މާދަމާ ސްރީ ލަންކާގައި ފަށަން ތައްޔާރުވެފައިވާ ބޮޑުވަޒީރު މަހިންދަރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މާދަމާ ލަންކާއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާގެ ދައުވަތަކަށް، ފޯ ނޭޝަންސް ކަޕުގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރައީސް ސޯލިހު މާދަމާ ލަންކާއަށް ވަޑައިގަންނަވާނެ ކަމަށެވެ.

ލަންކާގެ ރޭސް ކޯސް ސްޓޭޑިއަމްގައި މާދަމާ ހަވީރު ފޯ ނޭޝަންސް ކަޕް ފަށާނީ ބަންގުލަދޭޝްއާއި ސީޝެލްސް ވާދަކުރާ މެޗުންނެވެ. އެ މެޗުން މުބާރާތް ފެށި ނަމަވެސް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ރޭ ރާއްޖެއާއި ސްރީ ލަންކާ ވާދަކުރާ މެޗުގެ ކުރިންނެވެ. ފޯ ނޭޝަންސް ކަޕުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރާނީ ސްރީ ލަންކާއާއި ބަންގުލަދޭޝް އަދި ސީޝެލްސްއެވެ.

ރާއްޖެއާއި ލަންކާ ކުޅޭ މެޗު ޝެޑިއުލްކޮށްފައި އޮތީ ލަންކާ ގަޑިން މާދަމާރޭ 8:00 ޖަހާއިރު ކުޅޭ ގޮތަށެވެ. އެއީ ރާއްޖޭގެ ގަޑިން ރޭގަނޑު 7:30 ގައެވެ. މާދަމާ ރޭގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ އިތުރުން ސްރީލަންކާގެ ކުޅިވަރާ ބެހޭ ވަޒީރު ނަމާލް ރާޖަޕަކްސާ އަދި ރާއްޖޭގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ހުޅުވުމުގެ ކުލަގަދަ ހަރަކާތްތަކެއް ލަންކާ އެފްއޭއިން ރާވާފައިވާ އިރު، ރަސްމިއްޔާތުގައި ލަންކާގެ މަޝްހޫރު އާޓިސްޓުން ކަމަށްވާ ބަތިޔާއާއި ސަންތޫޝްގެ އިތުރުން އުމައިރާ އަދި ރަންދީރާއި ޓީމުގެ ހުށަހެޅުންތައް ފެނިގެން ދާނެއެވެ.

ފޯ ނޭޝަންސް ކަޕު ލަންކާއިން ބާއްވާނީ ސަޕޯޓަރުން ދަނޑަށްވެސް ވައްދައިގެންނެވެ. ފޯ ނޭޝަންސް ކަޕަށް ސަޕޯޓަރުން ނުވައްދާ ގޮތަށް ފުރަތަމަ އޮތް ނަމަވެސް ސަރުކާރުގެ މަޝްވަރާތަކަށްފަހު ނިންމާފައި ވަނީ މެޗުތައް ކުޅޭ ރޭސްކޯސް ސްޓޭޑިއަމްގެ ޖާގައިގެ ދެބައިކުޅަ އެއް ބަޔަށް ސަޕޯޓަރުން ވައްދާ ގޮތަށެވެ. ރޭސްކޯސް ސްޓޭޑިއަމްއަކީ 40،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމްއަކަށްވާ އިރު، ވިއްކާނެ ކަމަށް ބެލެވެނީ 20،000 ޓިކެޓެވެ. އޭގެ ތެރެއިން ހޯސްޓް ގައުމާ ދެކޮޅަށް ކުޅޭ ޓީމުތަކަށް އާންމު އުސޫލުންނަމަ ވިއްކާނީ ޖާގައިގެ 5-10 ޕަސެންޓު ޓިކެޓެވެ.

މެޗުތަކުގެ ޓިކެޓުތައް މިއަދު ވިއްކަން ފަށާފައިވާ އިރު، ފޯ ނޭޝަންސް ކަޕަކީ ލަންކާގެ ފުޓުބޯޅަ ތާރީހުގައިވެސް ފީފާ މެޗު ކަލަންޑަރުގައި ހިމެނޭނެ ގޮތަށް ކުޅޭނެ ފުރަތަމަ މުބާރާތެވެ.