ދިވެހި ރައްޔިތުން އިސްލާމްދީނާއި ދުރުކޮށް، ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި އޮތް އޮތުން ނިމުކަށް ގެނެސް، މާތް ނަބިއްޔާއަށް ފުރައްސާކުރުމަށް ކުރަމުންދާ މަސައްކަތަށް ކުޑަ ނަމަވެސް ޖާގައެއް ނުދިނުމަށް އަޒުމުކަނޑައަޅައި، މަސައްކަތްކުރުމަށް އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ސިޔާމް ފޮނުއްވި ހިތާބުގައި ވިދާޅުވީ، ރާއްޖޭ އިސްލާމްވީ ދުވަސް ފާހަގަކުރަމުންދާ އިރު، ވިސްނާ ފިކުރުކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާތީ އެކަމާ ހަސަދަވެރިވާ ވަރަށް ގިނަ ބަޔަކު ތިބިކަން ވިސްނަންޖެހޭ ކަމަށާއި އަދި މިގައުމު ސައްތައިން ސައްތަ އިސްލާމް ގައުމެއްގެ ގޮތުގައި ކާބަފައިން އަހަރެމެންނާ ހަމައަށް ވާސިލުކޮށްދީފައި ވަނީ ދުނިޔޭގެ އެއްވެސް ގައުމެއް ނުވަތަ ޖަމާއަތެއްގެ ފިއްތުމަކަށް ބޯލެނބުމެއް ނެތި ހިތްވަރާ ކެރުންތެރިކަމާއެކު ފިސާރި ސާބިތުވެ ތިބެގެން ކަމުގައި ވިދާޅުވިއެވެ.
ސިޔާމު ވިދާޅުވީ، ބަވަނަވެފައިވާ ދުނިޔޭގައި އިސްލާމް ދީނުގެ މަތިވެރި ނިއުމަތުން ދިވެހިން ދުރުކޮށް، މާތް ނަބިއްޔާއަށް ފުރައްސާރަ ކުރުމަށް ކުރަމުންދާ މަސައްކަތުގައި މަދުން ނަމަވެސް ދިވެހިން ބައިވެރިވަމުންދާ ކަމީ ނުހަނު ހިތާމަ ހުރި ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ހަޔާތުގައި ދިވެހިންނަށް ލިބިގެންދިޔަ އެންމެބޮޑު ނިއުމަތަކީ މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި ނޫރުގެ ހިދާތަޔު ލިބުން ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު