ސްރީ ލަންކާގައި މާދަމާ ފެށުމަށް ތައްޔާރުވެފައިވާ ޕްރައިމް މިނިސްޓާ މަހިންދަ ރާޖަޕަކްސާ ފޯ ނޭޝަންސް ކަޕުގެ ފައިނަލް މެޗުގެ ހާއްސަ މެހެމާނަކަށް ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯ ލަންކާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ލަންކާގެ ފުޓުބޯޅަ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ 19 ވަނަ ދުވަހު އޮންނަ ފޯ ނޭޝަންސް ކަޕުގެ ފައިނަލް މެޗުގެ ހާއްސަ މެހެމާނަކަށް ފީފާގެ ރައީސް އިންފެންޓީނޯ ވަޑައިގަންވާނެ ކަމަށާއި، ފީފާގެ ރައީސާއެކު ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާވެސް ފައިނަލް މެޗުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. ފީފާގެ ރައީސް ފައިނަލް މެޗަށް ވަޑައިގަތުމަކީ މުބާރާތަށް ލިބިގެންދާނެ ޝަރަފެއް ކަމަށާއި، މިފަހަރުގެ ފައިނަލް ތާރީހީ ފައިނަލަކަށް ވެގެންދާނެ ކަމަށްވެސް ލަންކާގެ ފުޓުބޯޅަ އިދާރާއިން ބުނެފައިވެއެވެ.

ރާއްޖޭގެ އިތުރުން ހޯސްޓް ގައުމު ސްރީ ލަންކާއާއި ސީޝެލްސް އަދި ބަންގުލަދޭޝް ވާދަކުރާ ފޯ ނޭޝަންސް ކަޕް މާދަމާ ހަވީރު ފަށާ އިރު، މުބާރާތުގެ ރަސްމީ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ރޭގައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

ލަންކާއިން ބާއްވާ ފޯ ނޭޝަންސް ކަޕުގެ މެޗުތައް ކުރިއަށްދާނީ ރޭސް ކޯސް ސްޓޭޑިއަމްގައެވެ. މުބާރާތަށް ހުރިހާ ޓީމުތަކެއްވެސް މިހާރު ލަންކާއަށް ގޮސް، ފަސް ތަރީގެ ހޮޓާތަކުގައި ކޭމްޕު ކޮށްފައިވާ ކަމަށް ފުޓުބޯޅަ އިދާރާއިން ބުނެފައިވެއެވެ. މުބާރާތަށް ހާއްސަކޮށް ވަކި ތައްޓެއް ފަރުމާކޮށްފައިވާ އިރު، ތަށީގައި ސްރީ ލަންކާގެ ހާއްސަ ގާސްޓް ސްޓޯންސް ޖަހާފައިވެއެވެ. އެ ތައްޓާއެކު ޗެމްޕިއަން ޓީމަށް 30،000 ޑޮލަރުގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމައިފައެވެ.

ފޯ ނޭޝަންސް ކަޕު ލަންކާއިން ބާއްވާނީ ސަޕޯޓަރުން ދަނޑަށްވެސް ވައްދައިގެންނެވެ. ފޯ ނޭޝަންސް ކަޕަށް ސަޕޯޓަރުން ނުވައްދާ ގޮތަށް ފުރަތަމަ އޮތް ނަމަވެސް ސަރުކާރުގެ މަޝްވަރާތަކަށްފަހު ނިންމާފައި ވަނީ މެޗުތައް ކުޅޭ ރޭސްކޯސް ސްޓޭޑިއަމްގެ ޖާގައިގެ ދެބައިކުޅަ އެއް ބަޔަށް ސަޕޯޓަރުން ވައްދާ ގޮތަށެވެ. ރޭސްކޯސް ސްޓޭޑިއަމްއަކީ 40،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމްއަކަށްވާ އިރު، ވިއްކާނެ ކަމަށް ބެލެވެނީ 20،000 ޓިކެޓެވެ. އޭގެ ތެރެއިން ހޯސްޓް ގައުމާ ދެކޮޅަށް ކުޅޭ ޓީމުތަކަށް އާންމު އުސޫލުންނަމަ ވިއްކާނީ ޖާގައިގެ 5-10 ޕަސެންޓު ޓިކެޓެވެ.

މެޗުތަކުގެ ޓިކެޓުތައް މިއަދު ވިއްކަން ފަށާފައިވާ އިރު، ފޯ ނޭޝަންސް ކަޕަކީ ލަންކާގެ ފުޓުބޯޅަ ތާރީހުގައިވެސް ފީފާ މެޗު ކަލަންޑަރުގައި ހިމެނޭނެ ގޮތަށް ކުޅޭނެ ފުރަތަމަ މުބާރާތެވެ.