އަންނަ ބުދަ ދުވަހު ގެ ރެއާއި ހަމައަށް ބަޖެޓް ޖަލްސާ ކުރިއަށް ގެންދަން ކަނޑައަޅައި، 2022 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް މިއަދު ބަހުސް ކުރަން ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ ވިދާޅުވީ، އަންނަ ބުދަ ދުވަހުގެ ރޭގެ ނިޔަލަށް ބަޖެޓް ބަހުސް ކުރިއަށްގެންދަން ގަސްތު ކުރައްވާ ކަމަށެވެ.
އެހެންކަމުން މިއަދާއި މާދަމާ އާއި ބުދަދުވަސް ހިމެނޭ ގޮތަށް މުޅި ދުވަހު މަޖިލީހުގައި ބަޖެޓް ބަހުސް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އީވާ ވިދާޅުވީ ބަޖެޓު ބަހުސްގައި ބައިވެރިވެވަޑައިގަންނަވަން އެދިވަޑައިގަންނަވާ މެންބަރުން ފުރުސަތަށް އެދިވަޑައިގަތުމުގެ މުއްދަތު މާދަމާ މެންދުރު 12:00 އާ ހަމައަށް އޮންނާނެ ކަމަށެވެ.
ބަޖެޓު ބަހުސްގެ މަރުހަލާގައި ކޮންމެ މެންބަރަކަށް 15 މިނިޓްގެ އެއް ފުރުސަތު ދޭ ގޮތަށް މަޖިލީހުގެ އާއްމު ކޮމިޓީން ވަނީ ފާސްކޮށްފައެެވެ. އަދި ބަޖެޓް ދިރާސާކޮށް ކޮމިޓީން މަޖިލިސް ތަޅުމަށް ހުށަހަޅައި ކޮމިޓީ ރިޕޯޓަށް ކުރިއަށް ގެންދާ ބަހުސް މަރުހަލާގައި ކޮންމެ މެންބަރަކަށް ހަތް މިނިޓިގެ ފުރުސަތު ދޭ ގޮތަށްވެސް ވަނީ ނިންމައިފައެވެ. އަދި ބަޖެޓް ބަހުސްގެ މަރުހަލާގައި މެންބަރުން ފާހަގަ ކުރައްވާ ކަންތައްތަކަށް ޖަވާބު ދެއްވުމަށް މިނިސްޓާ އޮފް ފިނޭންސް އިބްރާހިމް އަމީރަށް އެކި ފަހަރު މަތިން ޖުމުލަ 45 މިނިޓުގެ ވަގުތެއް ދިނުމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.