާހަކައަކީ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތް ހުށަހެޅުމެއް ކަމަށާއި ގަޒިއްޔާ ނަންބަރު ބަދަލުނުވާ ކަމަށް ކަނޑައަޅައި ދިނުމަށް ހުށަހެޅި ހުށަހެޅުމަކީވެސް ގާނޫނީ ބުރަދަނެއް ނެތް ހުށަހެޅުމެއް ކަމަށެވެ.

އޭގެ އިތުރުން ޒިޔަތާއި އަދީބު ހެކީގެ ގޮތުގައި ހުށަހަޅާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް އެދި، ހުށަހަޅާފައިވާ ސުޕްރީމް ކޯޓުގެ ގަޒިއްޔާއިން ބާރު ލިބިދެނީ ދައުލަތުގެ ނުކުތާތަކަށް ކަމަށްވެސް ދައުލަތުން ބުންޏެވެ. އަދި އެއް މުއްތަހަމު އަނެއް މުއްތަހަމާ ދެކޮޅަށް ހެކިބަސް ދިނުމަކީ ރާއްޖޭގެ ގާނޫނުލްއުގޫބާތުން ޖާގަދޭ ކަމެއް ކަމަށްވެސް ބުންޏެވެ.

ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަށް ހުށަހަޅުއްވަމުން ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގެ ދިފާއީ ވަކީލު އަލީ އަބްދުއްލަތީފު ވަނީ ދައުލަތުން ދެއްކި ބައެއް ވާހަކަތަކަށް ރައްދު ދެއްވައިފައެވެ. އެގޮތުން ހެކި ސިއްރުކުރުމަށް ދައުލަތުން އެދޭ އިރު، އެކަމަށް ހުށަހަޅަންޖެހޭ ފޯމު ދިފާއުއަށްވެސް ފޯރުކޮށްދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.

ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންއިންގެ ފަރާތުން 36 ހުށަހެޅުމެއް ހުށަހެޅި އިރު، އޭގެ ތެރޭގައި ގިނައީ ސަން އިންވެސްޓްމަންޓުގެ ފަރާތުން ވެސް ހުށަހަޅާފައިވާ ހުށަހެޅުންތަކެވެ. އަލީ އަބްދުއްލަތީފު ވިދާޅުވީ، ދައުލަތުން ހުށަހަޅާފައިވާ ބައެއް ލިޔެކިޔުންތައް ނުލިބޭ ކަމަށާއި ލިޔުންތައް ހަމަނުވަނީސް މައްސަލަ ކުރިއަށް ނުގެންދިއުމަށް އެދޭ ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން މައްސަލަ ބައްލަވާ، ކުރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލު ވިދާޅުވީ، ދެން އޮންނަ އަޑުއެހުމެއްގައި ލިޔެކިޔުންތައް ލިބިފައިވޭތޯ ވެސް ކަށަވަރު ކުރައްވާނެ ކަމަށެވެ.