ދިވެހި ސިވިލް ސާވިސް ގަވާއިދަށް މިފަހުން ގެނައި އިސްލާހަކީ، ކުރީގައި އޮތް ގަވާއިދަށްވުރެ ރަނގަޅު އިސްލާހެއް ކަމަށާއި އެކަމުގެ ސަބަބުން ސިވިލް ސާވިސް މުވައްޒަފުންނަށް ސިޔާސީ ހަރަކާތް ހިންގުން ފުޅާކޮށް މާނަކޮށް މުވައްޒަފުން ވަކިކުރުން ހަނިކޮށްފައިވާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފިއެވެ.

ސިވިލް ސާވިސްގެ ގަވާއިދަށް ގެނައި އަށް ވަނަ އިސްލާހާއެކު މުވައްޒަފުންގެ ހިޔާލުފާޅުކުރުމުގެ ހައްގަށް ހުރަސް އަޅާފައިވާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ގަވާއިދުގައިވާ ގޮތުން އޮފީހުގެ ރަސްމީ ގަޑީގައި ސިޔާސީ ވާހަކަދެއްކުމަކީ ފުރަތަމަ ދަރަޖައިގެ ކުށެކެވެ. އަދި ރަސްމީ ގަޑީގައި ސިޔާސީ ވާހަކަދެއްކުމާއި ސިޔާސީ ބަހުސް ކުރުމަކީ ދެވަނަ ދަރަޖައިގެ ކުށެކެވެ. މީގެ އިތުރުން މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުންވެސް ނުވަތަ ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަކީ ވަޒީފާއިން ވަކުކުރެވޭ ފަދަ ކުށެއްގެ ގޮތުގައި ގަވާއިދުގައި ވަނީ ކަނޑައަޅައިފައެވެ.

ވަޒީފާއިން ވަކިކުރެވޭ ފަދަ ކުށްތަކުގެ ތެރޭގައި މުވައްޒަފަކު އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުންވެސް ހިމެނެއެވެ. އަދި މުވައްޒަފަކު އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ މަގާމުގެ ހައިސިއްޔަތުން ހިދުމަތްދިނުމުގައި ސިޔާސީ ފިކުރާ ގުޅުވައި ތަފާތުކުރުންތައް ގެންގުޅުމަކީވެސް ވަޒީފާއިން ވަކި ކުރެވޭ ފަދަ ކުށެކެވެ.

ގަވާއިދަށް ގެނައި ބަދަލާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ފާތިމަތު އާމިރާ "ވަން" އަށް މިއަދު ވިދާޅުވީ ސިވިލް ސާވިސް ގަވާއިދަށް ގެނައި އިސްލާހާއެކު ސިވިލް ސާވިސް މުވައްޒަފުން ވަޒީފާއިން ވަކިކުރާ ކުރުން ލިމިޓް ކުރެވޭނެ ކަމަށެވެ. އަދި އެއީ ކުރީގެ ގަވާއިދަށްވުރެ ރަނގަޅު އިސްލާހެއް ކަމަށާއި ސިވިލް ސާވެންޓުންނަށް މިކަން ވަރަށް ސާފުކޮށް އެ މުވައްޒަފަކަށް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން އެނގޭނެ ކަމަށް ވިދާޅުވިއެވެ.

އާމިރާ ވިދާޅުވީ ގަވާއިދުގައި ކުރިން އޮތީ ސިޔާސީ ހަރާކާތް ކޮންމެ ފަދަ ގޮތަކަށް މާނަކޮށްގެންވެސް މުވައްޒަފަކާ ދޭތެރޭގައި ފިޔަވަޅު އެޅޭ ގޮތަށް ކަމަށާއި އެކަމަކު އަލަށް ގެނައި އިސްލާހުގައި އެކަން ހުއްޓުވާފައިވާ ކަމަށެވެ.

"މި އިސްލާހުގައި މާނަކޮށްފައި ވާނީ ގާނޫނުގައި އިން މިންވަރަށް ހަނިކޮށްފަ. ހަގީގަތަށް ބުނާނަމަ މިކަމުގެ ސަބަބުން މުވައްޒަފުންނަށް ހެޔޮ ބަދަލެއް ފެންނާނީ. މުވައްޒަފުންނަށް މިހާރު އެނގޭނެ ތިން ވަނަ ދަރައިޖައިގެ ކުށަކީ ކޮބައިކަން. ކުރިން އޮންނަ ގޮތުން ނަމަ މި ގަވާއިދާ ހިލާފަށް ސިޔާސީ ހަރަކާތް ހިންގުން ނުވަތަ ބައިވެރިވެއްޖެ ނަމަ ވަޒީފާ އިން ވަކިކުރެވިދާނެ ކަމަށް. އެކަމަކު މިހާރު އިންނާނީ ވަކި ކުރެވޭނީވެސް ވަކި ދަރަޖައެއްގެ ކުށެއް ކުރުމުން." އޭނާ ވިދާޅުވިއެވެ.

ގަވާއިދަށް އަލަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި ސިވިލް ސާވިސްގެ ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބެލުމަށްޓަކައި އޮފީހަށް ނުކުތުން މަނާ ކުރެވޭނެއެވެ. އަދި ވަކި ލައިސަންސެއް އޮވެގެން ވަޒީފާ އަދާކުރަންޖެހޭ މުވައްޒަފެއްގެ ލައިސަންސް ކަމާބެހޭ އިދާރާއަކުން ވަގުތީ ގޮތުން ހިފަހައްޓައިފި ނަމަ ނުވަތަ މުއްދަތު ހަމަވެއްޖެ ނަމަ މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް އޮފީހަށް ނުކުތުން މަނާކުރެވޭނެ ކަމަށްވެސް ގަވާއިދުގައިވެއެވެ.