އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް

ކާއްޓޭއާއި މުމްތާޒުވެސް ޗެލެންޖިން މަސައްކަތަކަށް، ނެތީ ވަގުތު!

ބަންގުލަދޭޝްގައި އަންނަ މަހު ބާއްވަން ނިންމާފައިވާ އޭވީސީ ސެންޓްރަލް ޒޯން މުބާރާތަށް ގައުމީ ފިރިހެން ވޮލީ ޓީމު ނުކުންނާނީ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ މުހައްމަދު ސާޖިދު (ކާއްޓޭ)އެވެ. އަންހެން ޓީމުގެ ކޯޗަކީ މަޝްހޫރު ކޯޗު މުމްތާޒް އަލީ (މުންތޭ)އެވެ. ދިވެހި ދެ ކޯޗުންވެސް ހަވާލުވީ ބޮޑު ޗެލެންޖަކާއެވެ. މުބާރާތަށް މާ ގިނަ ދުވަހެއް ދެން ނެތެވެ. ގައުމީ ވޮލީގެ ހަރަކާތެއް ނުބޭއްވި ދިޔަ މިދިޔަ ދެ އަހަރެއްހާ ދުވަހަށްފަހު ކުއްލިއަކަށް ޓީމެއް އެކުލަވާލަން ޖެހުމަކީ ދެ ކޯޗުންނަށްވެސް އޮތް އެންމެ ބޮޑު ޗެލެންޖެވެ.

"ގައުމީ ޓީމާ މި ހާވަލުވި އިރު، ގާތްގަނޑަކަށް ދެއަހަރު މިވީ ގައުމީ ޓީމުގެ ކުދިން ބޯޅައިގައި އަތް ނުލައި، ރަށް ރަށުގައި، އެކުދިންގެ ވަޒަނުގައި ތިބިތާ. ކުއްލި ގޮތަކަށް އަސްލު މުބާރާތް އައުން މިއީ ވަރަށް ބޮޑު ޗެލެންޖެއް. އެއީ މުބާރާތަކީ މެޑަލް ހޯދާފައިވާ މުބާރާތަކަށް ވުން. މި ލިބެނީ ގާތްގަނޑަކަށް 20 ވަރަކަށް ދުވަސް ފަރިތަކުރުންތަކަށް،" ކޯޗުކަމާ ހަވާލުވެ، ނޫސްވެރިންނަށް ދިން ހާއްސަ ޕްރެސްއެއްގައި ކާއްޓޭ ބުންޏެވެ.

މީގެ ކުރިން 2015 ވަނަ އަހަރު އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖެއަށް ރިހި މެޑަލް، އަދި 2016 ވަނަ އަހަރުގެ މުބާރާތުގައި ރާއްޖެއަށް ލޯ މެޑަލް ލިބިފައިވެއެވެ. އަދިވެސް އެ މުބާރާތުން ރާއްޖެއަށް މެޑަލްއަކަށް މަސައްކަތް ކުރަމުންދާ އިރު، އެންމެ ބޮޑު އެއް ޗެލެންޖަކީ ތައްޔާރީތަކަށް އޮތް ވަގުތެވެ. އޭގެ އިތުރުން ދެން އޮތީ ޓީމުތައް އިތުރުވުމުން އައި ޗެލެންޖެވެ. މިފަހަރު މި ޒޯންގައި ކުރިން ވާދަނުކުރާ ދެޓީމު ކަމަށްވާ ސްރީ ލަންކާއާއި ކަޒަކިސްތާނު ވާދަކުރާނެއެވެ.

"ސްރީ ލަންކާއާއި ކަޒަކިސްތާނު އޮތުމަކީވެސް އިތުރު ޗެލެންޖެއް. މިއީ މި ޒޯނުގައި ކުރިން ކުޅޭ ދެޓީމެއް ނޫން. މި ރީޖަންގެ ޓީމުތަކަށްވުރެ އާންމުކޮށް ފެންވަރު މަތިވާނެ ދެޓީމު އެ ދެޓީމަކީވެސް. އެއީ އިތުރު ޗެލެންޖެއް. ކުރީގައި ތައްޔާރުވި މުބާރާތުގައި މެޑަލް ހޯދަން އޮތީ ފަސޭހަ މަގެއް. އޭރު އޮތީ ހަމައެކަނި ސާކް ގައުމުތައް. އޭރު އޮތީ ވާދަކޮށް ބަލިކޮށްފައިވާ ޓީމުތައް މުޅިންވެސް. ނޭޕާލާއި އަފްގާނިސްތާނާއި ބަންގުލަދޭޝް ދެން އިތުރަށް އައީ ބޫޓާން. އެހެންވީމަ އޭރު އޮތް ގޮތަށް މުބާރާތަށް ދިޔަ ނަމަ ރަން މެޑަލްއަކަށް ވާދަ ކޮށްލެވުނީސް،" ކާއްޓޭ ބުންޏެވެ.

ކޮވިޑުގެ ކުރިން ސެންޓްރަލް ޒޯންގެ މުބާރާތް ބާއްވަން ގަސްދުކޮށްފައި ވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ދެ ކެޓަގަރީއަކަށް ބަހާލި އިރު، އެފަހަރު ރާއްޖެ ލައްވާލީ ބީ ކެޓަގަރީގައެވެ. މި ސަރަހައްދުގެ ޓީމުތައް ބީ ކެޓަގަރީގައި އެފަހަރު ކުޅެން ނިންމީ ސައުތު އޭޝިއަން ޗެލެންޖު ކަޕެވެ. އޭގެ އިތުރުން އަނެއް ކެޓަގަރީގައި ކުޅެން ނިންމީ ސެންޓްރަލް އޭޝިއަން ޗެލެންޖު ކަޕެވެ. އޭރު އޮތް ގޮތުން ކޮންމެ ކެޓަގަރީއަކުން އޭވީސީ މުބާރާތަށް ދާ ގޮތަށް އޮތީ ތިން ޓީމެކެވެ. އެހެން ނަމަވެސް އެ ދެ މުބާރާތްވެސް ކޮވިޑް 19ގެ ސަބަބުން ކެންސަލް ވެގެން ގޮސް، މިހާރު ނިންމާފައި ވަނީ ސެންޓްރަލް ޒޯންގެ އެއް މުބާރާތް ބޭއްވުމަށެވެ.

ކޯޗު ކާއްޓޭ ބުނީ ކުރިއަށް އޮތް 20 ވަރަކަށް ދުވަހުގައިވެސް ވެވެން އޮތް އެންމެ ރަނގަޅަކަށް ތައްޔާރުވާނެ ކަމަށާއި، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއެކު ވީއޭއެމްއިން ކުރި މަސައްކަތުގެ ތެރެއިން ބަހުރައިންގެ ކޭމްޕަކަށް ދެވެން އޮތް އޮތުން އެއީ ލިބޭ ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށެވެ. ކޭމްޕަށް ދާނެ ވަކި ދުވަހެއް ވީއޭއެމްއިން އަދި އިއުލާން ކޮށްފައި ނުވާ އިރު، ބެލެވޭ ގޮތުގައި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހު ގައުމީ ވޮލީ ޓީމު ބަހުރައިނަށް ފުރާނެއެވެ.

ވީއޭއެމްއިން މިހާރު ނިންމާފައިވާ ގޮތުގައި ގައުމީ ސީނިއާ ސްކޮޑުގައި ހިމެނޭ 12 ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިންނަކީ ޖޫނިއާ ޓީމުގެ ދެކުޅުންތެރިންނަށް ވާން ޖެހެއެވެ. އެހެންކަމުން ސީނިއާ ކުޅުންތެރިންނަށް ހާއްސަވެފައި ވަނީ މިހާރު ދިހަ ސްލޮޓެވެ. ކޯޗު ކާއްޓޭ ބުނީ ކިތަންމެ ގިނަ ސީނިއާ ކުޅުންތެރިން ތިބި ނަމަވެސް މިހާރު ނަގަން ޖެހޭނީ ދިހަ ކުޅުންތެރިން ކަމަށާއި، އެ ކްރައިޓީރިއާ ދޫކޮށްނުލާނެ ކަމަށެވެ.

އަންހެން ޓީމަށް މުހިންމު ކުޅުންތެރިންތަކެއް ގެއްލޭ، އެއީ ޗެލެންޖެއް

ގައުމީ އަންހެން ޓީމުގެ ކޯޗު މުންތޭއަށްވެސް ވަގުތުގެ ޗެލެންޖާއެކު އިތުުރު ޗެލެންޖުތައް ހުރި ކަމަށް އޭނާ ބުންޏެވެ. އޭގެ ތެރޭގައި މުހިންމު ބައެއް ކުޅުންތެރިން އާއިލީ ކަންކަމުގައި ޓީމާ ދުރުގައި ތިބުން އެއީ ގޮންޖެހުމެއް ކަމަށް މުންތޭ ބުންޏެވެ.

"މިއީ ޗެލެންޖިން ފަހަރަކަށްވާނެ. ޓީމަށް ތައްޔާރީތަކަށް ކުޑަ ދުވަސްކޮޅެއް ލިބިގެން ދަނީ. އަދި ފުލް ޓީމަށް ކުޅޭ ހަތަރު ވަރަކަށް ކުޅުންތެރިން ބަހައްޓާފައި ދާން މި ޖެހެނީ. އެއީ ވަރަށް ބޮޑު ގޮންޖެހުމެއް. ނޭޕާލް ޓީމަށް އެންމެ ބޮޑަށް ފޯކަސް ކުރަން ޖެހޭނީ. ޓީމެއް ތައްޔާރުކުރަން ފަސޭހަވާނީ ކުޅުންތެރިންގެ އެއްބާރުލުމާ އެކުގައި. ވޮލީ ލީގެއް ނެތް ދަނޑިވަޅެއްގައި ޓީމެއް ތައްޔާރުކުރަން އެއީ އުނދަގޫ މަސައްކަތެއް. ގައުމީ ޓީމުގެ ކޯޗަކަށް ކުރަން ޖެހޭ މަސައްކަތަށްވުރެ މާ ބޮޑު މަސައްކަތެއް މިހާރު ކުރަން ޖެހޭ،" މުންތޭ ބުންޏެވެ.

އެކަމާ ގުޅިގެން ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝްވެސް ވަނީ ޕްރެސްގައި ވާހަކަދައްކަވައިފައެވެ.

"އަންހެން ޓީމުގައި ގޮންޖެހުންތަކެއް އެބަހުރި. އަންހެން ކުދިންގެ ޓީމަކަށް ވާތީ އެބަހުރި ބައެއް އަމިއްލަ ކަންކަން. ރަނގަޅު ތިން ހަތަރު ކުޅުންތެރިޔަކު މިވަގުތު ދުރުގައި ތިބީ. މިސާލަކަށް ހައްވަ، ދެން ދެ ލިބަރޯ އަދި ސެންޓަ ބްލޮކަރު ސަހާވެސް މިވަގުތު ކުޅުމާ ދުރުގައި ތިބީ. ދެން ތުރުކެމެނިސްތާނުން ވެސް މުބާރާތަށް ފޮނުވަނީ 23 އަހަރުން ދަށުގެ ޓީމު ހަމަ. އެހެންވީމަ ޔޫތު ޓީމުގެ ކުޅުންތެރިންނަށްވެސް ބޮޑު ފުރުސަތެއް ދޭން އަންހެން ޓީމު ފޮނުވަން ގަސްދުކުރީ،" ރަނޭ ވިދާޅުވިއެވެ.

އަންހެން ޓީމުގެ ކޯޗު މުންތޭ ބުނީ ސްކޮޑަށް އަންނަ ކުޅުންތެރިންގެ ތެރެއިން ހަމަ އެންމެ ރަނގަޅު ކުޅުންތެރިން ނަގަން ބޭނުންވާ ކަމަށާއި، ސްކޮޑު ނެގުމުގައި ވަކި އުމުރެއް ނުބަލައި، މޮޅު ކުޅުންތެރިޔާ ޓީމަށް އަރާނެކަން ޔަގީން ކުރާނެ ކަމަށެވެ. ހާއްސަކޮށް ޒުވާން ވެގެން ނޫނީ ޖޫނިއާ ވެގެން ނުނެގޭނެ އެއްވެސް ކުޅުންތެރިޔަކު ނުހުންނާނެ ކަމަށް ކޯޗު ބުންޏެވެ. މުންތޭ ބުނީ އޭނާގެ ޓާގެޓަކީ ރިހި މެޑަލް ދިފާއުކުރުން
ނޫނީ ރަން މެޑަލްއަކަށް ދިއުން ކަމަށެވެ.